އިންސާނުން ގަނެވިއްކުމުގެ ޣައިރުގާނޫނީ ވިޔަފާރި (ވަގުފާރި) ހުއްޓުވުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރަމުންނުދާ ގައުމުތައް ހިމަނައިގެން އެކުލަވާލާފައިވާ "ބްލެކްލިސްޓު"ގައި ސައުދީ އަރަބިއްޔާ ހިމަނައިފިއެވެ.

މިއީ އެމެރިކާގެ ހާރިޖީ ވުޒާރާއިން އަހަރަކު އެއްފަހަރު އެކުލަވާލަމުން އަންނަ ލިސްޓަކަށްވާއިރު، "ބްލެކްލިސްޓު" ކުރެވޭ ގައުމުތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް ތަންފީޒު ކުރުމުގެ ފުރުސަތުވެސްއޮވެއެވެ. އެގޮތުން ބައިނަލްއަގުވާމީ މާލީ އިދާރާ (އައި.އެމް.އެފް)ގެ އިތުރުން ބައިނަލްއަގުވާމީ ފެންވަރުގައި ހަރަކާތްތެރިވާ ޖަމާއަތްތަކުގެ އެހީ، ސައުދީއަށް ލިބުން ހުއްޓުވާލުމުގެ ފުރުސަތުވެސް އޮވެއެވެ.

އިންސާނީ ވަގުފާރީގެ ބްލެކްލިސްޓުގައި ސައުދީ ހިމަނާ، 3 ވަނަ ޓަޔަރުގައި ގިންތިކުރުމަށް އެންމެ ބޮޑަށް ބާރުދިން އެއް ސަބަބަކީ، ސައުދީގައި ހަރަކާތްތެރިވާ ބޭރުގެ މަސައްކަތްތެރިންނާ މެދު އެގައުމުން އަމަލުކުރަމުންދާ ލާއިންސާނީ އުސޫލުތަކުގެ ސަބަބުން ކަމަށް ޚަބަރު ލިބެއެވެ.

ސައުދީ އަރަބިއްޔާގައި އިންސާނީ ވަގުފާރި ކުރަމުންދާ ފަރާތްތަކާ ދެކޮޅަށް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައި ނުވާއިރު، ޝަރިޔަތް ހިންގާފައިވަނީވެސް މީގެ ތެރެއިން މަދު ބަޔަކާ ދެކޮޅަށްކަން އެމެރިކާއިން ފާހަގަކުރެއެވެ. އިންސާނީ ވަގުފާރީގެ ޝިކާރައަކަށްވާ މީހުންނަށް އެހީވެދިނުމަށް ސައުދީއިން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާއިރު، އެފަދަ މީހުންނާ މެދު ހަރުކަށިފިޔަވަޅުތަކެއް އަޅާކަން އެމެރިކާއިންވަނީ ފާހަގަކޮށްފައެވެ. އެގޮތުން ވަގުފާރީގެ ޝިކާރައަކަށްވާ ގިނަ ބަޔަކު ޖަލަށްލުމާ، ޖޫރިމަނާ ކުރުމާ، އިމިގްރޭޝަން ގަވައިދާ ހިލާފުވީ ކަމަށް ބުނެ، ނުވަތަ ހަށިވިއްކުމުގެ އަމަލު ހިންގާ ކަމުގެ ތުހުމަތުގައި އެމީހުން ޑީޕޯޓްކުރަމުންދާކަމަށްވެސް އެމެރިކާއިން ބުނެއެވެ.

މީގެ އިތުރުން ލާއިންސާނީ އަނިޔާދޭ ވެރިންގެ ގާތުން ސަލާމަތްވުމަށްޓަކައި ސައުދީ ދޫކޮށް ދާ މަސައްކަތްތެރިން ރަނގަޅަށް ސްކްރީންކޮށް، ލާއިންސާނީ އަނިޔާތައް ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އެޅުމަށްވެސް އެމެރިކާއިންވަނީ ސައުދީ އަރަބިއްޔާއަށް ގޮވާލާފައެވެ.

މި ލިސްޓުގައި ހިމެނޭ އިތުރު ގައުމުތަކުގެ ތެރޭގައި ޗައިނާގެ އިތުރުން އުތުރު ކޮރެޔާއާއި ކިއުބާ ފާހަގަކުރެވެއެވެ.