ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ތަހުގީގު މާދަމާ ހެނދުނު ދަރުބާރުގޭގައި އޮންނާނެ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފިއެވެ.

ޖޭއެސްސީން ބުނީ ފަނޑިޔާރު ދީދީގެ ތަހުގީގު އޮންނާނީ މާދަމާ ހެނދުނު 10:00 ގައި ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައި އާންމުކޮށް ހުޅުވާލައިގެން ކަމަށެވެ. ޖޭއެސްސީން ބުނީ މާދަމާ އޮންނަ ފަނޑިޔާރު ދީދީގެ ސުލޫކީ މައްސަލައިގެ ތަހުގީގަށް ދަރުބާރުގެއަށް ހާޒިރުވުމަށް އޭނާއަށް ޗިޓް ފޮނުވާފައިވާ ކަމަށެވެ.

ޖޭއެސްސީއިން ކުރިން ބުނެފައިވާ ގޮތުގައި، އާންމުކޮށް ހުޅުވާލައިގެން ބާއްވަނީ ފަނޑިޔާރު ދީދީގެ މައްޗަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވާފައިވާ ރިޝްވަތުގެ ތުހުމަތުގެ މައްސަލަ އާއި ޖޭއެސްސީގެ ނިންމުމަށް ތަބާވެވަޑައި ނުގެން މަސައްކަތަށް ނިކުންނެވި މައްސަލައެވެ. ފަނޑިޔާރު ދީދީގެ މައްޗަށް ސްލޫކީ ފަސް މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ވެސް ޖޭއެސްސީއިން ބުނެއެވެ.

ފަނޑިޔާރު އަބްދުﷲ ދީދީ ޖޭއެސްސީއަށް މިދިޔަ ހޯމަ ދުވަހުގެ ރޭ 11:30 ގައި ވަނީ ހާޒިރުކޮށްފައެވެ. އެއީ އޭނާއާއި ގުޅޭ ޖިނާއީ ތަހުގީގެއް ފުލުހުން ކުރާތީ އޭނާ ޖޭއެސްސީން ސަސްޕެންޑު ކުރި ކުރުން، ސްޕްރީމް ކޯޓުން ބާތިލު ކުރުމާ ގުޅިގެންނެވެ. ޖޭއެސްސީން ދީދީ ސަސްޕެންޑް ކުރި މައްސަލައިގައި ސްޕްރީމް ކޯޓުން ފުރަތަމަ ނެރުނު އަމުރުގައި ބުނީ އޭނާއާ މެދު އެއްވެސް ފަރާތަކުން އެއްވެސް ފިޔަވަޅެއް އަޅައިގެން ނުވާނެ ކަމަށެވެ. އެ އަމުރު ގަބޫލު ނުކޮށް ޖޭއެސްސީން ބުނެފައި ވަނީ އެ ކޮމިޝަނުން ނިންމި ނިންމުން ދެމި އޮތް ކަމަށެވެ. އެއާ އެކު ރައްޔިތުންގެ މަޖިލީހުގެ ކަމާ ބެހޭ ކޮމެޓީން ވަނީ ޖޭއެސްސީގެ ނިންމުމަށް ތާއީދު ކޮށްފައެވެ.