ފަނޑިޔާރު އަބްދުﷲ ދީދީގެ ވަކީލަކަށް ވެވަޑައިގަތީ ޖުޑިޝަރީގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ހިމާޔަތް ކުރަން ޖެހެނީ ސީިނިއާ ބާ ގައި ތިބޭ ވަކީލުންނަށް ކަމަށް ވާތީ ކަމުގައި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

'ދަ ޕްރެސް' އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޖަމީލް ވިދާޅުވީ، އޭނާއަކީ ދައުލަތުގެ އެއްވެސް މަގާމެއްގައި ހުންނެވި ބޭފުޅެއް ނޫން ކަމަށާއި، މަސްލަހަތު ގެއްލޭ އެއްވެސް މަގާމެއްގައި ހުންނެވި ބޭފުޅެއްވެސް ނޫން ކަމަށެވެ. އަދި އޭނާއަކީ ގާނޫނީ ވަކީލެއް ކަމަށާއި، ވަކާލާތު ކުރުމަށް ގާނޫނީ އޮފީހެއް ހުންނަ، އެ ހިދުމަތް ދެއްވަމުން ގެންދަވާ ބޭފުޅެއް ކަމަށެވެ. މީގެ އިތުރުން، އޭނާއަކީ ގާނޫނީ ވަކީލުންގެ ތެރޭގައި ސީިނިއާ ބާ ގައި ތިއްބަވާ ބޭފުޅުންގެ ތެރެއިން ހިމެނި ވަޑައިގަންނަވާ ބޭފުޅެއް ކަމަށާއި، ޖުޑިޝަރީގެ ހިމާޔަތުގައި ނިކުންނަން ޖެހެނީ ސީިނިއާ ބާ ގައި ތިއްބަވާ ބޭފުޅުން ކަމަށް ވެސް ޖަމީލް ވިދާޅުވިއެވެ.

މިއަދު ބޭއްވި ފަނޑިޔާރު ދީދީގެ މައްސަލައިގެ ތަހުގީގާ ބެހޭގޮތުން 'ދް ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ޖަމީލު ވިދާޅުވީ ފަނޑިޔާރު ދީދީގެ މައްޗަށް އިތުބާރު ހިފޭ ކަހަލަ އެއްވެސް ހެއްކެތް ނެތް ކަން ފާހަގަ ކުރެއްވުނު ކަމަށެވެ. އެގޮތުން ފުރަތަމަ ދީދީ ސަސްޕެންޑް ކުރީ 1 މިލިއަން ޑޮލަރުގެ މައްސަލައެއްގައި ރައީސް މުހައްމަދު ނަޝީދު ފޮނުއްވި ސިޓީ އަކާއި ގުޅިގެން ކަމަށެވެ. ނަމަވެސް ފަހުން، މި މައްސަލަ ވެގެން ދިޔައީ ފުލުހުން ބަލަމުން އަންނަ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަ އަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީ މައްސަލަ އަކީ މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ތަހުގީގުކޮށް ނިމިފައި އޮތް މައްސަލައެއް ކަމަށް ޖަމީލު ވިދާޅުވިއެވެ. އަދި އޭގެ ތެރޭގައި ވަރަށް ގިނަ ވިޔަފާރިވެރިންނާއި ސިޔާސީ އިސްވެރިން އަދި އެނޫން ވެސް ވަރަށް ގިނަ މީހުންގެ ވާހަކަ އޮތް ކަމަށާއި، މީގެ ކުރިން އޭގެ އެއްވެސް ވާހަކައެއްގެ ތެރެއަށް ފަނޑިޔާރު ދީދީގެ ވާހަކައެއް އައިސްފައި ނުވާކަން ޖަމީލު ފާހަގަ ކުރެއްވެވިއެވެ.

މިމަހު 9 ވަނަ ދުވަހު، ފަނޑިޔާރު ދީދީ ފުލުހުންނަށް ފޮނުވި ސިޓީ އަކާއި ގުޅިގެން 10 ވަނަ ދުވަހު ފުލުހުން ޖަވާބު ދެއްވާފައި އެބައޮތް، އޭނާގެ މައްސަލައެއް ފުލުހުން ބަލަމުން ނުދާކަމަށް، އަދި ހަމަ އެ މޭރުމުން އޭސީސީން ވެސް ބުނޭ. ހަމަ ކަނޑައެޅިގެން އެނގޭ ރިޝްވަތާއި، އެމްއެމްޕީއާރްސީގެ މައްސަލައިގެ ތެރެއިން ދީދީގެ ކަމެއް ނެތް ކަން. ކުއްލިއަކަށް ދެ ދުވަހުގެ ތެރޭގައި ތަހުގީގީ މައްސަލައެއްގެ ތެރެއިން އުފަންވި.
ޖަމީލު

ޖަމީލު ވިދާޅުވީ، މިމަހު 9 ވަނަ ދުވަހު ފަނޑިޔާރު ދީދީ ފުލުހުންނަށް ފޮނުއްވި ސިޓީއަކާއި ގުޅިގެން 10 ވަނަ ދުވަހު އެ ސިޓީގެ ޖަވާބުގައި ފަނޑިޔާރު ދީދީގެ އެއްވެސް މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުން ނުދާކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ. އަދި ހަމަ އެ މޭރުމުން އެންޓި ކޮރަޕްޝަން ކޮމިޝަނުން ވެސް ދީދީގެ މައްސަލައެއް ބަލަމުން ނުދާކަމަށާއި، ކުއްލިއަކަށް އެމްއެމްޕީއާރްސީގެ ތަހުގީގީ މައްސަލައިގެ ތެރެއިން ދެ ދުވަސް ތެރޭގައި ދީދީގެ މައްސަލައެއް އުފަން ވުމަކީ ޝައްކު ކުރެވޭ ކަމެއް ކަމަށް ޖަމީލު ވިދާޅުވިއެވެ.

ޖަމީލު ވިދާޅުވީ، މުޅި މި މައްސަލަ ސިފަވެގެން ދަނީ ސިޔާސީ ގޮތުން ބަދަލު ހިފުމަށް ކުރާ ކަމެއްގެ ގޮތުގައި ކަމަށެވެ. އެގޮތުން، ރައީސް ނަޝީދު ހުށަހެޅުއްވި މައްސަލައެއްގައި އޭނާގެ ގާނޫނީ ޓީމް އަދި އެމްޑީޕީގެ ނުފޫޒުގަދަ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ތިއްބެވުމަކީ މަސްލަހަތު ފުށޫ އަރާ ކަމެއް ކަން ޖަމީލު ފާހަގަ ކުރެއްވިއެވެ.