ސައުދީ އަރަބިއްޔާގެ ތަޖުރިބާކާރު ސިޔާސީ ނޫސްވެރިޔާ ޖަމާލް ޚަޝޯގީ މަރާލުމަށް އޯޑަރު ދިން ފަރާތެއް ހޯދުމަށް ސައުދީ އަރަބިއްޔާއިން ތަހުގީގެއް ހިންގާފައި ނުވާކަމަށް، ބައިނަލްއަގުވާމީ ފެންވަރުގައި މިމައްސަލަ ބައްލަވަމުން ގެންދަވާ އދގެ ހާއްސަ ރެޕަޓުއާ އެގްނެސް ކެލަމާޑް ވިދާޅުވެއްޖެއެވެ.

އދގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ކެލަމާޑް ވިދާޅުވީ، ޚަޝޯގީގެ މަރާ ގުޅިގެން ސައުދީއިން ހިންގާ ތަހުގީގުގައި، ތުހުމަތު އަމާޒުވާ ބައެއް ފަރާތްތަކަށް އެއްވެސް ވަރެއްގެ ސަމާލުކަމެއް ދީފައި ނުވާ ކަމަށެވެ.

ކެލަމާޑް ވިދާޅުވީ، ޚަޝޯގީގެ މަރާ ގުޅިގެން، ސައުދީގެ ނުފޫގަފަދަ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން (އެމް.ބީ.އެސް)އަށް ބޮޑެތި ތުހުމަތުތަކެއް އަމާޒުކުރެވޭއިރު، ސައުދީއިން އެމައްސަލަ، އެގޮތަށް ބެލެންޖެހޭނެކަމަށެވެ.

އޭނާގެ ޓީމުން ކުރިއަށް ގެންދިޔައީ އިންސާނީ ހައްގުތަކާ ގުޅުންހުރި ތަހުގީގެއް ކަމަށާ، އެއްވެސް ހާލެއްގައި ޖިނާއީ ތަހުގީގެއް ނޫންކަން ފާހަގަކުރައްވާ ކެލަމާޑް ވިދާޅުވީ، އެމް.ބީ.އެސްގެ އިތުރުން އޭނާއާއި އަރިސް ގިނަ އޮފިޝަލުންތަކެއްވެސް ހިމެނޭ ގޮތަށް ފުޅާދާއިރާއެއްގައި ތަހުގީގު ހިންގަންޖެހޭ ކަމަށެވެ.

ޚަޝޯގީގެ މަރާގުޅިގެން ބަޔަކު ހައްޔަރުކޮށް، އެމީހުންނާ ދެކޮޅަށް ޝަރިޔަތް ހިންގާ، އޭގެ ތެރެއިން ބައެއް މީހުންގެ މައްޗަށް މަރުގެ ހުކުމް އިއްވުމަށް މަސައްކަތް ކުރަމުން ދާކަމަށް ބުނުން ފިޔަވާ އިތުރު އެއްވެސް ތަފްސީލެއް ސައުދީ އަރަބިއްޔާއިން ހާމަކޮށްފައެއް ނުވެއެވެ. ޚަޝޯގީގެ މަރަކީ، ދުރާލާ ރާވައިގެން ހިންގާފައިވާ އާމަލެއް ކަމަށް ސައުދީއިން އިއުތިރާފުވި ނަމަވެސް، އެކަމުގައި އެމް.ބީ.އެސްގެ އަތެއް ވާކަމަށް ދެކެވޭ ވާހަކަތައް ސައުދީއިން ދޮގު ކުރެއެވެ.

ސައުދީގެ ޝާހީ އާއިލާއާއި ސަރުކާރަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުކޮށް ހުޅަނގުގެ މީޑިއާގައި މިނިވަންކަމާއެކު ހިޔާލުފާޅުކުރަމުންދަނިކޮށް ޚަޝޯގީ މަރާލާފައިވަނީ 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހުއެވެ. ޚަޝޯގީ މަރާލާފައިވަނީ، ތުރުކީވިލާތުގެ އިސްތަންބޫލްގައި ހުންނަ ސައުދީގެ ކޮންސިއުލޭޓަށް އޭނާ ވަތްތާ ކުޑަ އިރުކޮޅެއްގެ ތެރޭގައެވެ. ޚަޝޯގީ ކޮންސިއުލޭޓަށް ގޮސްފައިވަނީ، އޭނާ ކުރަން ތައްޔާރުވަމުންދިޔަ ކައިވެންޏާ ގުޅުންހުރި ލިޔެކިއުންތަކެއް ހަމަޖެއްސުމަށެވެ.