ތަޖުރިބާކާރު ނޫސްވެރިޔާ ޖަމާލް ޚަޝޯގީގެ މަރުގެ މައްސަލައާއި ގުޅިގެން ސައުދީ އަރަބިއްޔާގެ ނުފޫޒުގަދަ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން (އެމް.ބީ.އެސް)އާއި ދެކޮޅަށް ތަހުގީގެއް ހިންގުމަށް، ބައިނަލްއަގުވާމީ ފެންވަރުގައި މި ހާދިސާ ތަހުގީގު ކުރެއްވި އދގެ އެކްސްޓްރާ ޖުޑީޝަލް ކިލިންގްސް އިންވެސްޓިގޭޓާ އެގްނެސް ކެލަމާޑް ގޮވާލައްވައިފިއެވެ.
ކެލަމާޑް މިކަމަށް ގޮވާލައްވާފައިވަނީ ޚަޝޯގީގެ މަރާ ގުޅިގެން އދއިން ހިންގި ތަހުގީގު ނިންމާ، ދާދި ދެންމެއަކު އާންމުކުރެއްވި ރިޕޯޓްގައެވެ.
ޚަޝޯގީ މަރާލުމުގައި އެމް.ބީ.އެސްގެ ދައުރެއް ވާކަމުގެ ސާބިތު ހެކި ލިބިފައިވާކަމަށް ވެސް ކެލަމާޑްގެ ރިޕޯޓްގައި ވަނީ ފާހަގަކުރައްވާފައެވެ. އަދި އެމް.ބީ.އެސްގެ އިތުރުން ސައުދީގެ އިސް އޮފިޝަލުންތަކެއްގެ މައްޗަށް ވެސް ތަހުގީގު ހިންގުމަށް ކެލަމާޑް ވަނީ ގޮވާލައްވާފައެވެ.
ޚަޝޯގީ މަރާލުމުގައި ސައުދީ އަރަބިއްޔާގެ ޒިންމާއެއް އެބައޮތްކަމަށް އެ ގައުމުން ގަބޫލުކުރަންޖެހޭނެ ކަމަށްވެސް އދގެ އޮފިޝަލުގެ ރިޕޯޓްގައި ވަނީ ފާހަގަކުރައްވާފައެވެ. އަދި ޚަޝޯގީގެ މަރަކީ ދުރާލާ ރާވައިގެން ހިންގާފައިވާ އަމަލެއްކަމަށް ވެސް މި ރިޕޯޓްގައި ވަނީ ކަނޑައަޅާފައެވެ.
ވަރި/ކައިވެންޏާ ގުޅުންހުރި ލިޔެކިއުންތަކެއް ހަމަޖެއްސުމަށްޓަކައި ތުރުކީވިލާތުގައި ހުންނަ ސައުދީ އަރަބިއްޔާގެ އެމްބަސީ ތެރެއަށް ވަނުމާއެކުހެން ހާއްސަ ޑެތްސްކޮޑަކުން ޚަޝޯގީ މަރާލާފައިވާއިރު، އޭނާގެ ހަށިގަނޑު ނައްތާލި ގޮތުގެ މައުލުމާތުވެސް މިހާދިސާ ތަހުގީގުކުރުމުގައި ކެލަމާޑްއާއިއެކު ބައިވެރިވި އދގެ ޓީމަށް ލިބިފައިވާކަމަށް މި ރިޕޯޓްގައިވެއެވެ.
ޚަޝޯގީ މަރާލާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. އަދި ޚަޝޯގީގެ މަރަކީ ދުރާލާ ރާވައިގެން ހިންގި އަމަލެއް ކަމަށް ސައުދީއިން އިއުތިރާފުވި ނަމަވެސް، އެކަމުގައި އެމް.ބީ.އެސްގެ ދައުރެއް ވާކަމަށް ދެކެވޭ ވާހަކަތަކަށް ސައުދީ އަރަބިއްޔާއިން ވަނީ މިހާތަނާ ޖެހެންދެން އިންކާރުކޮށްފައެވެ.
ސައުދީ ޝާހީ އާއިލާއާއި އަރިސް މީހެއްގެ ގޮތުގައި މަސައްކަތްކުރުމަށްފަހު ސައުދީގެ ސަރުކާރަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުކޮށް ހުޅަނގުގެ މީޑިއާއަށް ލިޔުންތައް ފޯރުކޮށްދެމުންދިޔަ ސައުދީ ނޫސްވެރިޔާ ޚަޝޯގީ މަރާލާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. އަދާ ޖެހެންދެކަށްވެސް ޚަޝޯގީގެ ހަށިގަނޑުގެ އެއްވެސް ނިޝާނެއް ފެނިފައެއް ނުވެއެވެ.