ބިޒްނަސް އިމޭޖު ގްރޫޕު ޕްރައިވެޓް ލިމިޓެޑް (ބިގް) އަށް ފައިސާ ދޫކޮށްފައި ވަނީ، ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަދި ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމްގެ ލަފާގެ މަތިން ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެއެވެ.
އޭޖީ ރިފްއަތު މިހެން ވިދާޅުވެފައި ވަނީ ބިގަށް 30 މިލިއަން ރުފިޔާ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ދޫކުރި މައްސަލައިގައި، މަޖިލީހަށް ހާޒިރުކޮށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
ސިވިލް ކޯޓުން ވަނީ ބިގުން އެމްއެންބީސީއަށް ފޯރުކޮށްދިން ހިދުމަތަށް ފައިސާ ނުދައްކައިގެން ސިވިލް ކޯޓުގައި ދައުވާކޮށް އެ މައްސަލަ ކާމިޔާބުކޮށްފައެވެ. އަދި ސިވިލް ކޯޓުން ވަނީ ބިގަށް ދޭންޖެހޭ ފައިސާގެ އިތުރުން ޖޫރިމަނާ ވެސް ދައްކަން ހުކުމް ކޮށްފައެވެ. އެމްއެންބީސީއަށް ފޯރުކޮށްދިން ހިދުމަތުގެ އަގާއި ޖޫރިމަނާއާއެކު ބިގަށް 78 މިލިއަން ރުފިޔާ ދައްކަން ވަނި ހުކުމް ކޮށްފައެވެ. އަދި އޭގެ ތެރެއިން 30 މިލިއަން ރުފިޔާ ވަނީ ބިގަށް ދީފައެވެ.
މި މައްސަލައިގައި ޖާބިރުގެ ސުވާލަށް ޖަވާބު ދެއްވަމުން އޭޖީ ވިދާޅުވީ ބިގަށް ފައިސާ ދެއްކުމާއި ގުޅޭ މައްސަލައިގައި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އޭޖީގެ ލަފަޔަކަށް އެދުމުން، އެއިރު ޑެޕިއުޓީ އޭޖީކަމުގައި ހުންނެވި އަހުމަދު އުޝާމް ލަފާ ދެއްވި ކަމަށެވެ.
އޭޖީ ވިދާޅުވީ ބިގް ކުންފުންޏަށް ފައިސާ ދޫކޮށްފައި ވަނީ ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް ދެއްވާފައިވާ ލަފާގެ މަތިން ކަމަށެވެ. އޭޖީ ވިދާޅުވީ ބިގް ކުންފުންޏަށް ފައިސާ ދެއްކުމަށް އެޓާނީ ޖެނެރަލް ކަމާ، ހަވާލުވެވަޑައިގެން ފަހުން އެއްވެސް ފަރާތަކަށް ލަފާ އަރުވާފައެއް ނުވާނެ ކަމަށެވެ.
އޭޖީ ވިދާޅުވީ ބިގުން ދައުވާ އުފުލީ އެމްއެންބިސީގެ މައްޗަށް ކަމުގައިވާ ނަމަ، އެ މައްސަލައަކީ ދައުލަތުން ދައުވާ ލިބުނު މައްސަލައެއް ނޫންކަމަށެވެ. އަދި އެއީ ދައުލަތުން އިސްތިއުނާފް ކުރަން ޖެހޭ މައްސަލައެއް ވެސް ނޫން ކަމަށް ރިއްފަތު ވިދާޅުވިއެވެ.
ޖޫން 7، 2016 ގައި ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ބިގް ކުންފުންޏަށް 78 މިލިއަން ރުފިޔާ ދެއްކުމަށެވެ. އަދި އެ ހުކުމް ކުރީ އެމްއެންބީސީއާއެކު ހެދި ވެފައިވާ އޮތް އެއްބަސްވުމުގެ ދަށުން ބިގަށް ލިބެން ޖެހޭ ފަސް މިލިއަން ރުފިޔާ ނުލިބި އޮތުމުންނެވެ. ބާކީ ފައިސާއަކީ ޖޫރިމަނާއަށް އެރި އަދަދެވެ.