ޑޯނަޓަކީ މިއަދު ދިވެހިންގެ މެދުގައިވެސް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ، ގިނަ ބަޔަކަށް މީރު، ފޮނިކާއެއްޗެކެވެ. ތެލުލާފައި އޮންނަ ކޭކެއްގެ ރަހަ ހުންނަ ޑޯނަޓަކީ ހުރިހާ އުމުރެއްގެ މީހުންވެސް ގަޔާވާ އުފެއްދުމަކަށް ވާއިރު، ތަފާތު އެކި ރަހަތަކަށް ހާއްސަ ކޮށްގެން، ތަފާތު އެކި ގޮތް ގޮތަށް ތައްޔާރުކުރާ ޑޯނަޓް ހުރެއެވެ.

އެންމެ ފުރަތަމަ ޑޯނަޓް

ބުނެވޭ ގޮތުގައި މިހާރު މިލެބެން ހުންނަ ޒާތުގެ ޑޯނަޓް އެންމެ ފުރަތަމަ ހަދާފައިވަނީ އެމެރިކާގެ ނިއުޔޯކްގައި ވަޒަންވެރިވި، ހޮލަންޑުގެ މީހުންނެވެ. ތާރީހު އިލްމުވެރިޔާ ވޮޝިންގްޓަން އާވިންގްސް 1809 ވަނަ އަހަރު ލިޔުނު ނިއުޔޯކްގެ ތާރީހާ ބެހޭ ފޮތުގައިވެސް މިފަދަ ވާހަކަތެކެއް ވަނީ ހިމަނާފައެވެ.

ޖީބަށް ލުއި އަނގަޔަށް މީރު

ޑޯނަޓްގެ ތާރީހަށް ބަލާއިރު، ޑޯނަޓް އުފެދިގެން އައީ ހެނދުނުގެ ސަޔަށް ހާއްސަ ކުރެވިފައިވާ، ޖީބަށް ލުއި އުފެއްދުމުގެ ގޮތުގައެވެ. އޭރު ޑޯނަޓާ އެކު އެންމެ އާންމުކޮށް ބޭނުންކުރަމުން ދިޔައީ ކޮފީއެވެ. މިހާރުވެސް ފޮނިކާއެއްޗިހީގެ މެނޫއަކަށް ބަލާއިރު، އެންމެ ގިނަ ބަޔަކު ގަޔާވާ އުފެއްދުންތަކުގެ ތެރެއިން، އެންމެ ހެޔޮ އަގެއްގައި ލިބެން ހުންނަނީ ޑޯނަޓުކަމުގައި ދެންނެވިދާނެއެވެ. ހަމަ މިއާއެކު، އަސްލު ރެސިޕީއަށް ތައްޔާރުކުރާ ޑޯނަޓަކީ ފަސޭހައިން ބަނޑުފުރިގެންދާ އުފެއްދުމެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ.

ސިއްހީ ނުރައްކާ

ފޮނިކާއެއްޗެއްސަކީ ސިއްހީ ނުރައްކަލެއްގެ އިންޒާރާ ނުލާ އަޅުގަނޑުމެންނާ އާންމު ގޮތެއްގައި ބައްދަލުކުރާ އުފެއްދުންތަކެއް ނޫންކަން އެންމެންވެސް ގަބޫލުކުރެއެވެ. އާދައިގެ ޑޯނަޓެއްގައި އެވަރޭޖުކޮށް 480 ކެލަރީޒް ހުންނާނެއެވެ. އަދި ޑޯނަޓަށް އަޅާ އެކި ކަހަލަ ފިލިންގްސްއާ އެކު މި އަދަދު އެތައް ގުނައަކަށް އިތުރުވެގެންދެއެވެ. މާ ގިނައިން ހަކުރާ ސަރުބީ އެކުލެވޭ ކާބޯތަކެތި ބޭނުންކުރުމަކީ އާދަޔާ ހިލާފަށް ފަލަވުމާ، ހަކުރު ބައްޔާ ހިތުގެ ބަލިތަކަށް މަގުފަހި ކުރާ ކަމެކެވެ.

ޑޯނަޓްއާއި ކޮފީ/ފޮޓޯ: ވިޒިޓް ޔޫ

ޑޯނަޓްގެ މެދުގައި ހުންނަ ލޯވަޅުގެ ސިއްރު

މިހާ ހިސާބުން ބޮޑު ސުވާލަށް ބަލަލަމާތޯއެވެ. ޑޯނަޓްގެ މެދުގައި ލޯވަޅެއް ހުންނަނީ ކީއްވެ ހެއްޔެވެ؟ އިސްކުރާއެކު ބޭނުންކުރާ ނަޓެއްގެ ސިފަ ގެނައުމަށް ހެއްޔެވެ؟ ނުވަތަ މި ގޮތަށް މި އެއްޗެއް ހެދުމުން ޑޯނަޓްގެ ނަމުން ނަން ދެވުނީ ހެއްޔެވެ؟ އެވާހަކަ އިހަށް ބާއްވަމާ ހިނގާށެވެ.

އެންމެ ފުރަތަމަ ޑޯނަޓް ހަދަމުން އައީ ހަގީގަތުގައިވެސް ތެލުލި ކޭކުތަކެއްގެ ގޮތުގައެވެ. ނަމަވެސް ޖެހޭ އެންމެ ބޮޑު މައްސަލައަކަށްވީ ތެލުލާ ނިމޭއިރުވެސް މެދުތެރެ ރޯނުފިލާ އޮންނަ މައްސަލައެވެ. މިހާރު މި ފެންނަ ގޮތަށް، ޑޯނަޓްގެ މެދުގައި ބޮޑު ލޯވަޅެއް އަޅައިގެން ތެލުލުމަށް އެންމެ ފުރަތަމަ ނިންމީ އެމެރިކާގެ ދަތުރުވެރިއެއް ކަމަށްވާ ކެޕްޓަން ހޭންސަން ގްރެގަރީއެވެ. އޭނާ މިގޮތަށް ނިންމީ، މެދުތެރެ ނުފިހެވޭ މައްސަލަ ހައްލުކުރުމަށެވެ. ނަތީޖާ ވަރަށް ކާމިޔާބުވިއެވެ. މުޅި އެތި އެއްކޮށް އެއްވަރަކަށް ރޯފިލުވާލެވުނެވެ. މިއާއެކު ޒަމާނީ ޑޯނަޓް ތައާރަފުވީއެވެ.