ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް ޑރ. އަހުމަދު އަބްދުﷲ ދީދީއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ ރައްޔިތުންގެ މަޖިލިސް ކުރާ ގޭގައެވެ. މިއީ ނަޝީދު މަޖިލީހުގެ ރައީސްކަމަށް ހޮވިވަޑައިގެންނެވި ފަހުން އުއްތަމަ ފަނޑިޔާރާ ރަަސްމީކޮށް ބައްދަލުކުރައްވާ ފުރަތަމަ ފަހަރެވެ.

ދެބޭފުޅުން ބައްްދަލުކުރައްވާ ދެއްކެވި ވާހަކައެއް މަޖިލިސް އިދާރާއަކުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ، މަޖިލިސް އަދި ނަޝީދު ހިމެނިވަޑައިގަންނަވާ ޖުޑީޝަލް ސާވިސް ކޮމިޝަނާއި ސުޕްރީމް ކޯޓާ ދެމެދު ނުތަނަވަސްކަން އުފެދިފައިވާ ދަނޑިވަޅެއްގައެވެ.

އުއްތަމަ ފަނޑިޔާރާއި ނަޝީދު ބައްދަލުވުން ބޭއްވި އިރު، މަޖިލީހުން ފާސްކޮށްގެން، އުއްތަމަފަނޑިޔާރު އަދި ސުޕްރީމް ކޯޓުގެ އަނެއް ހަތަރު ފަނޑިޔާރުންގެ ޝަރުތު ހަމަވޭތޯ ބެލުމަށް ޖޭއެސްސީއަށް ވަނީ ހުށަހަޅާފައެވެ.