ސައުދީގެ ވަލީއަހުދު، ޒިންމާތައް އަދާކުރައްވަމުން ގެންދަވަނީ އާދަޔާ ހިލާފު ފުރިހަމަކަމަކާ އެކުގައި ކަމަށް ވިދާޅުވެ، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް، މުޙައްމަދު ބިން ސަލްމާން (އެމް.ބީ.އެސް)އަށް ތައުރީފު ކުރައްވައިފިއެވެ.

މިފަދަ މޭރުމަކުން ޓްރަމްޕް ވާހަކަފުޅު ދައްކަވާފައި މިވަނީ، ޖަޕާނުގައި މިހާރު ކުރިއަށްދާ އިގްތިސޯދީ ގޮތުން އެންމެ ކުރިއަރާފައިވާ 20 ގައުމު ނުވަތަ ޖީ ޓުވެންޓީ ސަމިޓްގެ ހަވާސާގައި، ސައުދީގެ ނުފޫޒުގަދަ ވަލީއަހުދާއެކު މިއަދު ހެނދުނު ކުރިއަށް ގެންދެވި ބައްދަލު ވުމެއްގައެވެ.

މިދަނޑިވަޅަކީ ސައުދީގެ ތަޖުރިބާކާރު ސިޔާސީ ނޫސްވެރިޔާ، ޖަމާލް ޚަޝޯގީގެ މަރާ ގުޅިގެން އެމް.ބީ.އެސްއަށް ބޮޑެތި ފާޑުކިއުންތަކަކާ ތުހުމަތުތަކެއް ބައިނަލްއަގުވާމީ ފެންވަރެއްގައި އަމާޒުކުރެވެމުންދާ ދަނޑިވަޅަކަށްވީ ނަމަވެސް، ޓްރަމްޕް ވިދާޅުވީ، އެމް.ބީ.އެސްއަކީ އެމަނިކުފާނުގެ ގާތް ރަހުމަތްތެރިއެއް ކަމަށެވެ.

ހެނދުނުގެ ރަސްމީ ނަސްތާއަކާއެކު ކުރިއަށްދިޔަ މި ބައްދަލުވުމުގައި، ޚަޝޯގީގެ މަރުގެ މައްސަލައާއި ގުޅޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވި ކަމެއް ނުވަތަ ނޫންކަމެއް އަދި ސާފުވާ ގޮތެއް ނުވެއެވެ.

ޚަޝޯގީގެ މަރުގެ މައްސަލާގައި އެމް.ބީ.އެސްއަށް ތުހުމަތުކުރެވޭ ކަންތައްތަކެއް ހުރި ކަމަށް އެމެރިކާގެ ޖާސޫސީ އިދާރާ (ސީ.އައި.އޭ)އިން ހިންގި ތަހުގީގުތަކުންވެސް ފެންނަން އޮތްއިރު، ޓްރަމްޕް ވަނީ މިކަމަށްވެސް ފުރަގަސްދެއްވާ، އެމް.ބީ.އެސް އާއި ގުޅުން ދަމަހައްޓަވާފައެވެ.

ތުރުކީވިލާތުގެ އިސްތަންބޫލްގައި ހުންނަ ސައުދީގެ ކޮންސިއުލޭޓް ތެރޭގައި ޚަޝޯގީ މަރާލާފައިވަނީ ދުރާލާ ރާވައިގެންނެވެ. އަދި މި އަމަލު ހިންގާފައިވަނީ އެމް.ބީ.އެސްގެ އޯޑަރަކަށް ހަރަކާތްތެރިވި ސައުދީގެ ޑެތް ސްކޮޑަކުން ކަމަށް ބުނާއިރު، މިކަމުގައި އެމް.ބީ.އެސްގެ ދައުރެއް ވާކަމަށް ދެކެވޭ ވާހަކަތަކަށް ސައުދީއިން އިންކާރުކުރެއެވެ.