ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ޖުޑިޝަލް ސާވިސް ކޮމިޝަން ޖޭއެސްސީ އަށް ޖަވާބު ހުށަހަޅުއްވާފައި ވާކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

ފަނޑިޔާރު ދީދީ އެ ކޮމިޝަނަށް ލިއުމުން ޖަވާބު ހުށަހަޅުއްވާފައި ވަނީ މިއަދު ކަމަށް ޖޭއެސްސީ އިން މިކަމާ ގުޅިގެން ކޮށްފައިވާ ޓްވީޓެއްގައި ވަނީ ހާމަކޮށްފައެވެ.

މިމަހުގެ 20 ވަނަ ދުވަހު ދަރުބާރު ގޭގައި އާންމުކޮށް ހުޅުވާލައިގެން ބޭއްވި އަޑުއެހުން ނިންމާލައިފައި ވަނީ ފަނޑިޔާރު ދީދީގެ މައްޗަށް ތުހުމަތު ކުރެވޭ ޖިނާއީ މައްސަލަތަކާ ގުޅިގެން ޖަވާބުދާރީ ވުމަށް 5 ދުވަހުގެ މުހުލަތެއް ދިނުމަށް ފަހުއެވެ.

މިމަހުގެ 20 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން ކުރެވޭ ސުވާލުތަކަށް ޖަވާބު ދެއްވަން ވަގުތު ބޭނުން ވާކަމަށާ، މިމައްސަލައާ ގުޅިގެން ހެކީގެގޮތުގައި ތަހުގީގުން ލިބުނު ލިޔެކިޔުންތަކުގެ ސައްޙަކަމާމެދު ސުވާލު އުފެދޭކަމަށް ދީދީގެ ފަރާތުން ތަކުރާރުކޮށް އަޑުއެހުމުގައި ބުނެފައެވެ. މި މައްސަލައިގެ އިތުރުން ފަނޑިޔާރު ދީދީގެ ޗެޓް ލޮގެއް ކަމަށް ބުނާ ޑޮކިއުމެންޓެއްގައި ހުރި ވާހަކަ ތަކާމެދު އޭނާއާ އަޑުއެމުގައި ވަނީ ސުވާލު ކޮށްފައެވެ.

ފަނޑިޔާރު ދިދީގެ ސުލޫކީ މައްސަލަތަކާއި ގުޅޭގޮތުން އާންމުކޮށް ހުޅުވާލައިގެން މިމަހުގެ 20 ވަނަ ދުވަހު ދަރުބާރުގޭގައި ކުރިއަށް ދިޔަ ބައްދަލުވުން ނިންމާލާފައި ވަނީ، މި މައްސަލަތަކާ ގުޅޭގޮތުން ދީދީގެ ވަކީލުންނާއި ޖޭއެސްސީގެ ކޮމިޓީ މެންބަރުންނާ ދެމެދު ބަހުސަކަށް ދިއުމަށް ފަހުގައެވެ.