ހަނގުރާމައިގެ ސަބަބުން ސުންނާފަތި ވެފައިވާ ސޫރިޔާ އާރާސްތު ކުރުމަށް ޑޯނަރުން ފޯރުކޮށްދޭ އިންސާނިއްޔަތުގެ އެހީތެރިކަމާ، ގައުމު ބިނާކުރުމަށް ދެވޭ އެހީތެރިކަމަކީ، ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދާ، އަސަދަށް އެއްބާރުލުންދޭ ފަރާތްތަކުގެ ނާޖާއިޒު ފައިދާއަށް ވެގެންދާނެ އެހީތަކެއް ނޫންކަމުގައި ކަށަވަރު ކުރުމަށް، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާ، ހިއުމަން ރައިޓްސް ވޮޗްއިން ހުޅަނގަށް ގޮވާލައިފިއެވެ.

8 އަހަރުވީ ހަނގުރާމައިގެ ސަބަބުން މުޅި ގައުމުހެން އިނދަޖެހިފައި ވާއިރު، ސޫރިޔާއަށް ފޯރުކޮށްދެމުންދާ އެހީތެރިކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނާ ހަމައަށް ވާސިލުވުމަށް އެޅިފައިވާ އެންމެ ބޮޑު ހުރަހަކީ އަސަދުގެ "މުއްބާރު" ސަރުކާރެވެ. އެހީގެ ގޮތުގައި ލިބެމުންދާ ތަކެތި އާންމު ފަރުދުންނާ ހަމައަށް ފޯރުކޮށްދިނުމުގެ ބަދަލުގައި، އަސަދަށް ވަފާތެރި ފަރާތްތަކަށް ފޯރުކޮށްދެމުންދާކަމަށް ހިއުމަން ރައިޓްސް ވޮޗްއިން ބުނެއެވެ.

ބަނޑަށް ޖެއްސުމަކީ ސޫރިޔާ ސަރުކާރުން ބޭނުންކުރާ ހަނގުރާމައިގެ އުކުޅެއް ކަމަށް ބައިނަލްއަގުވާމީ މުޖުތަމައުން ބުނާއިރު، އަސަދުގެ ސަރުކާރުން ދަނީ މިކަމާ ދެކޮޅު ހަދަމުންނެވެ. އަސަދުގެ ސަރުކާރުން ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދެނީ، ސަރުކާރުގެ ކޮންޓްރޯލް އޮންނަ ސަރަހައްދުތަކަށް އެކަނި ކަމަށް ބުނާ އަޑުތައް ފެތުރެމުންދާއިރު، އަސަދުގެ ސަރުކާރުން މި ތުހުމަތުތަކަށް އިންކާރުކުރެއެވެ.

އެހީ ފޯރުކޮށްދިނުމުގައި މަސައްކަތްކުރަމުންދިޔަ މީހުންނާ ތަޖުރިބާކާރުންގެ ގާތުން އެއްކުރި މައުލޫމާތުގެ މައްޗަށް ބިނާކޮށް ހިއުމަން ރައިޓްޒް ވޮޗްއިން އެކުލަވާލާފައިވާ ރިޕޯޓް ބުނާ ގޮތުގައި، ސަރުކާރުން ކަނޑައަޅާފައިވާ ވަކި އުސޫލެއްގެ ދަށުން އެހީތެރިކަން ފޯރުކޮށްދިނުމަށް އދއާއި އެހީދޭ އެނޫންވެސް ޖަމާއަތްތަކަށް އަސަދުގެ ސަރުކާރުން ދަނީ މަޖުބޫރުކުރަމުންނެވެ.

ހިއުމަން ރައިޓްސް ވޮޗްއިން އާންމުކުރި ރިޕޯޓުގައި ބުނެފައިވަނީ، ސޫރިޔާ އާރާސްތުކުރުމަށް ކުރާ ދަތުރުގައި، ޑްރައިވަރުގެ ސީޓުގައި ތިބެންޖެހޭނީ، ސޫރިޔާއަށް އެހީތެރިކަން ފޯރުކޮށްދޭ ޑޯނަރުން ކަމަށެވެ.

މިދަނޑިވަޅަކީ ގައުމު އާރާސްތުކުރުމަށް ކަމަށް ބުނެ، ސޫރިޔާ ސަރުކާރުން އެތައް ބިލިއަން ޑޮލަރެއްގެ އެހީތެރިކަމަށް ހުޅަނގުގެ ގައުމުތަކުގެ ކިބައިން އެދެމުންދާ ދަނޑިވަޅެކެވެ. ކަންމިހެންއޮތްއިރު، އެމެރިކާއާއި ވިލާތުގެ އިއްތިހާދުގެ ގައުމުތަކުން ބުނަމުންދަނީ ސޫރިޔާއިން ސިޔާސީ އިސްލާހީ ބަދަލުތަކެއް ނުފެންނަނީސް އެހީތެރިކަން ފޯރުކޮށްދެވެން ނެތްކަމަށެވެ.

ސޫރިޔާ ސަރުކާރުގެ ބައިވެރިންގެ ގޮތުގައި އޮތް އީރާނާ ރަޝިޔާގެ އިގްތިސޯދަށް ބޮޑު ހީނަރުކަމެއް ކުރިމަތިވެފައިވާއިރު، ހުޅަނގު ފިޔަވާ އެހީއަށް އެދޭނެ އެހެން ބައެއް ނެތްކަން ހިއުމަން ރައިޓްޒް ވޮޗްގެ އެގްޒެކެޓިވް ޑައިރެކްޓާ ކިނެތް ރޮތް ވަނީ ފާހަގަކުރައްވާފައެވެ.