މަސްވެރިކަން ކުރަން އުޅުމުގެ ތެރޭގައި މިއަދު ލޮލަށް ބުޅިއެއް ހެރުނު މީހާ މާލެ ގެނެއްސިއެވެ.

އެމްއެންޑީއެފް އިން ބުނީ ލޮލަށް ބުޅިއެއް ހެރިގެން ޒަހަމަވި މީހާއަށް އިތުރު ފަރުވާ ދިނުމަށް މާލެ ގެނެސްދީފައި ވާކަމަށާ މިހާރު އޭނާއަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދާކަމަށެވެ.

އެމްއެންޑީއެފުން ބުނީ، އދ. މަންދޫގެ ހުޅަނގުން 111 ނޯޓިކަލް މޭލު ބޭރުގައި މަސްވެރިކަން ކުރަން އުޅުނު ދޯންޏެއްގައި ހުރި މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން އެ ހާދިސާގެ ރިޕޯޓު އެމްއެންޑީއެފަށް ލިބިފައި ވަނީ މިއަދު ހެނދުނު 09:47 ހާއިރު ކަމަށެވެ. އަދި އެތަނަށް ދެވުމާއެކު އޭނާ މާލެ ގެނައުމުގެ މަސްއްކަތް ފެށި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފްނު ބުނީ ބުޅި ހެރިފައި ވަނީ 'ދިރާސާ' ނަމަކަށް ކިޔާ ދޯންޏެއްގައި ހުރި 57 އަހަރުގެ ދިވެއްސެއްގެ ލޮލަށް ކަމަށެވެ.

ރާއްޖޭގައި ހިނގާ މިފަދަ ހާދިސާތަކުގައި އެމްއެންޑީއެފްގެ އެހީތެރިކަން ރައްޔިތުންނަށް ލިބެއެވެ. އެގޮތުން، މިމަހު ތިން ވަނަ ދުވަހު، މާލެ އިން ފުރައިގެން އައްޑޫ ސިޓީ އަށް ދަތުރު ކުރި 33 ފޫޓުގެ 'އުފުރިޔާ' ދޯނި ގެއްލުނު ދޯނި އެމްއެންޑީއެފުން ވަނީ ހޯދާފައެވެ.