ރައްޔިތުންގެ މަޖިލީހުގެ ޖަލްސާކުރާ މާލަމުގައި ޓެކްނިކަލް މައްސަލައެއް ދިމާވެ، މިއަދު ބާއްވަން ތާވަލު ކުރި 19 ވަނަ މަޖިލީހުގެ 11 ވަނަ ޖަލްސާ މެދުކަނޑާލައިފިއެވެ.

މަޖިލީހުން ބުނީ ޖަލްސާކުރާ މާލަމުގައި ބޭނުންކުރާ ބްރޯޑްކާސްޓިން ސިސްޓަމަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން، މައްސަލަ ހައްލުކުރެވެންދެން މިއަދުގެ ޖަލްސާ މެދުކަނޑާލާފައިވާ ކަމަށެވެ.

މިއަދުގެ ޖަލްސާ ފަށަށް ތާވަލުކޮށްފައިވަނީ ހެނދުނު 9:00 ޖަހާއިރުއެވެ. ނަމަވެސް ޓެކްނިކަލް މައްސަލައިގެ ސަބަބުން ޖަލްސާ ފެށިފައި ނުވެއެވެ. މަޖިލީހުން ބުނީ ދިމާވި މައްސަލަ ހައްލުކޮށް ވީހާވެސް އަވަހަށް ޖަލްސާ ފެށުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.

މިއަދުގެ ޖަލްސާގައި މަޖިލީހަށް ވަނީ ކޮރަޕްޝަން ހުއްޓުވުމަށް ވިސްލްބްލޯކުރާ ފަރާތްތަކަށް ރައްކާތެރިކަންދޭ ބިލް ތައާރަފްކުރުމަށް އެޖެންޑާކޮށްފައެވެ. ސަރުކާރުގެ ފަރާތުން، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނައިބ ރައީށް އީވާ އަބްދުالله ހުށަހަޅުއްވާފައިވާ، ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ސަރުކާރުގެ ފަރާތުން، ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުالله ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިއަދުގެ ޖަލްސާގައި ތިން ބިލެއްގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދިއުމަށް ވަނީ އެޖެންޑާކޮށްފައެވެ. އެއީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، އިސްލާމިކް ޔުނިވާސިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު އަދި ހައްޖަށްދިއުމަށް ޕެންޝަނުން ބޭނުންކުރެވޭ މިންވަރު އިތުރު ކުރުމަށް ޕެންޝަނާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބަހުސެވެ.