ގާނޫނީ ވަކީލުންގެ ގިނަ ޒިންމާތަކާއި، ވަކީލުންގެ ކަންކަން ބަލަހައްޓާ ބާ ކައުންސިލް އުފައްދާ, ގާނޫނީ ފަންނުގެ ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވުމާއެކު ޖޭއެސްސީގައި ވަކީލުންގެ ފަރާތުން އިންތިހާބު ކުރި ލަތީފާ ގާސިމްގެ މަގާމު ގެއްލިއްޖެއެވެ.

އަންގާރަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2019 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 12 ވަނަ ޖަލްސާއިން ފާސްކުރެއްވި "ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ބިލު" ރައީސް ތަސްދީގުކުރެއްވީ މިއަދުއެވެ.

ގާނޫނީ ފަންނުގެ ބިލު ގާނޫނަކަށް ވާ ހިސާބުން މިހާރު ޖޭއެސްސީގައި ވަކީލުން ތަމްސީލު ކުރައްވާ ލަތީފާ ގާސިމް މަގާމު ގެއްލޭނެ ކަމަށް އެ ގާނޫނުގައި ބުނެއެވެ. އެއީ ގާނޫނުގެ 69 ވަނަ މާއްދާގެ (ށ) ގައި ވަކީލުން ފަރާތުން ޖޭއެސްސީއަށް އިންތިހާބު ކޮށްފައިވާ މެމްބަރު, ބިލު ފާސްވެ ގާނޫނަކަށް ވާ ހިސާބުން މަގާމުން ވަކިވެގެންދާނެ ކަމަށް ބަޔާންކޮށްފައި އޮންނާތީއެވެ.

ރައީސް މިއަދު ތަސްދީގުކުރެއްވި ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ބިލަކީ، ދިވެހިރާއްޖޭގައި ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ހުއްދަ ދޫކުރުމާއި، ގާނޫނީ ވަކީލުންގެ މަސައްކަތްތަކާ ގުޅޭ އެންމެހައި ކަންކަން ރެގިއުލޭޓުކޮށް ފިޔަވަޅު އަޅައި ބެލެހެއްޓުމަށާއި، ގާނޫނީ ވަކީލުންގެ ހިދުމަތުގެ ގާބިލުކަން އިތުރުކުރުމަށާއި، ދިވެހިރާއްޖޭގައި ގާނޫނީ ތައުލީމު ދިނުމުގެ ފެންވަރު މަތިކުރުންފަދަ އެންމެހާ ކަންކަން ބަޔާންކުރުމުގެ ބިލެކެވެ.

އަދި މިކަންކަން ބެލެހެއްޓުމަށްޓަކައި، ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ ނަމުގައި ދައުލަތުގެ މިނިވަން އަދި މުސްތަގިއްލު މުއައްސަސާއެއް އުފައްދައި، އެ މުއައްސަސާގެ މަސައްކަތްތައް ހިންގާނެ ގޮތް ވެސް މި ބިލުގައި ބަޔާންކޮށްފައިވެއެވެ.

ގާނޫނީ ފަންނުގެ ބިލުގައި ވާގޮތުން އެ ބިލު ފާސްކޮށް ތަސްދީގު ކުރާ ހިސާބުން ބާ ކައުންސިލު ވުޖޫދުވާނެ އެވެ. ބާ ކައުންސިލު ވުޖޫދު ވާތާ 21 ދުވަހުގެ ތެރޭގައި ބާ ކައުންސިލުގެ ހިންގާ ކޮމިޓީ އިންތިހާބުކުރުމަށް އިންތިހާބެއް ބާއްވަން ޖެހެއެވެ. އަދި ފުރަތަމަ އިންތިހާބު ބާއްވާނީ އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ބެލުމުގެ ދަށުންނެވެ.

ބާ ކައުންސިލް އެކުލަވާލަން ނިންމާފައިވަނީ އިންތިހާބު ކުރާ ހިންގާ ކޮމިޓީއަކާއި އެ ހިންގާ ކޮމިޓީން އެކުލަވާލައި ސަބް ކޮމިޓީތަކެއްގެ މައްޗަށެވެ. ހިންގާ ކޮމިޓީ އެކުލެވެނީ ހަތް މެންބަރުންގެ މައްޗަށެވެ. އެހުރިހާ ފަރާތްތަކަކީވެސް ވަކީލުންނަށް ވާންޖެހެއެވެ. ހިންގާ ކޮމިޓީއަށް މެންބަރުން އައްޔަން ކުރަނީ ވަކީލުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުންނެވެ.

ބާ ކައުންސިލަށް އިންތިހާބު ކުރެވޭ އެއްވެސް މެންބަރަކަށް އަދި ބާ ކައުންސިލުގެ ރައީސަކަށް ނުވަތަ ނައިބު ރައީސަކަށް ވެސް އެއްވެސް މުސާރައެއް ނުވަތަ އިނާޔަތެއް ނުލިބޭނެއެވެ. ބާ ކައުންސިލަށް ގާނޫނުން ހަވާލުކޮށްފައިވާ ޒިންމާ ތަކުގެ ތެރޭގައި ގާނޫނީ ވަކީލުންނަށް ހުއްދަ ދިނުމާއި ހުއްދަ ބާތިލް ކުރަން ޖެހޭ ހާލަތްތަކުގައި ހުއްދަ ބާތިލް ކުރުމާއި ގާނޫނީ ވަކީލުން، ގާނޫނާ ހިލާފުވެއްޖެ ނަމަ ފިޔަވަޅު އެޅުންވެސް ހިމެނެއެވެ. މިކަންކަން ކުރަމުން އަންނަނީ މިހާރު ސުޕްރީމް ކޯޓުންނެވެ.

ބާ ކައުންސިލުގެ ހިންގާ ކޮމިޓީ އެކުލެވިގެން ވަނީ ގާނޫނީ ވަކީލުންގެ ތެރެއިން ބާ ކައުންސިލުގެ ރައީސްކަމަށް އިންތިހާބު ކުރެވޭ މީހަކާއި ވަކީލުންގެ ތެރެއިން ބާ ކައުންސިލުގެ ނައިބު ރައީސްކަމަށް އިންތިހާބު ކުރެވޭ މީހަކާއި ބަންޑާރަ ނައިބު އަދި ގާނޫނީ ވަކީލުންގެ ތެރެއިން ހިންގާ ކޮމިޓީއަށް އިންތިހާބު ކުރެވޭ ހަ ވަކީލެއްގެ މައްޗަށެވެ.

މި ބިލު ތަސްދީގުކުރެއްވުމާ ގުޅިގެން، މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއި ކޮށްފައެވެ.