ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްޗަށް ތުހުމަތު ކޮށް ޖޭއެސްސީއަށް ހުށަހަޅާފައި ވާ މައްސަލަތަކުގެ ތެރެއިން އާންމުކޮށް ހުޅުވާލައިގެން ބާއްވާ ތަހުގީގުގެ ފުރަތަމަ އަޑު އެހުން މާދަމާ ދަރުބާރު ގޭގައި އޮންނާނެއެވެ.
ހެނދުނު 10 ޖަހާ އިރު ފެށުމަށް ހަމަ ޖެހިފައިވާ މި އަޑުއެހުމަށް މާދަމާ ހެނދުނު 8:45 އިން ފެށިގެން ދަރުބާރު ގޭ ރަންނަބަނޑޭރި މާލަމަށް ވަދެވޭނެ ކަމަށް ޖޭއެސްސީން ބުނެއެވެ.
ޖޭއެސްސީން ބުނީ އާންމުކޮށް ހުޅުވާލައިގެން މި މައްސަލަ ކުރިއަށް ގެންދިޔަ ނަމަވެސް، އަޑު އަހަން ވަންނަ ފަރާތްތަކުން ޖޭއެސްސީގެ ތަހުގީގަށް ހުރަސް އެޅޭނެ އެއްވެސް ކަމެއް ނުކުރުމަށް ވަނީ އިލްތިމާސް ކޮށްފައެވެ. އެއާ ހިލާފަށް އަމަލު ކުރާ ފަރާތެއް ނުވަތަ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށްވެސް އެކޮމިޝަނުން ވަނީ ބުނެފައެވެ.
ސަލާމަތީ ބާރުތަކުން ސެކިއުރިޓީ ބަލަހައްޓާ މި ތަހުގީގުގައި ޖޭއެސްސީން ބަލަނީ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްޗަށް ތުހުމަތު ކުރެވިފައިވާ މައްސަލަތަކެވެ. އެގޮތުން މީޑިއާއަށް ހިއްސާ ކޮށްފައިވާ 2 މައްސަލައަކީ ރިޝްވަތުގެ ގޮތުގައި ލިބިވަޑައިގެންނެވި 1 މިލިއަން ޑޮލަރު ދީދީގެ އަނބިކަނބަލުންގެ އެކައުންޓަކަށް ޖަމާކުރެއްވި މައްސަލައާއި، ޖޭއެސްސީން ދީދީ ސްސްޕެންޑް ކޮށްފައި ހުއްޓާ ވަޒީފާއަށް ދީދީ ނުކުންނެވި މައްސަލައެކެވެ. މީގެ އިތުރުން އެކޮމިޝަނަށް ހުށަހެޅިފައި ހުރި މައްސަލަތަކުގެ ތަފްސީލު ހާމަ ނުކުރި ނަމަވެސް ޖުމްލަ 5 މައްސަލައެއް ހުށަހެޅިފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
ފަނޑިޔާރު ދީދީ އަކީ ރައީސް ޔާމީނުގެ ވެރިކަމުގައި ސްޕްރީމް ކޯޓުގެ ބެންޗަށް ބަދަލު ގެނައި އިރު އެ ބެންޗުގައި ހިމެނިވަޑައިގަންނަވާ 5 ފަނޑިޔާރުންގެ ތެރެއިން އެއް ބޭފުޅެކެވެ.