1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ވަނަ ދުވަހު، ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި އިސްކޮށް ހުރި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ރާއްޖެ ގެނައުމުގެ މަސައްކަތެއް ކުރޭތޯ ސުވާލު ކުރުމަށް މިނިސްޓާ އޮފް ހޯމް އެފެއާޒް، އިމްރާން އަބްދުﷲ ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރަން ނިންމައިފިއެވެ.
ލުތުފީގެ މައްސަލާގައި ދައުލަތާ ސުވާލު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް މައްސަލަ ހުށަހަޅުއްވާފައި ވަނީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އެވެ. އޭނާ މަޖިލީހަށް ހުށަހެޅުއްވި މައްސަލާގައި ބުނެފައި ވަނީ ކުރީގެ ރައީސް އަދި މިހާރު މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ބޭސްފަރުވާއަށް ލުތުފީ ސްރީލަންކާއަށް ފޮނުވާލި ގޮތަށް އޭނާ އަނބުރާ ގެނެސްފައި ނުވާއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އޭނާ ގެނެއުމުގެ މަސައްކަތް ކުރޭތޯ ސުވާލު ކުރުމަށެވެ.
ހޯމް މިނިސްޓަރު މަޖިލީހަށް ހާޒިރުކޮށް، މެންބަރު ނަޝީދު ވަނީ، ލުތުފީ ރާއްޖެ ގެނައުމަށް ހޯމް މިނސްޓްރީން އެއްވެސް މަސައްކަތެއް ކުރަމުންދޭތޯއާއި އަދި އޭނާ މިހާރު ހުރި ގައުމަކާ ގުޅޭ ގޮތުން ސަރުކަރަށް މައުލޫމާތު ލިބިފައިވޭތޯ މިނިސްޓަރާ ސުވާލުކުރުމަށް އެދިލައްވާފައެވެ.
މިދިޔަ އޭޕްރީލް 21 ވަނަ ދުވަހު ލަންކާއަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން އެގައުމުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށް ބެލެހެއްޓުމުގެ ގޮތުން، އެ ގައުމުގެ ސިފައިން ވަނީ ހުރިހާ ގެތަކެއް ބަލައި ޗެކްކޮށްފައެވެ. އަދި އެ ޗެކް ކުރުމުގެ ތެރެއިން ގަވައިދާ ހިލާފަށް ވިސާ ނެތި ލަންކާގައި ދިރިއުޅޭ ދިވެހިންތަކެއް ލަންކާއިން ހައްޔަރުވެސް ކޮށްފައިވާއިރު، އެއިން އެއްވެސް މީހެއްގެ ތެރޭގައި ލުތުފީއެއް ނުހިމެނެއެވެ. ނަމަވެސް، ލަންކާގައި ފިލައިގެން އުޅޭ ދިވެހިން ޕާސްޕޯޓާއި ވިސާ ހޯދުމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒަށާއި ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް ގުޅާ ކަމަށާއި، ފިލައިގެން އުޅޭ މި މީހުން ލަންކާގައި އުޅެނީ ކޮން ހިސާބެއްގައި ކަން ބުނަން އެ މީހުން ބޭނުން ނުވާކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.
ލަންކާގެ ޕްލޮޓް ޖަމާއަތުގެ ބަޔަކާ ދިވެހިންގެ ބަޔަކު ގުޅިގެން 1998 ވަނަ އަހަރުގެ ނޮވެމްބަރު ތިން ވަނަ ދުވަހު، ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގައި 19 ދިވެއްސަކު މަރުވި އެވެ. އެ މައްސަލާގައި ލުތުފީގެ މައްޗަށް ކުށް ސާބިތުވެ އޭނާގެ މައްޗަށް ވަނީ އުމުރު ދުވަހުގެ ޖަލު ހުކުމެއް ކޮށްފައެވެ.