ދިވެހިންގެ ފަހުރެއް ކަމަށްވާ އިސްލާމިކް ޔުނިވާސިޓީ ވުޖޫދުން ފޮހެލުމުގެ ފުރަތަމަ ފިޔަވަޅު އެމްޑީޕީ އިން އަޅައިފިކަމަށް ޕީޕަލްސް ނެޝަނަލް ކޮންގުރެސް (ޕީއެންސީ) ގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ ވިދާޅުވީ 2008 ވަނަ އަހަރު އެމްޑީޕީއަށް ފުރަތަމަ ވެރިކަން ލިބުމާ އެކު މަސްއްކަތް ކުރީ އަރަބި އަދި އިސްލާމީ ތައުލީމް ދިވެހި މަދަރުސާތަކުން ފޮހެލުމަށް ކަމަށާ އަދި އޭރު އެކަން އެމްޑީޕިއަށް ކާމިޔާބުވާ ގޮތް ވަނީ ނުވެފައި ކަމަށެވެ. އަދުރޭ ވަނީ ދިވެހި ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ ދިވެހި ގައުމީ ޔުނިވާސިޓީ ގެ ފެކްލްޓީއަކަށް ބަދަލު ކުރުމަށް އެމްޑީޕީ އިން ކުރާ މަސައްކަތަކީ އިސްލާމިކް ޔުނިވާސިޓީ ވުޖޫދުން ފޮހެލުމަށް އެމްޑީޕީއިން ކުރަމުންދާ މަސަތްކަތުގެ ފުރަތަމަ ފިޔަވަޅު ކަމަށް ތުހުމަތު ކުރަށްވާފައެވެ.
އަދުރޭ މިމޭރުމުން ވިދާޅުވެފައި ވަނީ ދިވެހި ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ ގާނޫނަށް އިސްލާހު ގެނައުމަށް ވެރިކަންކުރާ އެމްޑީޕީގެ ފަރާތުން އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު މަޖިލީހަށް ހުށަހަޅުއްވާފައިވައި ބިލާ ގުޅޭގޮތުން ކުރައްވާފައި ވާ ޓްވީޓެއްގައެވެ.
މިއަދު މަޖިލީހުގެ ޖަލްސާގައި ހުށަހަޅުއްވާފައިވާ އިސްލާމިކް ޔުނިވާސިޓީގެ ގާނޫނަށްް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުން ގިނަ މެންބަރުން ވަނީ އިސްލާމިކް ޔުނިވާސިޓީއަކީ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީއެއްގެ ގޮތުގައި ހިންގަައިފިނަމަ ލިބޭ ފައިދާ ބޮޑުވާނެ ކަމަށް ވިދާޅުވެ އެގޮތަށް ގާނޫނު އިސްލާހުކުރުމަށް ތާއީދުކުރައްވާފައެވެ.