ކ. މާފޫށީގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްގެ އޮފިސަރަކަށް ހަމާލާދީ ޒަހަމް ކޮށްލައިފިއެވެ.

ރޭ މާފުށީ ރަށުތެރެއިން ދިމާކޮށް ކަރެކްޝަންގެ އޮފިސަރަކަށް ހަމަލާދީ ވަނީ ޒަހަމް ކޮށްލާފައެވެ. މިކަމާއި ގުޅިގެން 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ކަރެކްޝަންސްގެ ތަރުޖަމާނު އަހްމަދު ނަސީމު ވިދާޅުވީ، އެ މައްސަލަ އަދި ރަސްމީކޮށް ހުށަހަޅާފައި ނުވާކަމަށާއި، އެކަމުގެ މާ ބޮޑު ތަފްސީލެއް އަދި ލިބިފައި ނުވާ ކަމަށެވެ. ނަމަވެސް އެރަށު ތެރެއިން އޮފިސަރަކަށް ހަމަލާ ދީފައިވާ ކަން އެނގިފައިވާ ކަމަށް ނަސީމް ވިދާޅުވިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކަރެކްޝަންސްގެ އޮފިސަރަށް ހަމަލާދީފައި ވަނީ ފަސް މީހުންގެ ގްރޫޕަކުންނެވެ. އަދި އެ ހަމަލާގައި އެ އޮފިސަރުގެ ކަނާތް ފަރާތު ބުމަ ކައިރި ފަޅައިގެން ގޮސްފައިވާއިރު، މޫނަށް އެކިވަރުގެ އަނިޔާތައް ވަނީ ލިބިފައެވެ. އަދި އޭނާއަށް ހަމަލާދީފައިވަނީ އާއިލީ ހަމަނުޖެހުމެއްގެ ސަބަބުން ކަމަށް މައުލޫމާތު ލިބިފައިވާއިރު، އޭނާއަށް ހަމަލާ ދިނީ މާފުށީ ޖަލުގައި ހިނގައިގެން އުޅޭ ހަމަނުޖެހުންތަކާއި ގުޅިގެން ނޫން ކަން ވަނީ ކަށަވަރުވެފައެވެ.

މާފުށީ ރަށުތެރެއިން ހަމަލާދިން އޮފިސަރަށް ހަމަލާ ދީފައިވަނީ އޭނާގެ އަނބިމީހާގެ ކޮއްކޮ ކަމަށާއި އެއީ އާއިލީ ހަމަނުޖެހުމެއްގެ ސަބަބުން ހިނގާފައިވާ ކަމެއް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އަދި މި މައްސަލަ ފުލުހުންނާއި ކަރެކްޝަންސް އަށް ރަސްމީ ސިފައެއްގައި ހުށަހެޅިފައެއް ނުވެއެވެ.

މި އޮފިސަރަށް ހަމަލާދީ ޒަހަމް ކޮށްފައިވަނީ، މިދިޔަ ބުރާސްފަތި ދުވަހު މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން ނޫން ކަން ކަށަވަރުވެފައިވީ ނަމަވެސް، މިއީ ގުޅުން އޮތް ކަމެއް ކަމަށް ބައެއް މީހުން ބުނަމުން ދެއެވެ. އެގޮތުން، އެ ހަމަނުޖެހުމުގައި ކަރެކްޝަންސްގެ އޮފިސަރަކަށް އަނިޔާވެފައިވާއިރު، ހަތް ގައިދީއަކަށް ވަނީ އަނިޔާވެފައެވެ. އަދި މި ހަމަނުޖެހުމުގައި ގައިދީންގެ ގައިގައި މުގުރިބުރިން ތަޅައި، ޖިންސީ ގުނަވަންތަކަށް ޕެޕާ ސްޕްރޭ ޖެހުންފަދަ އަނިޔާވެރި އަމަލު ހިންގާފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.