ސަސްޕެންޑްކޮށްފައިވާ ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ފަނޑިޔާރު އިބްރާހިމް ރަޝީދު ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.

މިއީ ޖޭއެސްސީގެ ތާރީހުގައި ފަނޑިޔާރަކު މަގާމުން ވަކި ކުރަން ނިންމި ފުރަތަމަ ފަހަރެވެ. ޖޭއެސްސީން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ، ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު، ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ކަމަށެވެ.

ރަޝީދު ސަސްޕެންޑް ކޮށްފައިވަނީ ޖޭއެސްސީއިން ބެލި އޭނާއާ ގުޅޭ އަހުލާގީ މައްސަލައަކާއި ގުޅިގެންނެވެ. އިބްރާހިމް ސަސްޕެންޑު ކުރީ 2016 ވަނަ އަހަރުގެ މެއި މަހުގެ 30 ވަނަ ދުވަހު އެވެ.

ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ފަނޑިޔާރު ވަނީ 2016 ވަަނަ އަހަރު، މަސްތުވާތަކެތީގެ މައްސަލައެއްގައި ވެސް ހައްޔަރުކޮށްފައެވެ. ނަމަވެސް، އޭރު އޭނާ ހައްޔަރު ކުރީ ފުލުހުން ރާވައިގެން ކަމަށާއި މަސްތުވާ އެއްޗެއް އެތެރެކުރި ކަމަށް ބުނެ ކުރިން ވެސް އޭނާ ހައްޔަރުކުރި ކަމަށް ރަޝީދު ވަނީ ވިދާޅުވެފައެވެ.