ސައުދީ އަރަބިއްޔާގެ އަބްހާ މަދަނީ ވައިގެ ބަނދަރަށް އަމާޒުކޮށް ޔަމަނުގެ ހުތީ ހަނގުރާމަވެރިން ދިން ހަމަލާގައި އެކަކު މަރުވެ، އިތުރު ބަޔަކު ޒަހަމްވެއްޖެއެވެ.
މި ހަމަލާގައި މަރުވެފައިވަނީ ސައުދީ އަރަބިއްޔާގައި ދިރިއުޅެމުންދިޔަ ސޫރިޔާގެ ރައްޔިތެއް ކަމަށް ޚަބަރު ލިބެއެވެ.
ހޫތީންވަނީ ސައުދީގެ އަބްހާއާއި ޖިޒާން ވައިގެ ބަނދަރަށް މިސައިލް ހަމަލާ ދީފައިވާކަމަށް އަމިއްލައަށް އިއުތިރާފުވެފައެވެ.
ސައުދީ އަރަބިއްޔާގެ މީޑިއާއާއި ހަވާލާދީ ބައިނަލްއަގުވާމީ ޚަބަރުތައް ބުނާ ގޮތުގައި މިފަހަރުގެ ހަމަލާ އަމާޒުވެފައިވަނީ އަބްހާގެ ވައިގެ ބަނދަރުގައި ކާރު ޕާކު ކުރުމަށް ހަމަޖެހިފައިވާ ސަރަހަދަކަށެވެ. މިމަހުގެ ކުރީކޮޅުވެސް ހޫތީންވަނީ ސައުދީ އަރަބިއްޔާގެ އަބްހާ ވައިގެ ބަނދަރަށް މިސައިލް ހަމަލާ ދީފައެވެ.
ހޫތީންނަކީ ސައުދީ އަރަބިއްޔާ އިސްވެ އޮވެ އެކުލަވާލާފައިވާ އަސްކަރީ ކޯލިޝަނަކުން ޔަމަނުގައި އެ ބަޔަކާ ދެކޮޅަށް ވަރުގަދަ ހަނގުރާމައެއް ކުރަމުންދާ ޖަމާއަތެކެވެ.