ކުޑަކުދިންގެ ބަގީޗާގައި އޮތް ކިނބުލަށް ވީ ގޮތެއް އެނގިފައި ނުވާކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.
ބަނޑާރަކޮށީގައި އެމްއެންޑީއެފް އިން މިއަދު ބޭއްވި ޕްރެސް ކޮންފަރެސްގައި ނޫސްވެރިންނަށް މައުލޫމާތު ދެމުން އެމްއެންޑީއެފުން ބުނީ ކުޑަކުދިންގެ ބަގީޗާގައި އޮތް ކިނބުލަށް ވީ ގޮތް އެމްއެންޑީއެފް އަށްވެސް ނޭނގޭ ކަމަށެވެ. އަދި އެ ކިނބުލަށް ވީ ގޮތް އެމްއެންޑީއެފް އިންވެސް ދަނީ ހޯދަމުން ކަމަށް ބުނެއެވެ.
އެމްއެންޑީއެފް އިން ބުނީ އެކަމާ ގުޅޭގޮތުން އާންމުންގެ ގިނަ ޝަކުވާ ތަކެއް އަދި ސުވާލުތަކެއް ހުރިނަމަވެސް އެކަމުގެ މާބޮޑު މައުލޫމާތެއް އެމްއެންޑީއެފް އަކަށް ނޭނގޭ ކަމަށެވެ. އަދި މިކަން ބެލުމަށްފަހު އާންމުކޮށް ކިނބުލަށް ވީ ގޮތެއްގެ މައުލޫމާތު ހިއްސާކުރާނެ ކަމަށްވެސް އެމްއެންޑީއެފް އިން ބުނެއެވެ.
އެމްއެންޑީއެފް އިން މިހެން ބުނެފައި ވީ ނަމަވެސް ރައީސް އަބްދުﷲ ޔާމީނުގެ ދައުރުގައި ކުޑަކުދިންގެ ބަގީޗާ އިތުރަށް ތަރައްގީ ކުރުމުމުގެ ނަމުގައި އެތަން ބަންދުކޮށް ކިނބޫ އެހެންތަނަކަށް ގެންދިޔަކަމަށް އޭރުގެ ސަރުކާރުގެ ބައެއް ވެރިން ބުނެފައި ވެއެވެ. 2015 ވަނަ އަހަރު އެމްއެންޑީއެފްގެ އޮފިޝަލަކު ވިދާޅުވެފައި ވަނީ ކިނބޫ ނުގެއްލޭ ކަމަށާ ރައްކާތެރި ތަނަކަށް ބަދަލު ކުރެވިފައި ވާކަމަށެވެ.
ކުދަކުދިންގެ ބަގީޗާގައި އޮތް ކިނބޫ ސިފައިން މަރާލިކަމަށްވެސް ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ކުރިން ވާހަކަ ދެއްކިއެވެ. އަދި ސިހުރު ހާހޫރައާ ކިނބުލާ ގުޅުވައިގެންވެސް ވާހަކަތައް ދެއްކިއެވެ.
ކުޑަކުދިންގެ ބަގީޗާގައި އޮތް ކިނބުލަކީ 1998 ވަނަ އަހަރު އަރިއަތޮޅު ދެކުނުބުރީ ތެލުވެލި ގާ ފަޅުތެރެއިން އަހުމަދު ސައީދެ (ގަހާ) ހިފާ ސިފައިންނާ ހަވާލު ކުރި ކިނބުލެކެވެ.