ބިޒަނަސް އިމޭޖްސް ގްރޫޕު (ބިގް) އަށް ފައިސާ ދޫކުރުމަށް އުޝާމް ދެއްވި ލަފާ މިހާރުގެ އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ބަދަލު ނުކުރެއްވީ، އެ ލަފައަކީ ގާނޫނީ ގޮތުން ރަނގަޅު ލަފައެއް ކަމަށް ރިފްއަތު ދެކެވަޑައިގަންނަވާތީ ކަމަށް ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އުޝާމް މިހެން ވިދާޅުވީ، ސިވިލް ކޯޓުގެ ހުކުމާއި ގުޅިގެން، ބިގަށް 30 މިލިއަން ރުފިޔާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ދިން މައްސަލައިގައި އޭޖީ ރިފްއަތު މަޖިލީހަށް ހާޒިރުކޮށް ސުވާލުކޮށްފައި ވަނިކޮށެވެ.

ރިފްއަތު ވިދާޅުވީ ބިގަށް ފައިސާދޭން ލަފާ ދެއްވީ އުޝާމް ކަމަށެވެ. އޭޖީ ވިދާޅުވީ ބިގަށް ފައިސާ ދެއްކުމާ ގުޅޭ މައްސަލައިގައި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އޭޖީގެ ލަފަޔަކަށް އެދުމުން، އެއިރު ޑެޕިއުޓީ އޭޖީކަމުގައި ހުންނެވި އަހުމަދު އުޝާމް އެގޮތަށް ލަފާ ދެއްވި ކަމަށެވެ.

ވަޒީރުންނާ ސުވާލު ކުރުމަށް ހުޅުވާލި ފުރުސަތުގައި އުޝާމް ވަނީ އެ ލަފާ ބަދަލު ނުކުރެއްވީ ކީއްވެގެންތޯ އޭޖީއާ ސުވާލު ކުރައްވާފައެވެ. ނަމަވެސް އެ ސުވާލަކަށް އޭޖީ ޖަވާބެއް ނުދެއްވައެވެ. އަދި މަޖިލީހުގެ ރައީސް ވަނީ މެންބަރުންނަށް އަމިއްލަ ދިފާއުގައި ވަކާލާތު ނުކުރެއްވޭނެ ކަމަށް ވިދާޅުވެ އުޝާމްގެ ސުވާލު މެދުކަނޑުއްވާ ލައްވާފައެވެ.

މި މައްސަލައިގައި އުޝާމް ކުރެއްވި ޓްވީޓުގައި ވިދާޅުވީ އޭރުގެ އެމްބީސީިން ބިގް ކުންފުންޏަށް ދައްކަން ޖެހޭކަމަށް ސިވިލް ކޯޓުން ކުރި ހުކުމް ނިހާއީ ހުކުމަކަށް ބަދަލުވެފައި ވަނިކޮށް ޕްރައިވަޓައިޒޭޝަން ބޯޑުގެ އެދުމަށް އެހުކުމާ އެއްގޮތަށް ފައިސާ ދައްކަން ޖެހޭނީ ޕީއެސްއެމުން ކަމަށް ދެކޭކަމަށް ބަންޑާރަނައިބުގެ އޮފީހުން ލަފައެއް ދީފައިވާނެ ކަމަށެވެ.

އަދި އެ ލަފައަކީ، ގާނޫނީ ގޮތުން ރަނގަޅު ލަފައެއް ނޫންނަމަ، އޭނާ ދެއްވާފައިވާާ އެހެންވެސް ގިނަ ލަފާތައް މިހާރުގެ އޭޖީ ރިވިއުކުރައްވައި ބަދަލުކުރެއްވި ގޮތަށް، ފައިސާ ދެއްކުމުގެ ކުރިން މިލަފާވެސް އޭޖީއަށް ބަދަލުކުރެއްވޭނެ ކަމަށް ދެކެވަޑައިގަންނަވާނަކަމަށް އުޝާމް ވިދާޅުވިއެވެ.

"އެގޮތަށް މި މައްސަަލައިގައި އެ ލަފާ ބަދަލުކުރައްވާފައި ނުވާތީ އަޅުގަނޑު ދެކެނީ ހުދު އޭޖީވެސް އެ ގާނޫނީ ލަފާ ގާނޫނީ ގޮތުން ރަނގަޅުކަމަށް ދެކިވަޑައިގަންނަވާ ކަމަށް،"
ވިލިމާލެ ދާއިރާގެ މެންބަރު އުޝާމް

ޖޫން 7، 2016 ގައި ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ބިގް ކުންފުންޏަށް 78 މިލިއަން ރުފިޔާ ދެއްކުމަށެވެ. އަދި އެ ހުކުމް ކުރީ އެމްއެންބީސީއާއެކު ހެދި ވެފައިވާ އޮތް އެއްބަސްވުމުގެ ދަށުން ބިގަށް ލިބެން ޖެހޭ ފަސް މިލިއަން ރުފިޔާ ނުލިބި އޮތުމުންނެވެ. ބާކީ ފައިސާއަކީ ޖޫރިމަނާއަށް އެރި އަދަދެވެ.