ކުރިއަށް އޮތް ހަފްތާ ބަންދުގައި އައްޑޫސިޓީގައި ކުރިއަށް ގެންދާ އުރީދޫ ކަލާ ރަން، ގުޑި މަހާސަމާ، އަދި ޓްވިޓްސާފު އައްޑޫ އެޑިޝަންގައި ބައިވެރިވުމަށް އުރީދޫ މޯލްޑިވްސް އިން އައްޑޫގެ ލޮބުވެތި ރައްޔިތުންނަށް ދައުވަތު އަރުވައިފިއެވެ.

އުރީދޫ ގުޑި މަހާސަމާ، މާދާމާ ހެނދުނު 8.00 އިން ފެށިގެން 10.00 އަށް ހިތަދޫ ސްޓޭޖް ސަރަހައްދުގައި އޮންނަ އިރު، އުރީދޫ ކަލާ ރަން އޮންނާނީ މާދަމާ ހަވީރު 3.30 އިން ފެށިގެން 6.00 އަށް ހިތަދޫ ސްޓޭޖް ސަރަހައްދުގައެވެ. އަދި ޓްވިޓްސާފު އައްޑޫ، ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ހޮނިހިރު ދުވަހުގެ ހަވީރު 3.00 އިން ފެށިގެން 6.00 އަށް އައްޑޫ ސިޓީގެ އެކި ހިސާބުތަކުގައި ކަމަށް އުރީދޫ އިން ބުނެއެވެ.

އުރީދޫ ކަލާ ރަންގެ ކުރިން ބާއްވާ ގުޑި މަހާސަމާގައި މަޑި އެރުވުން، މަޑި ހެދުމުގެ ވާކްޝޮޕްތައް، ކުޑަކުދިންނަށް ހާއްސަ ކުޅިވަރުތައް އަދި މޯލްޑިވްސް ޕޮލިސް ސާވިސްގެ ހާއްސަ ސްޓޯލެއް ހިމެނޭނެ ކަމަށް އުރީދޫން ބުނެއެވެ. އުރީދޫން ބުނީ އުރީދޫ ކަލާ ރަންގެ އެކްސްޕޯ ނިމޭއިރު ނުނަގާ ހުރި ކިޓްތައް، އިތުރު ބޭފުޅުންނަށް ބައްލަވައިގަތުމުގެ ފުރުސަތު ގުޑި މަހާސަމާގައި ހުޅުވާލާނެ ކަމަށެވެ. އުރީދޫ ކަލާ ރަން އަކީ، ތަފާތު ހަރަކާތްތަކެއް ހިމެނޭ ފަސް ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވުމަށް މަޖާވާނެ އިވެންޓެކެވެ. އުރީދޫ ކަލާ ރަން އައްޑޫގައި ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ކުލަ ސްޓޭޝަންތަކުން، ކުލަގަދަ ގޮތެއްގައި އެކަން ފާހަގަ ކުރާނެއެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފަ، ޖޮގްކޮށްފަ، ދުވެފަ ނޫނީ ނަށަމުންވެސް މި ދުވުން ނިންމިދާނެއެވެ.

އުރީދޫ އާއި ގުޅިގެން، ޓްވިޓްސާފުން ދަނީ ކުރިއަށްއޮތް ހޮނިހިރު ދުވަހުގެ ހަވީރު އައްޑޫގައި ސާފުކުރުމުގެ އިވެންޓެއް ބޭއްވުމަށް ތައްޔާރުވަމުންނެވެ. މި ހަރަކާތުގެ އިފްތިތާހީ ހަފްލާ ކުރިއަށްދާނީ، އަންނަ ހޮނިހިރު ދުވަހުގެ ހަވީރު 3.00 ޖަހާއިރު، ހިތަދޫ ސްޓޭޖް ސަރަޙައްދުގައެވެ. ސާފު ކުރުމުގެ ހަރަކާތްތައް ކުރިއަށްދާނީ، ހިތަދޫ، މަރަދޫ ފޭދޫ އަދި ހުޅުމީދޫގެ ތަފާތު ސަރަހައްދުތަކުގައެވެ. އެންމެ ޓްވީޓަކުން ފެށި، އާންމުންގެ މަގްބޫލުކަން ހޯދާފައިވާ މި ޕްރޮގްރާމު ރާވާ ހިންގަމުންދަނީ ޓްވިޓްސާފުގެ ވޮލަންޓިއަރުންގެ އެހީގައެވެ. މާލެ އަދި ހުޅުމާލޭގައި އިވެންޓުތަކެއް ކުރިއަށްގެންގޮސް، އައްޑޫގެ އިވެންޓާއި އެކު ޓްވިޓްސާފުން މިސްރާބުޖަހަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި މި ޕްރޮގްރާމު ކުރިއަށްގެންދިއުމަށެވެ.

2018 ވަނަ އަހަރު އުރީދޫން ބޭއްވި ކަލަރަންގެ ތެރެއިން / ފައިލް ފޮޓޯ: ދަ ޕްރެސް

ޓްވިޓްސާފުގެ މައިގަނޑު އަސާސަކީ މުޅި ރާއްޖެއަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް އެދެވޭ ހައްލެއް ހޯދައި، ރަށްތަކުގެ ރީތިކަން ދަމަހައްޓައި، ތިމާވެއްޓާ ރައްޓެހި އެދެވޭ ބަދަލުތަކެއް ގެނައުމުގެ މަގްސަދުގައި މަސައްކަތް ކުރާނެ ފަދަ ތިމާވެއްޓަށް ލޯބިކުރާ ޖީލެއް ބިނާކުރުމަށެވެ. ޓްވިޓްސާފުގެ އައްޑޫ އެޑިޝަން އާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު، http://ore.do/twitsaafu އަށް ޒިޔާރަތް ކުރައްވުމުން ލިބިވަޑައިިގަންނަވާނެ ކަމަސް އުރީދޫން އިން ބުނެއެވެ.

ކަލާ ރަން އައްޑޫ ކުރިއަށްގެންދަނީ ގިނަ ޕާޓްނަރުންގެ އެހީތެރިކަމާއި އެއްބާރުލުމާއި އެކު އެވެ. މީގެތެރޭގައި، މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވާމަންޓް، އައްޑޫ ސިޓީ ކައުންސިލް، ކަލާ ރަންގެ އިވެންޓް އޯގަނައިޒާ ކަމަށްވާ ޔުނިކްސް ސްޕޯޓިންގް، މޯލްޑިވްސް ޕޮލިސް ސާވިސަސް، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އައިލެންޑް އޭވިއޭޝަން، އީކުއޭޓާ ވިލޭޖް، އައްޑޫ މެޑިސިޓީ، އެޗްކޭ ރެންޓަލްސް، ނޯޓް ކޮސްމެޓިކްސް، އީހަބް، ބުރުޒު ކޭޓަރިންގް، ވެމްކޯ އައްޑޫ، ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އަދި އައްޑޫ ލައިވް ހިމެނެއެވެ.