ސަރުކާރުގައި ވައުދު ފުއްދުމުގެ އެއްވެސް އިހްލާސްތެރި ނިޔަތެއް ނެތް ކަމަށް އިދިކޮޅު ޕާޓީ ޕީއެންސީން ބުނެފިއެވެ.

ޕީއެންސީން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ގައިދީންނަށް ލާއިންސާނީ އަނިޔާކުރުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. ޕީއެންސީން ބުނީ ރާއްޖޭގެ ސުލްހަ މަލަސްކަމާއި ހަމަޖެހުން ގާއިމްވެފައިވަނިކޮށް މިސަރުކާރަކީ ރައްޔިތުންނަށް އޮޅުވާލުމުގެ ތެރެއިން އަނިޔާއާ ދެކޮޅަށް އަޑުއުފުލާ އަނިޔާނުދޭނެ ކަމަށް ވައުދުވެ އައި ސަރުކާރެއް ކަމަށެވެ. އަދި ލާއިންސާނީ އަމަލުތައް ހިންގުމަކީ މި ސަރުކާރުގައި ވައުދު ފުއްދުމުގެ އެއްވެސް އިހްލާސްތެރި ނިޔަތެއް ނެތްކަން އަންގައިދޭ ކަމެއް ކަމަށް ޕީއެންސީން ބުނެއެވެ.

ޕީއެންސީން ބުނީ، މިދިޔަ ބުރާސްފަތި ދުވަހު މާފުށި ޖަލުގައި ހިނގާދިޔަ ހަމަނުޖެހުންތަކުގައި ޖަލުގައި ތިބި ގައިދީންނަށް ވަނީ ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްގެން އެކި ވަރުގެ އަނިޔާކޮށްފައި ކަމަށެވެ. އެގޮތުން، ޖަލުގައި ތިބި ބައެއް ގައިދީންގެ ބޯ ބާލައި، އެމީހުންގެ ގައިގައި މުގުރިބުރިން ތަޅައި، ޖިންސީ ގުނަވަންތަކަށް ޕެޕާ ސްޕްރޭ ޖެހުންފަދަ އަނިޔާވެރި އަމަލު ހިންގާފައިވާ ކަމަށެވެ. އަދި މިކަމަކީ ގާނޫނުއަސާސީގެ ދެވަނަ ބާބުގެ ރޫހާއި ހިލާފަށް ގައިދީންނަށް ލިބިފައިވާ ހައްގުތައް ނިގުޅައިގަތުން ކަމަށާއި، ޖަލުތަކާއި ޕެރޯލްގެ ގާނޫނާއި ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކާ ހިލާފަށް ހިންގާފައިވާ އަނިޔާވެރި އަމަލެއް ކަމަށް އެ ޕާޓީން ވަނީ ފާހަގަ ކޮށްފައެވެ. އެހެން ކަމުން، ޕީއެންސީން ވަނީ މި އަނިޔާވެރި، ލާއިންސާނީ އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައެވެ.

ޖަލުގައި ހިންގި ލާއިންސާނީ އަނިޔާތަކަށްފަހު މިސަރުކާރުން އެކަން ފޮރުވާ އޮއްބާލުމަށް މަސައްކަތްކޮށްފައިވާ ކަން ޕީއެންސީން ވަނީ ފާހަގަކޮށްފައެވެ. އަދި ޖަލުގައި ތިބި ގައިދީންނަށް ގާނޫނާއި ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން ލިބެންޖެހޭ ހައްގުތައް ކަށަވަރު ކޮށްދިނުމަކީ ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުގެ ޒިންމާއެއް ކަމަށާއި، އެފަރާތްތަކުން ވަނީ އެ ޒިންމާއަށް ވަރަށް ބޮޑަށް އިހުމާލުވެފައި ކަމަށް ޕީއެންސީން ބުނެއެވެ. ޖަލުގެ ކަންކަން އިސްލާހު ނުވާކަމަށް ބުނެ، މީޑީއާތަކުގައި މިކަން ދިފާއުކޮށް ވާހަކަދައްކަމުންދާއިރު، މި ލާއިންސާނީ އަމަލު ހިންގާފައިވަނީ ހިނގަމުން މިދާ ވެރިކަމުގައި ކަމަށާއި ޖަލުތަކުގެ ކަންކަން އިސްލާހު ކުރުމަށް މި ވޭތުވެދިޔަ 7 މަސްދުވަހުގެ ތެރޭގައި އެއްވެސް މަސައްކަތެއް ކުރެވިފައި ނުވާކަމަށް ޕީއެންސީން ބުނެއެވެ. އަދި މި މުއްދަތުގެ ތެރޭގައި އެފަރާތްތަކުގެ ހައްގުތައް ނިގުޅައިގަނެފައިވާކަން ވެސް ޕީއެންސީން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން، ޕީއެންސީން ވަނީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން މިކަމާގުޅޭ ދެފުށް ފެންނަ މިނިވަން ތަހުގީގެއް ހިންގައި، އެފަރާތްތައް ޖަވާބުދާރީކޮށް، މިއަމަލު ހިންގި ފަރާތްތަކަށް ހައްގު އަދަބު ދިނުމަށް ގޮވާލާފަމެވެ. އަދި ޖަލުގައި ހިންގާފައިވާ އަނިޔާވެރި އަމަލުތަކާ ބެހޭ މައުލޫމާތުތައް އެއްވެސް އޮޅުވާލުމެއްނެތި ރައްޔިތުންނަށް ހިއްސާ ކުރުމަށާއި، ގާނޫނާއި ގަވާއިދުގެ ތެރެއިން ގައިދީންނަށް ލިބިދޭންޖެހޭ ހައްގުތަށް ކަށަވަރު ކޮށްދިނުމަށް ވެސް އެ ޕާޓީން ވަނީ ސަރުކާރަށް ގޮވާލާފައެވެ.