ކަނޑުމަގުން ދަތުރުކުރަމުންދިޔަ ތެޔޮ ޓޭންކަރުތަކަކަށް އަމާޒުކޮށް، މައިން ބޭނުންކޮށްގެން ދިން ކަމަށް ބުނާ ހަމަލާއިން އެއްކުރެވުނު ހެކިތަކުން ފެންނަން އޮތީ އީރނުގެ ސިއްކަ ކަމަށް އެމެރިކާއިން ބުނެފިއެވެ.

ހޮރުމޫޒު ކަނޑުއޮޅިން ދަތުރުކުރަމުންދަނިކޮށް 2 ޓޭންކަރަކަށް އަމާޒުކޮށް މިދިޔަ ހަފުތާ ތެރޭގައި ދިން ހަމަލާއާއި ގުޅިގެން ލިބިފައިވާ ހެކިތައް ކަމަށް ބުނެ އެމެރިކާގެ ކަނޑުގެ އަސްކަރިއްޔާއިން ބައެއް ސަމާނުވެސް ދައްކާލާފައެވެ. މި ތަކެއްޗަކީ، އީރާނުން ބޭނުންކުރާ ޒާތުގެ މައިންއާއި އެއްގޮތް ކަމެއް ހުރި ހެކިތަކެއްކަމަށް ބުނެވެއެވެ.

އެމެރިކާއިން މީގެ ކުރިންވެސް ވަނީ ޓޭންކަރު ހަމަލާތަކަކީ އީރާނުގެ ހަމަލާތަކެއް ކަމަށް ބުނެ، އީރާނުގެ ބޮލުގައި ބޮޑެތި އިލްޒާމުތަކެއް އަޅުވާފައެވެ.

އެމެރިކާ ކަނޑުއަސްކަރީ ފައުޖުތަކުގެ ސެންޓްރަލް ކޮމާންޑުން ކުރިއަށްގެންދިޔަ ތަހުގީގު ޓީމުގެ ކޮމާންޑިންގް އޮފިސަރުގެ ގޮތުގައި މަސައްކަތްކުރެއްވި ޝޯން ކިޑޯ ވިދާޅުވީ، ލިބިފައިވާ ހެކިތަކުން ފެންނަ މައިންތަކަކީ އީރާނުގެ އަސްކަރީ ޕެރޭޑުތަކުގައިވެސް އެގައުމުން ދައްކާލާފައިވާ ޒާތުގެ މައިންތަކެއް ކަމަށެވެ.

މީގެ އިތުރުން ޖަޕާނުގެ ކަނޑުބޯޓެއްގައި ހަރުކޮށް، ނުގޮވާ އޮތް މައިނެއް ނައްޓާލުމުގެ މަސައްކަތް އީރާނުން ކުރާކަމަށް ބުނާ މަންޒަރު ފެންނަ ވީޑިއޯއެއްވެސް އެމެރިކާއިންވަނީ އާންމުކޮށްފައެވެ. ނަމަވެސް އީރާނުން ދަނީ އެމެރިކާގެ ތުހުމަތުތަކަށް އިންކާރު ކުރަމުންނެވެ.