2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހުއެވެ. ތުރުކިވިލާތުގެ އިސްތަންބޫލްގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓް ތެރެއަށް، ސައުދީގެ ތަޖުރިބާކާރު ސިޔާސީ ނޫސްވެރިޔާ ޖަމާލް ޚަޝޯގީ ވަނުމުގެ 13 ވަރަކަށް މިނެޓުކުރިއެވެ. ކޮންސިއުލޭޓް ތެރޭގައި ތިބި ސައުދީގެ އޮފިޝަލުން އޭރު މަޝްވަރާ ކުރަމުން ދިޔައީ ފުރާނަ ނެތް އިންސާނެއްގެ ހަށިގަނޑު ބުރިބުރިކޮށް ބައިކުރާނެ ގޮތަކާ މެދު އެވެ.
ދެން އިވުނީ "ގުރުބާން ކުރެވޭ ޖަނާވަރު" އަތުވެއްޖެތޯ، މާހިރު ޢަބްދުލްޢަޒީޒު އަލް މުތުރިބު ސުވާލު ކޮށްލި އަޑެވެ. މާހިރު ޢަބްދުލްޢަޒީޒު އަލް މުތުރިބަކީ ސައުދީގެ ނުފޫޒުގަދަ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން (އެމް.ބީ.އެސް)ގެ ހަށިފާރަވެރިއެކެވެ. ޖާސޫސީ އިސް އޮފިސަރެއް ވެސްމެއެވެ.
ޖަވާބުގައި، "އޭނާ އަތުވެއްޖެ"ކަމަށް ބުނާ އަޑުއިވެއެވެ.
މިއީ، އިހާނެތި ގޮތަކަށް މަރާލެވުނު ޚަޝޯގީގެ މަރާ ގުޅިގެން އދގެ ހާއްސަ ޓީމަކުން ހިންގި ތަހުގީގުގެ މައްޗަށް ބިނާކޮށް އަންގާރަ ދުވަހު އާންމު ކުރި ރިޕޯޓުގައި ހިމަނާފައިވާ، ވާހަކަތަކެކެވެ. މި ވާހަކަތަކަކީ، ޚަޝޯގީ މަރާލެވުނު ދުވަހު ސައުދީ ކޮންސިއުލޭޓް ތެރެއިން އިވުނު އަޑުތަކުގެ އޯޑިއޯ ރެކޯޑިންގްގެ ޓްރާންސްކްރިޕްޓްތަކުގެ ކުޑަ މިންވަރެއްގެ ނުރަސްމީ ދިވެހި ތަރުޖަމާއެކެވެ.
އދގެ އެކްސްޓްރާ ޖުޑީޝަލް އެގްޒެކިއުޝަންސް އިންވެސްޓިގޭޓާ އެގްނަސް ކެލަމާޑް އިސްކޮށް ހުންނަވައިގެން އެކުލަވާލެއްވި 101 ސޮފުހާގެ ރިޕޯޓަކީ، އެންމެ ހިތްވަރުގަދަ މީހާގެ ގައިންވެސް ހީބިހި ނަންގުވާ ވަރުގެ ތަފްސީލުތަކެއް ހުރި ރިޕޯޓެކެވެ. އެތަފްސީލުތައް މިތަނުގައި ބަޔާންކުރާކަށް ނެތީމެވެ.
މި ރިޕޯޓްގައި ބުނެފައިވާ ގޮތުގައި، ޚަޝޯގީ މަރާލުމުގެ އަމަލަކީ، އެމް.ބީ.އެސްއަށް އެނގުމަކާ ނުލާ ހިންގޭނެ ވަރުގެ ޖަރީމާއެއް ނޫނެއެވެ.
ކޮންސިއުލޭޓް ތެރެއަށް ޚަޝޯގީ ވަނުމާއެކު އޭނާ ގެންދެވުނީ 2 ވަނަ ފަންގިފިލާގައި ހުންނަ ކޮޓަރިއަކަށެވެ. އަދި އޭނާގެ ދަރިފުޅަށް މެސެޖެއްކޮށް، ސައުދީއަށް އެނބުރި ދިއުމަށް "ޑެތް ސްކޮޑުން" މަޖުބޫރުކޮށް، އެނޫން ގޮތަކަށް ނިންމައިފިނަމަ ނިމުން އަންނާނެ ގޮތް ޚުދު ޚަޝޯގީއަށްވެސް އެނގޭނެ ކަމަށް ބުނެ އިންޒާރު ދެއެވެ. ދެން އިވިގެންދަނީ 7 މިނެޓެއް ހާއިރުގެ "ކުރިމަތިލުމެއް"ގެ އަޑެވެ.
އދގެ ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ޚަޝޯގީ މަރާލާފައި ވަނީ ހޭނައްތާ އިންޖެކްޝަނެއް ޖެހުމަށް ފަހު، ބޮލުގައި ކޮތަޅެއް އަޅުވާ، ނޭވާ ހާސްކޮށްލައިގެންނެވެ. ހަށިގަނޑުގެ ހުރިހާ ހުޅަކުން ބުރިކޮށް، ގުނަވަންތައް ވަކި ކޮށްލުމުގެ ރަހުމެއް ނެތް ގަތުލު ހިންގީ އޭގެ ފަހުންނެވެ.
ޚަޝޯގީގެ މަރަށް 8 މަސް ދުވަސް ވީއިރުވެސް އޭނާގެ ހަށިގަނޑުގެ އެއްވެސް ނިޝާނެއް އަދި މިހާތަނަށް ފެނިފައެއް ނުވެއެވެ. ކެލަމާޑުގެ ރިޕޯޓްގައި ބުނެފައިވާ ގޮތުންނަމަ ޚަޝޯގީ މަރާލުމަށް ފަހު އެކަމާ ގުޅުންހުރި ހުރިހާ ހެއްކެއް، ސައުދީއިން ވަނީ ވަރަށް ފުރިހަމައަށް ނައްތާލައި ފައެވެ. ހެކި ނައްތާލާފައި ވާކަމުގެ ސާބިތު ހެކި އދއަށް ލިބިފައި ވާކަމަށްވެސް މި ރިޕޯޓު ބުނެއެވެ.
ޚަޝޯގީގެ މަރާ ވިދިގެން ދެން އައި 2 ހަފުތާއެއްހާ ދުވަހު ކޮންސިއުލޭޓަށް ވަދެވުނު މީހަކު ނެތެވެ. ހުރީހާ ބާރެއް އޮތީ ސައުދީގެ އަތްދަށުގައެވެ. އެ މީހުން ކުރާނެ ކަމެއް އެތަނުގައި ކުރުމަށް ފަހު ތުރުކީވިލާތުގެ ތަހުގީގު ޓީމުތަކަށް ކޮންސިއުލޭޓުގެ އިމާރާތަށް ވަދެވުނީ އޮކްޓޮބަރު މަހުގެ 15 ވަނަ ދުވަހުއެވެ. އެވެސް އެންމެ 6 ގަޑިއިރަށެވެ. ތުރުކީވިލާތުގައި ހުންނަވާ ސައުދީގެ ކޮންސިއުލާ ޖެނެރަލްގެ ރަސްމީ ގެކޮޅު ބަލާ ފާސްކުރުމުގެ ހުއްދަ، ތުރުކީވިލާތުގެ ތަހުގީގު ޓީމުތަކަށް ދިނީ އޮކްޓޯބަރު މަހުގެ 17 ވަނަ ދުވަހުއެވެ. އެއީވެސް އެންމެ 13 ގަޑިއިރަށެވެ.
ތަނެއްގައި ލޭގެ އަސަރު ހުރިތޯ ބެލުމަށް ހަދާ ލުމިނޯލް ޓެސްޓަށް ބަލާއިރު، ލޭގެ އަސަރު ފެނިފައިވަނީ ވަރަށް ކުޑަ މިންވަރަކަށެވެ. ސައުދީއިން އޮތީ ޚަޝޯގީ "ގުރުބާން" ކުރެވުނު ސަރަހައްދު ފިސާރި ރަނގަޅަށް ސާފުކޮށްފައެވެ. ޚަޝޯގީގައަކީ ޖިސްމާނީ ގޮތުން ބިޔަ ހަށިގަނޑެއްގެ ވެރިއެކެވެ. އެހެންކަމުން މިފަދަ ގޮތަކަށް ޚަޝޯގީ މަރާލުމުގެ ކުރިން، ދުރާލާ ތައްޔާރީތަކެއްވެ، ހަށިގަނޑުން އެހާ ގިނަ ލޭ ބޭރުނުވެ "ކަންނިންމާލެވޭނެ" އިންތިޒާމުތައް ހަމަޖައްސާފައި އޮތުން އެކަށީގެންވާ ކަމަށްވެސް ކެލަމާޑް ވަނީ ތުހުމަތު ކުރައްވާފައެވެ.
މި ޖަރީމާ ހިންގުމުގައި އަމަލީ ގޮތުން ބައިވެރި ވެފައިވަނީ 15 މީހުންގެ ޑެތް ސްކޮޑަކުން ކަމަށް ވާއިރު، މީގެ ކުރިން ހާމަކޮށްފައި ނުވާ 11 މީހެއްގެ ނަން އދގެ ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ. ސައުދީއިން ބުނާ ގޮތުގައި ޚަޝޯގީގެ މަރާ ގުޅިގެން ހިންގާ ހުރިހާ ޝަރީއަތެއްވެސް ހިންގާނީ ސައުދީ އަރަބިއްޔާގެ ފަސްގަނޑުގައެވެ. އެކަމަކަށް ބައިނަލްއަގުވާމީ ތަހުގީގެއް ހިންގާނެ ފުރުސަތެއް ނެތެވެ. ނަމަވެސް ސައުދީއިން ހިންގާ ތަހުގީގަކީ ސައްހަކަން ގެއްލިފައިވާ ތަހުގީގެއް ކަމަށް އދއިން ބުނެއެވެ. މިމައްސަލައިގެ ތަހުގީގެއް ހިންގުމުގެ ފުރުސަތު، ހާދިސާ ހިނގާދިޔަ ތުރުކީވިލާތަށް ވެސް ދިނުމަށް ސައުދީއިން ވަނީ އިންކާރުކޮށްފައެވެ.
ސައުދީއިން އެއްބަސްވާ އެއްކަމެއް އޮވެއެވެ. އެއީ ޚަޝޯގީގެ މަރަކީ ދުރާލާ ރާވައިގެން ހިންގާފައިވާ އަމަލެއް ކަމަށް ބުނާ ބުނުމެވެ. ނަމަވެސް، އެކަމުގައި އެމް.ބީ.އެސްގެ ދައުރެއް އޮތްކަމަށް ދެކެވޭ ހުރިހާ ވާހަކަތަކަށް ސައުދީއިން އިންކާރު ކުރެއެވެ.