މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ދަށަށް އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވެސް (އައިޔޫއެމް) ބަދަލުކުރުމަށް ހުށަހެޅި އިސްލާހަށް އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރު އަލީ، އަދި އަދާލަތު ޕާޓީ އިން ތާއީދެއް ނެތްކަން ހާމަކޮށްފިއެވެ.
މިކަން ހާމަކުރައްވަމުން މިނިސްޓާ ޒާހިރު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ، އެމްއެންޔޫ އަދި އައިޔޫއެމް އަކީ ތަފާތު ފަލްސަފާ އެއްގެ ދަށުން ހިންގަމުން އަންނަ ތަފާތު މަތީ ތައުލީމް ހާސިލްކުރާ ދެ މުއައްސަސާ ކަމަށާ، މި ދެ ޔުނިވާސިޓީ އަކީ ވަކި ދެތަނެއްގެ ގޮތުގައި ހަރުދަނާ ކޮށް ތަރައްގީ ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި އެކަން އެގޮތަށް ކުރުމަށް ސަރުކާރުން ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށްވެސް މިނިސްޓަރު ޒާހިރު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން އަދާލަތު ޕާޓީ އިން ކުރި ޓްވީޓެއްގައި، މިކަން މަޖިލީހަށް އިއްޔެ ހުށަހަޅާފައިވާ ގޮތަށް ކުރަން އެ ޕާޓީގެ ފަރާތުން ވެސް ދެކޮޅު ކަމަށް ވަނީ އިއުލާން ކޮށްފައެވެ. އަދާލަތު ޕާޓީ އިން ކުރި ޓްވީޓުގައި ބުނެފައި ވަނީ، އިސްލާމް ދިނާއި ގުޅޭ ދިރާސާތައްކޮށް، ދީނުގެ އިލްމު ފެތުރުމަށް އިސްލާމިކް ޔުނިވާސިޓީއަކީ މުސްތަގިއްލު ޔުނިވާސިޓީއެއްގެ ގޮތުގައި އޮތުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށެވެ.
މި އިސްލާހު މަޖިލީހަށް ހުށަހެޅުމުން މި އިސްލާހާ މެދު ބަހުސް ކުރެއްވި ގިނަ މެންބަރުން އިއްތިފާގުވެ ވަޑައިގަތް ގޮތުގައި މި ދެ ޔުނިވާސިޓީ އަކީ ދާދި އެއްގޮތަކަށް ކުރިއަށް ގެންދާ ދެތަން ކަމުން ސަރުކާރަށް އެންމެ މަންފާ ބޮޑު ގޮތަކީ އިސްލާމިކް ޔުނިވާސިޓީއަކީ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އަކަށް ހަދައި އެ ފެކަލްޓީ ފުޅާ ދާއިރާއެއްގައި ހިންގުމެވެ.
އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އައިޔޫއެމް އަދި އެމްއެންޔޫ ގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ހުށަހެޅުމަށް ސަރުކާރު ހިންގާ އެމްޑީޕީގެ ގިނަ މެންބަރުން ވަނީ ތާއީދުކޮށް އިސްލާހާ އެއްކޮޅަށް ބަހުސް ކުރައްވާފައެވެ.
ދެ ކޮލެޖު އެއްކޮށްލަން އުޅޭ އުޅުމަށް އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީގެ އިސްވެރިން ވަނީ ފާޑު ވިދާޅުވެފައެވެ. ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެފައި ވަނީ ދެ ކޮލެޖު އެއްކޮށްލަން އުޅޭ އުޅުމަކީ އެމްޑީޕީ ސަރުކާރުން އިސްލާމްދީން ރާއްޖެއިން ނެތިކޮށްލުމަށް ކުރާ މަސައްކަތުގެ ފެށުން ކަމަށެވެ.
ޢަދުރޭކަހަލަ ކޮރަޕްޓް މީހުން ނުޖެހޭ އެކައްޗެއް ނޭގޭ ހާލު ބަސްބުނަން