ކަނޑު ދަތުރު ކުރާ ހުރިހާ އުޅަނދުފަހަރެއްގައި ވެސް ޓްރެކިން ޑިވައިސް ހަރުކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަަމަށް އެމްއެންޑީއެފްގެ ކޮމާންޑާ އެންޑް ޗީފް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.
"ރައްޔިތުންގެ ހިދުމަތުގައި ސިފައިން" ގެ ނަމުގައި މިއަދު ބަންޑާރަކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޝަމާލް ވިދާޅުވީ، ކަނޑުމަތީގައި ހިނގާ ތަފާތު ހާދިސާތަކުގައި އެހީ ބެނުންވާ އުޅަނދުތަކަށް ވީ އެންމެ އަވަހަށް އެހީ ފޯރު ކޮށްދިނުމުގެ މަގު ފަހިކޮށްދިނުމަށް ކަނޑުމަތީ އުޅަނދުފަހަރުގައި ޓްރެކިން ޑިވައިސް ހަރު ކުރުމަކީ މުހިންމު ކަމެއް ކަމަށާއި އެކަމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ. ސަބަބެއް ކަމަށް ޝަމާލް ވިދާޅުވީ މިހާރު އެމްއެންޑީއެފަށް އެހީ ބޭނުންވާ ކަނޑު އުޅަނދުތައް އޮންނަ ހިސާބު ދެނެގަތުމަށް އުދަނގޫތަކެއް ކުރިމަތިވުމުގެ ސަބަބުން އެ ފަރާތްތަކަށް އެހީ ފޮރުކޮށްދިނުމަށް ގިނަ އިރު ނަގާ ކަމަށެވެ.
މީގެ އިތުރުން ޝަމާލް ވިދާޅުވީ، ދިވެހި ރާއްޖޭގައި މަސްވެރިކަން ކުރާ އުޅަނދުތައް ގިނަ ކަމަށާއި، ބައެއްފަހަރު މަސްވެރި ކަމުގައި ނިކުންނަ އުޅަނދުފަހަރު އެތައް މޭލެއް ބޭރަށް ނުކުންނަ ކަމަށެވެ. އެހެންކަމުން ދިމާވެދާނެ ހާދިސާއަކަށް އެފަދަ ފިޔަވަޅެއް އަޅާފައި ބެހެއްޓުމަކީ މުހިންމު ކަމެއް ކަމަށް ޝަމާލް ވިދާޅުވިއެވެ.
ވަރަށް ފަހުން ހުވަދޫ ކަނޑުގައި ބަޔަކު ބެހިގެން ދިމާވި ހާދިސާއަކަށް އަލި އަޅުވާލަމުން ޝަމާލް ވިދާޅުވީ، އެމްއެންޑީއެފްގެ ކޯސްޓްގާޑަށް އެ އުޅަނދު އޮތް ހިސާބަށް ދެވުނު އިރު، އެ އުޅަނދު ވަނީ ރިޕޯޓު ކުރި އިރު އޮތް ހިސާބަށްވުރެ 50 ނޯޓިކަލް މޭލު ބޭރަށް ނިކުމެފައި ކަމަށެވެ.
އެރެޔަކީވެސް ކަނޑު ގަދަ ރެއެއް ކަމުން ކަނޑުމަގުން އެ އުޅަނޑު އޮތް ހިސާބަށް ދިއުންވެސް ވީ ނުހަނު އުނދަގޫ ކަމެއް ކަމަށާއި އެހެން ނަމަވެސް އެމްއެންޑީއެފްގެ އޮފިސަރުންގެ ބުރަ މަސައްކަތުން އެ އުޅަނދު ސަލާމަތް ކޮށްފައިވާ ކަން ޝަމާލް ފާހަގަކުރެއްވިއެވެ. މިފަދަ ހާދިސާތައް ހިނގާ އިރު ދިވެހި ދިފާއީ ބާރުން ބޭނުންކުރާ ވައިގެ އުޅަނދުތައް މަދުވުމުގެ ސަބަބުން ވެސް އަވަސް ހިދުމަތެއް ފޯރުކޮށްދިނުމުގައި ދަތިތައް ހުރިކަމަށް ޝަމާލް ވިދާޅުވިއެވެ.