މެދުއިރުމަތީގެ ސުލްހައާއި ގުޅިގެން އެމެރިކާ އިސްނަގައިގެން ބަހްރައިންގައި ކުރިއަށް ގެންދިޔަ މަސައްކަތު ބައްދަލުވުމުގައި ބައިވެރިވި ފަލަސްޠީނުގެ ވިޔަފާރިވެރިން، ފަލަސްތީނުގެ ޕީއޭ ސަރުކާރުން ހައްޔަރު ކުރަމުން ދާކަމަށް ޚަބަރު ލިބިއްޖެއެވެ.

ހުސްވި ހަފުތާގައި ބަހްރައިންގައި ކުރިއަށް ގެންދިޔަ އިގުތިސޯދީ ކޮންފަރެންސްގައި ބައިވެރިވި ވިޔަފާރިވެރިން ހައްޔަރު ކުރަމުން ދާއިރު، ފަލަސްޠީނުގެ މައި ސަރުކާރުންވަނީ މި ބައްދަލުވުންވެސް ބޮއިކޮޓްކޮށްފައެވެ.

ފަލަސްޠީމުގެ ރައީސް މަޙްމޫދު އައްބާސްގެ ތަރުޖަމާނެއް ކަމަށްވާ ނަބީލް އަބޫ ރުދައިނީ ވިދާޅުވީ، ބަހްރައިންގެ މަނަމާގައި ކުރިއަށްގެންދިޔަ ބައްދަލުވުން އިންތިހާއަށް ފެއިލްވެގެންދިޔަ ދިއުމަކީ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕަށް ލިބިވަޑައިގަންނަވާނެ ވަރުގަދަ މެސެޖެއްކަމަށެވެ.

މެދުއިރުމަތީގެ މަސްރަހާ ބެހޭ ގޮތުން ޓްރަމްޕަށް ލަފާއަރުވާ މުޝީރު އަދި ދަނބިދަރިކަލުން ޖެރާޑް ކުޝްނާ އިސްކޮށް ހުންނަވައިގެން ކުރިއަށްގެންދެވި މަސައްކަތު ބައްދަލުވުމުގައި ފަލަސްޠީނުގެ 15 ވިޔަފާވެރިއަކު ވަނީ ބައިވެރިވެފައެވެ. މައުލޫމާތު ލިބޭ ގޮތުގައި ފަލަސްޠީނުގެ ސާލަމަތީ ބާރުތަކުންވަނީ މި މީހުންގެ ގެތަށްވެސް ބަލާ، ފާސްކޮށްފައެވެ.

ފަލަސްޠީނުގެ ސަރުކާރުން އިސްރާއީލު ބޮއިކޮޓްކުރަމުންދަނީ، އިސްރާއީލުގެ ވެރިރަށަކީ ގުދުސްކަމުގައި އެމެރިކާގެ ސަރުކާރުން ބަލައިގެން ހިސާބުންނެވެ.