1990ގެ އަހަރުތަކުގެ ތެރޭގައި ޑްރެސިންގް ރޫމެއްގެ ތެރޭގައި އެމެރިކާގެ މިހާރުގެ ރައީސް ޑޮނާލްޑް ޓްރަމްޕް އަންހެނަކު ރޭޕްކުރެއްވި ކަމަށް ބުނެ ދެކެވެމުންދަނީ ހިޔާލީ ވާހަކަތަކެއް ކަމަށް، ޓްރަމްޕް ސިފަކުރައްވައިފިއެވެ.

ޓްރަމްޕް ވިދާޅުވީ އެބުނާ އީ ޖީން ކެރަލްއަކާ ދުވަހަކުވެސް ބައްދަލުވެވަޑައިގެންފައި ނުވާކަމަށާ، އެ ވާހަކަތަކަކީ އާ ފޮތެއް ވިއްކުމުގެ މަގުސަދުގައި ލިޔުންތެރިޔާ ދައްކަމުންދާ "ހިޔާލީ" ވާހަކަތަކެއް ކަމަށެވެ.

ރޭޕްގެ ވާހަކަތައް ކެރަލް އާންމުކޮށްފައިވަނީ ނިއު ޔޯކް މެގަޒިންގައި ޝާއިއުކުރި ވާހަކައެއްގައެވެ.

މީގެ ކުރިންވެސް ގިނަ އަދަދެއްގެ އަންހެނުން ވަނީ ޖިންސީ ފުރައްސާރައިގެ ޝަކުވާތަކެއް ޓްރަމްޕްއާއި ދެކޮޅަށް ފެންމަތިކޮށްފައެވެ.

ކެރަލްގެ ތުހުމަތުތަކަށް އިންކާރު ކުރައްވަމުން ޓްރަމްޕް ވިދާޅުވީ، ކެރަލްއަކީ އިދިކޮޅު ޑިމޮކްރަޓުންނާއެކުގައި މަސައްކަތްކުރާ މީހެއްކަމުގެ މައުލުމާތު ލިބިފައިވާ އެއްވެސް މީހަކު ހުރިނަމަ، ވައިޓް ހައުސްއާއި އެ މައުލޫމާތު ހިއްސާކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ނިއު ޔޯކް މެގަޒިންގައި ކެރަލް އާންމުކުރި ވާހަކައިގައި ސިފަކޮށްދީފައިވަނީ 1995 ވަނަ އަހަރުގެ ފަހުކޮޅު ނުވަތަ 1996 ވަނަ އަހަރުގެ ކުރީކޮޅު ނިއު ޔީކް ބާގްޑޮފް ގުޑްމަން މާކެޓްގެ ތެރެއިން ޓްރަމްޕްއާއި ބައްދަލުވި ގޮތާ، އެއީ ކިހާވަރެއްގެ ކާކުކަން އެނގުނު ގޮތުގެ ވާހަކައެވެ. ޓްރަމްޕަކީ ގެދޮރުގެ ވިޔަފާރީގައި ކިހާ ކާމިޔާބު މީހެއްކަން އެނގުނު ކަމަށެވެ. އަދި ޓްރަމްޕް އޭރު މަސައްކަތްކުރަމުންދިޔައީ އަންހެންކުއްޖަކަށް ހަދިޔާއެއް ގަތުމަށްކަމަށް ޓްރަމްޕް ކިއާދިން ކަމަށާ، ދެމީހުންގެވެސް އެއްގޮތް ކަންތައްތަކެއް ހުރުމުން ވާހަކަތަކެއް ދެކެވުނު ކަމަށެވެ. ގަންނަން އުޅުނީ އަންހެން ކުދިންގެ ނާޒުކު ގުނުވަންތައް ފޮރުވުމަށް ހާއްސަކޮށްފައިވާ ޒާމާނީ ފޭރާންތަކެއް ކަމަށާ، އެ ހެޔޮވަރު ކުރުމަށް ޑްރެސިންގް ރޫމްއަށް ދިޔަ ހިސާބުން ޓްރަމްޕް އޭނާ ރޭޕްކޮށްފައިވާ ގޮތުގެ ވާހަކަތައްވެސް މި ލިޔުމުގައި ވަނީ ހިމަނާފައެވެ.

އޭރު ދެމީހުންގެ އުމުރުންވެސް 50 އަހަރުފުރިފައިވާނެ ކަމަށާ، ފުލުހުންނަށް މައްސަލަ ހުށަނޭޅީ ޓްރަމްޕްގެ ދިފާއުގައި 200އެއްހާ ވަކީލުން ނެރޭނެކަމަށް ރަހުމަތްތެރިއަކު ބުނުމުންކަމަށްވެސް ކެރަލް ވަނީ އޭނާގެ ވާހަކާގައި ކިޔާދީފައެވެ. އަދި ޓްރަމްޕްގެ އެ މުޑުދާރު އަމަލަށްފަހު، ފިރިހެނަކާ އެއްވެސް ގުޅުމެއް ހިންގާފައި ނުވާނެކަމަށްވެސް ކެރަލްގެ ވާހަކާގައި ވަނީ ބުނެފައެވެ.

ޖިންސީ ފުރައްސާރައިގެ ގިނަ ދައުވާތަކެއް ޓްރަމްޕްއާއި ދެކޮޅަށް ކުރި ނަމަވެސް، މިއިން ކޮންމެ ތުހުމަތަކަށް ޓްރަމްޕް ކުރައްވަނީ އިންކާރެވެ.