ފެމިލީ ކޯޓުގެ އެސިސްޓެންޓް ލީގަލް އޮފިސަރުގެ މަގާމުން އަލީ ސައީދު ވަކިކުރީ އޭނާއާ ދެކޮޅަށް ހުށަހެޅި ޖިންސީ ފުރައްސާރައިގެ މައްސަލަ ސާބިތުވުމުންކަމަށް އެ ކޯޓުން މިއަދު ބުނެފިއެވެ.
ފެމެލީ ކޯޓުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އަލީ ސައީދު މަގާމުން ވަކި ކުރައްވާފައި ވަނީ ފެމިލީ ކޯޓުގެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރިކަމަށް ބުނާ މައްސަލަ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބެލުމަށްފަހު އެކަން ސާބިތުވުމުން ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދުގެ ދަށުން ކަމަށެވެ.
ފެމިލީ ކޯޓުން ބުނީ، ޑީޖޭއޭއިން ތަހުގީގު ކުރުމަށްފަހު ޖިންސީ ފުރައްސާރައިގެ މައްސަލަ ސައީދުގެ މައްޗަށް ސާބިތުވާކަމަށް މި މަހުގެ 13 ވަނަ ދުވަހު ވަނީ ނިންމާފައި ކަމަށެވެ. އަދި އަލީ ސައީދު ވަޒީފާއިން ވަކިކޮށްފައި ވަނީ އޭނާ އެއްވެސް އިދާރާއަކަށް ހުށަހަޅާފައިވާ ޝަކުވާއެއް ނުވަތަ މައްސަލައަކާއި ގުޅިގެން ނޫން ކަމަށް ވެސް އެ ކޯޓުން ބުނެއެވެ.
މީގެ އިތުރުން، ފެމިލީ ކޯޓުގައި ކައިވެންޏާއި ވަރިއާ ބެހޭ ހުރިހާ ކަންކަން ބަލަހައްޓާ ކާވެނީގެ ރަޖިސްޓްރާ އަހްމަދު އަބްދުﷲ މިދިޔަ މެއި މަހުގެ ެތރޭގައިވެސް ވަނީ ސަސްޕެންޑްކޮށްފިއެވެ. އޭނާ ސަސްޕެންޑްކުރީ ކޮން ކަމަކާ ގުޅިގެން ކަމެއް ފެމެލީ ކޯޓުން ރަސްމީގޮތެއްގައި އަންގާފައެއް ނުވެއެވެ. ފެމިލީ ކޯޓުން އަހްމަދު ސަސްޕެންޑްކުރުމުގެ ކުރިން އޭނާގެ މައްސަލައެއް ކޯޓުން ބަލާފައި ނުވެއެވެ. އަދި އޭނާއާއި ގުޅުން ހުރި މައްސަލައެއް ލިޔެކިޔުމަކުން ވެސް ކޯޓަށް އަންގާފައި ނުވެއެވެ. ނަމަވެސް، އަހްމަދުގެ މައްސަލައެއް ޑިޖީއޭގެ ސަމާލުކަމަށް ވަނީ އައިސްފައެވެ.
އަދި 2016 ވަނަ އަހަރު ޖޭއެސްސީން ގާޒީ ހަސަން ސައީދާ ގުޅޭ ގޮތުން ބެލި ސުލޫކީ މައްސަލައެއްގައި، އޭނާއާ ދެކޮޅަށް ރަޖިސްޓްރާ އަހްމަދު ހެކިބަސް ދެއްވި މައްސަލައެއް ކުރިން ފެންމަތިވެފައި ވެއެވެ. މި މައްސަލައާއި ގުޅިގެން ޖޭއެސްސީން ވަނީ ހަސަން ސައީދު ސަސްޕެންޑްކުރުމަށްފަހު މިދިޔަ އަހަރުގެ ޖުލައި މަހު އޭނާގެ ސަސްޕެންޝަން އުވާލާފައެވެ.