ގާނޫނީ ވަކީލުންނަށް ވަކީލު ކަމުގެ ހުއްދަ ދިނުމާއި، ވަކީލުންގެ ކަންކަން ބަލަހައްޓާ ބާ ކައުންސިލް އުފައްދާ ގާނޫނީ ފަންނުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ މި ބިލު ހުށަހެޅުއްވީ މި މަހުގެ 17 ވަނަ ދުވަހުއެވެ. މި ބިލް މަޖިލީހަށް ބަލައިގަތީ 78 މެމްބަރުންގެ ވޯޓާއެކުއެވެ.
މި ބިލު ކޮމިޓީން ދިރާސާކޮށް މަޖިލީހަށް ހުށަހެޅުމުން މި ބިލް ފާސްކޮށްފައިވަނީ 69 މެމްބަރުންގެ ވޯޓާއެކުއެވެ.
ގާނޫނީ ފަންނުގެ ބިލުގައި ވާގޮތުން އެ ބިލު ފާސްކޮށް ތަސްދީގު ކުރާ ހިސާބުން ބާ ކައުންސިލު ވުޖޫދުވާނެ އެވެ. ބާ ކައުންސިލު ވުޖޫދު ވާތާ 21 ދުވަހުގެ ތެރޭގައި ބާ ކައުންސިލުގެ ހިންގާ ކޮމިޓީ އިންތިހާބުކުރުމަށް އިންތިހާބެއް ބާއްވަން ޖެހެއެވެ. އަދި ފުރަތަމަ އިންތިހާބު ބާއްވާނީ އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ބެލުމުގެ ދަށުންނެވެ.
ބާ ކައުންސިލް އެކުލަވާލަން ނިންމާފައިވަނީ އިންތިހާބު ކުރާ ހިންގާ ކޮމިޓީއަކާއި އެ ހިންގާ ކޮމިޓީން އެކުލަވާލައި ސަބް ކޮމިޓީތަކެއްގެ މައްޗަށެވެ. ހިންގާ ކޮމިޓީ އެކުލެވެނީ ހަތް މެންބަރުންގެ މައްޗަށެވެ. އެހުރިހާ ފަރާތްތަކަކީވެސް ވަކީލުންނަށް ވާންޖެހެއެވެ. ހިންގާ ކޮމިޓީއަށް މެންބަރުން އައްޔަން ކުރަނީ ވަކީލުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުންނެވެ.
ބާ ކައުންސިލަށް އިންތިހާބު ކުރެވޭ އެއްވެސް މެންބަރަކަށް އަދި ބާ ކައުންސިލުގެ ރައީސަކަށް ނުވަތަ ނައިބު ރައީސަކަށް ވެސް އެއްވެސް މުސާރައެއް ނުވަތަ އިނާޔަތެއް ނުލިބޭނެއެވެ. ބާ ކައުންސިލަށް ގާނޫނުން ހަވާލުކޮށްފައިވާ ޒިންމާ ތަކުގެ ތެރޭގައި ގާނޫނީ ވަކީލުންނަށް ހުއްދަ ދިނުމާއި ހުއްދަ ބާތިލް ކުރަން ޖެހޭ ހާލަތްތަކުގައި ހުއްދަ ބާތިލް ކުރުމާއި ގާނޫނީ ވަކީލުން، ގާނޫނާ ހިލާފުވެއްޖެ ނަމަ ފިޔަވަޅު އެޅުންވެސް ހިމެނެއެވެ. މިކަންކަން ކުރަމުން އަންނަނީ މިހާރު ސުޕްރީމް ކޯޓުންނެވެ.
ގާނޫނީ ފަންނުގެ ބިލުގައި ގަނޫނީ ވަކީލުން އަމަލު ކުރަން ޖެހޭ ގޮތާއި އުސޫލުތައް ވަނީ ބަޔާންކޮށްފައެވެ. އަދި ގާނޫނާ ހިލާފަށް އަމަލުކުރާ ވަކީލުން ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވޭ ގޮތްތަށްވެސް އަލުން ދިރާސާކުރަން ފޮނުވި ބިލުގައި ވެއެވެ. މީގެ އިތުރުން ވަކީލުންގެ ހުއްދަ ހިފެހެއްޓުމުގެ ބާރު ބާ ކައުންސިލަށް ދިނުމަށް ވެސް މި ބިލުގައި ވެއެވެ.
ބާ ކައުންސިލުގެ ހިންގާ ކޮމިޓީ އެކުލެވިގެން ވަނީ ގާނޫނީ ވަކީލުންގެ ތެރެއިން ބާ ކައުންސިލުގެ ރައީސްކަމަށް އިންތިހާބު ކުރެވޭ މީހަކާއި ވަކީލުންގެ ތެރެއިން ބާ ކައުންސިލުގެ ނައިބު ރައީސްކަމަށް އިންތިހާބު ކުރެވޭ މީހަކާއި ބަންޑާރަ ނައިބު އަދި ގާނޫނީ ވަކީލުންގެ ތެރެއިން ހިންގާ ކޮމިޓީއަށް އިންތިހާބު ކުރެވޭ ހަ ވަކީލެއްގެ މައްޗަށެވެ.