ނިދިން ހޭލެވުނުއިރު އޭނާއަށް އިނދެވުނީ ޕާކުކޮށް، ނިއްވާލާފައި އޮތް މަތިންދާ ބޯޓުގެ ތެރޭގައި ކަމަށް އެއާ ކެނެޑާގެ ފްލައިޓަކުން ދާދިފަހުން ދަތުރުކުރި އަންހެނަކު ބުނެފިއެވެ.

ޓިފަނީ އެޑަމްސް ވަކާލާތު ކުރާ ގޮތުގައި، މިމަހުގެ 9 ވަނަ ދުވަހު ކެނެޑާގެ ކިއުބެކްއިން ޓޮރޮންޓޯއަށް ވައިގެމަގުން ކުރި ދަތުރުމަތީގައި އޭނާއަށް ނިދުނީއެވެ. އޭނާއަށް ހޭލެވުނުއިރު ގަނޑުވާ ވަރަށް ބޯޓު ތެރެ އޮތީ ފިނިވެފައެވެ. އޭރުވެސް އޭނާ އިނީ ސީޓްބެލްޓް އެޅި ގޮތަށް ކަމަށްވެއެވެ.

ޓިފަނީ ކިއާދިން ގޮތުގައި އޭނާއަށް ހޭލެވުނީ ދަންވަރުގެ ވަގުތެއްގައެވެ. އޭރު ބޯޓު ޖެއްސިތާ ގަޑިއިރުތަކެއް ވެއްޖެއެވެ.

އެއާ ކެނެޑާއިންވެސް ވަނީ މިފަދަ ހާދިސާއެއް ހިނގިކަމަށް އިއުތިރާފުވެފައެވެ. އަދި މި ހާދިސާ ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް އެއާ ކެނެޑާއިން ވަނީ ބުނެފައެވެ.

ޓިފަނީ ބުނީ، އެ ހާދިސާއަށް ފަހު އަދިވެސް އޭނާއަށް ރޭގަނޑުގެ ވަގުތުތަކުގައި ނަފްސާނީ އުނދަގޫތަކާ ކުރިމަތިވަމުން އަންނަކަމަށެވެ.

ޓިފަނީއަށް ހޭވެރިކަން ވުމާއެކު އޭނާ ވަނީ، އޭނާގެ ރައްޓެއްސަކަށް މޯބައިލް ފޯނުން ގުޅާ، އޭނާ އިން ހާލު ކިއާދީފައެވެ. ނަމަވެސް އޭގެ ފަހުން މިނެޓެއްވެސް ނުވަނީސް ބެޓެރީ ހުސްވެގެން ޓިފަނީގެ ފޯނު ނިވުނެވެ. މުޅި މަތިންދާ ބޯޓު ނިއްވާލާފައި އޮތުމުގެ ސަބަބުން، ބޯޓުގެ އެއްވެސް ހިސާބަކުން އެ ފޯނު ޗާޖުކުރުމުގެ ނަސީބެއްވެސް ޓިފަނީއަކަށް ނުލިބުނެވެ.

ނަމަވެސް ބޯޓުގެ އެތަން މިތަނުގައި އަތްފުނާ އަޅައިގެން ޓިފަނީ ވަނީ ކަނު އަނދިރީގެ ތެރެއިން ޓޯޗެއް ހޯދާ، އެ ޓޯޗުގެ އެހީގައި މީހުންގެ ސަމާލުކަން ހޯދަން މަސައްކަތްކޮށްފައެވެ. އޭރު އޭނާގެ ރަހުމަތްތެރިޔާ ވަނީ، ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އެކަން ގެނެސްފައެވެ.

ބޯޓުތެރޭގައި ޓިފަނީ އުޅުނު މަންޒަރު އެންމެ ފުރަތަމަ ފެނިފައިވަނީ، ލަގެޖް އުފުލާ އުޅަނދެއް އޮޕަރޭޓް ކުރަމުންދިޔަ މީހަކަށެވެ. އެމީހާއަށްވެސް ޓިފަނީ ފެނުމުން ލިބުނީ ޝޮކެއް ކަމަށް ޓިފަނީ ވަނީ ކިއާދީފައެވެ.

ޓިފަނީ ބުނީ، އެއާ ކެނެޑާއިން ކުރަމުންދާ ތަހުގީގުތަކާ ގުޅިގެން 2 ފަހަރެއްގެ މަތިން އޭނާއަށް ފޯނުކޮށްފައި ވާކަމަށާ، އަދި ހިނގި ހާދިސާއަށް މައާފަށްވެސް އެދިފައިވާކަމަށެވެ.