ކިންގް ސަލްމާން މިސްކިތާ ދިމާލުން މާލޭގެ ތޮށިގަނޑު ބޭރަށް ޖެއްސުމަށް ނިންމާފައިވާ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ.
ޕްލޭނިން މިނިސްޓްރީން ބުނީ މާލޭ އިރުމަތީ ފަރާތުން ތޮށިގަނޑު ބޭރަށް ޖެއްސުމަށް ނިންމީ އުދަ އަރާ ދުވަސްވަރު އުދައިގެ އަސަރު މާލޭގެ މަގުތަކާ ހަމަޔަށް ކުރަމުންދާތީ އެކަން ކޮންޓްރޯލް ކުރުމުގެ ގޮތުން ކަމަށެވެ.
އެ މަސައްކަތަށް ބޭނުންވާ އެންވަޔަރުމަންޓް އިމްޕެކްޓް އެސެސްމެންޓު މިހާރު ހަދައި ނިމި، މިހާރު ވަނީ އާންމު ކޮށްފައެވެ. ޕްލޭނިން މިނިސްޓްރީ އިން ބުނީ މިހާރު ހަދާފައި އޮތް ޕްލޭނަށް އަދި ގެންނަން ޖެހޭ ބަދަލުތަކެއް ހުރި ކަމަށާ އެ ބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރު ކުރެވެމުން ދާކަމަށެވެ.
ޕްލޭނިން މިނިސްޓްރީ އިން ބުނީ މިހާރު އޮތް ތޮށްޓާ ގުޅުވައިގެން އެހެން ތޮށްޓެއް ހެދުމުގެ މަސައްކަތް މިއަރު ފަހުކޮޅު ފަށާނެ ކަމަށާ، އެ ތޮށްޓަކީ އުދައެރުމުން ސަލާމަތް ކުރުމަށް ހަދާ ތޮށްޓެއް ކަމަށެވެ.
މި ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ހަދާފައިވާ އީއައިއޭ ގައި ބުންފައި ވާގޮތުން މި ސަރަހައްދަށް އުދަ އެރުން ކޮންޓްރޯލް ކުރުމަށް މިފަދަ މަޝްރޫއެއް ކުރިއަށް ގެންދަން ނިންމުމުގެ މަގްސަދަކީ އެ ސަރަހައްދަކީ ކުރިއަށް އޮތްތަނުގައި މިހާރަށް ވުރެ ތަރައްގީ ކުރުމަށް ނިންމާފައި ވާ ސަރަހައްދަކަށް ވުމުން އެ ސަރަހައްދު އުދައިން ރައްކާތެރި ކުރުން ކަމަށް ވެއެވެ.
ޕްލޭނިން މިނިސްޓްރީން ބުނީ ތޮށިގަނޑު ދުރުކޮށްގެން ވެސް އުދައިން ރައްކާތެރި ނުކުރެވިއްޖެ ނަމަ އެ ސަރަހައްދުގައި ފަސޭހައިން ފެން ހިނދޭނެ ނިޒާމް ގާއިމު ކުރާނެ ކަމަށެވެ.