މަތިވެރިވެގެންވާ ޙައްޖުގެ އަޅުކަމާ ގުޅުން ހުރި ދައިރާތަކުގައި މަސައްކަތްކުރާ މުވައްޒަފުން ތަމްރީނު ކުރުމުގެ މަސައްކަތް ސައުދީ އަރަބިއްޔާގެ ޙައްޖު އެންޑް އުމްރާ މިނިސްޓްރީން ފަށައިފިއެވެ.

މި ތަމްރީނުތައް އަމާޒުކޮށްފައިވަނީ "މިސާލު ދައްކައިގެން ބަދަލެއް ގެނައުން" މި ޝިއާރުގެ މައްޗަށެވެ.

ތަމްރީނުތަކުގެ ރޫޙަކީ، ޙައްޖުގެ މަތިވެރިކަމާ ޙައްޖާޖީންގެ މުހިންމުކަން ނުގެއްލޭ ގޮތަށް، މުވައްޒަފުންގެ އަމަލުތައް ބައްޓަން ކުރުމަށް ދަސްކޮށްދެވޭ ތަމްރީނުތަކެވެ.

ޙައްޖާ ޢުމްރާގެ އަޅުކަމާ ގުޅުންހުރި ދާއިރާތަކާ ހިދުމަތްތަކުގެ ފެންވަރު މިހާރަށްވުރެ ރަނގަޅުކޮށް، ހަރުދަނާ ކުރުމަކީ ސައުދީ ސަރުކާރުން އެންމެ ހާއްސަ އިސްކަމެއް ދީގެން ކުރަމުން އަންނަ މުހިންމު އެއް މަސައްކަތެވެ.

ސައުދީއަށް އިސްލާހީ ބަދަލުތަކެއް ގެނައުމަށް، ނުފޫޒުގަދަ ވަލީއަހުދު މުޙައްމަދު ބިން ސަލްމާންގެ އިސްނެންގެވުމުގެ ދަށުން އެކުލަވާލައްވާފައި "2030ގެ ތަސައްވުރު"ގައިވެސް، ޙައްޖާ ޢުމްރާ ވެރިންނަށް ފުރިހަމަ ދަތުރެއް ފަހިކޮށްދިނުން ހިމަނުއްވާފައިވެއެވެ.