ޕްރީ ސްކޫލް ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލް މަޖިލީހުން ފާސްނުވެ، ބޭރުކޮށްފިއެވެ.

ޕްރީ ސްކޫލް ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހެޅި ބިލް މަޖިލީހުން ބޭރުކުރީ، މި ބިލް ފާސްކުރުމާއި ދެކޮޅަށް 62 މެންބަރުން ވޯޓު ދެއްވުމާ އެކުއެވެ. މި ބިލް ފާސްކުރުމަށް ހަތަރު މެންބަރުން ވޯޓު ދެއްވާފައި ވާއިރު، ވަކި ގޮތަކަށް ވޯޓު ދޭން ބޭނުން ނުވާ އެއް މެންބަރަކު ވަނީ ވޯޓު ދެއްވާފައެވެ. މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެންނެވީ 70 މެންބަރުންނެވެ.

މި ގާނޫނަށް ފެލިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަޒުލް ރަޝީދު ހުށަހެޅުއްވި އިސްލާހަކީ އުމުރުން އެއް އަހަރުން ފެށިގެން ޕްރީސްކޫލް ތައުލީމުގައި ތުއްތު ކުދިން ބައިވެރި ކޮށްގެން ސްކޫލްތައް ހިންގަން ދައުލަތަށް ލާޒިމު ކުރުމެވެ. ޕްރީ ސްކޫލްގެ ގާނޫނު މިހާރު އޮންނަ ގޮތުން ޕްރީ ސްކޫލްގެ ތައުލީމު ދޭން އޮންނަނީ ހަތަރު އަހަރާއި ހަ އަހަރާ ދެމެދުގެ ކުދިންނަށެވެ. ނަމަވެސް ބެލެނިވެރިން އެކަމަށް ބޭނުންވާނަމަ ދެ އަހަރުން ފެށިގެން ވެސް ޕްރީ ސްކޫލްގެ ޕްރޮގްރާމް ތަކުގައި ބައިވެރި ކުރެވޭނެއެވެ.

ބިލަށް ބަހުސް ކުރައްވަމުން، ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވަނީ ދައުލަތަށް އެވަރަށް ފައިސާ ލިބޭ އިރު، ތުއްތު ކުދިންނަށް ހިލޭ ކިޔެވޭނެ ގޮތް ފަހިވާން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އެގޮތުން، އޭނާ ވިދާޅުވީ، ޕްރީ ސްކޫލް ކުދިންގެ ކުޔެވުމަށް ގެނެވޭ އިސްލާހަކީ ވަރަށް މުހިއްމު އިސްލާހެއް ކަމަށެވެ. އަދި މިހާރު ޕްރީސްކޫލްތައް ހިންގަމުން އަންނަނީ އަމިއްލަ ފަރުދުން ކަމަށާއި އަދި ރަށްރަށުގައި މި ފަދަ ސްކޫލްތައް ހިނގަމުން އަންނަނީ އެރަށެއްގެ ކައުންސިލުތަކުގެ ބެލުމުގެ ދަށުން ކަމަށް ނާޒިމް ވިދާޅުވިއެވެ.

މި ބިލަށް ތާއިދު ނުކުރައްވާ މެންބަރުންގެ ތެރެއިން، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް ވިދާޅުވީ، ޕްރީ ސްކޫލަކީ ކުދިންނަށް އެ ކުދިންގެ އާއިލާއާއި ގެއިން ބޭރުން އެންމެ ފުރަތަމަ ތަރުބިއްޔަތާއި އިލްމު ލިބޭ މަރުކަޒު ކަމަށާއި، މިފަދަ ކަމަކަށް މަޖިލީހަށް ބިލެއް ހުށަހަޅާއިރު މި ދާއިރާ ދިރާސާ ކުރަން ޖެހޭ ކަމަށެވެ. އަދި އިނގިރޭސި ވިލާތުން ދާދި ފަހުން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި، މިހާ ޅަ އުމުރުގައި ކުދިން ސްކޫލަށް ވެއްދުމަކީ މުސްތަގުބަލުގައި އެ ކުދިންނަށް ނަފްސާނީ ބަލިތައް ޖެހުމަށް މަގުފައިވާ ކަމެއް ކަން މީކާއިލް ފާހަގަ ކުރެއްވިއެވެ.

މީކާއިލް ވިދާޅުވީ، އިލްމީ ދާއިރާއިން އެންމެ ކާމިޔާބު ގައުމުތަކުގައި ކުދިން ސްކޫލަށް ވެއްދުމުގެ އެންމެ ޅަ އުމުރަކީ ހަ އަހަރު ކަމަށާއި، އިނގިރޭސި ވިލާތުގައި އޮންނަނީ ފަސް އަހަރު ކަމުގައި ވިޔަސް ބޭނުން ނަމަ ހަތަރު އަހަރުން ކުދިން ސްކޫލަށް ވެއްދުމުގެ ފުރުސަތު އޮންނަ ކަމަށެވެ. ނަމަވެސް، އެއްވެސް ގައުމެއްގައި އެއް އަހަރުން ފެށިގެން ޕްރީސްކޫލް ފަށަން އޮންނަ ކަމަށް ފާހަގަ ނުކުރެވޭ ކަމަށް މީކާއިލް ވިދާޅުވިއެވެ. އަދި މަޖިލީލަށް ހުށަހެޅުނު އިސްލާހަކީ ކުދި އެޕާޓްމަންޓް ތަކުގައި ޕްރީ ސްކޫލް ހިންގާ މީހުންގެ ވިޔަފާރި ބޭނުމަށް ހުށަހެޅުނު އިސްލާހެއް ކަމަށް މީކާއިލް ވިދާޅުވިއެވެ.