ރާއްޖެއަށް ކުރަމުން މިދާ ވިއްސާރައިގައި ދ. އަތޮޅު މާއެނބުދޫއަށް އުދަ އަރައި، އެރަށުގެ ބޮޑު ސަރަހައްދެއް ފެން ބޮޑުވެ މީހުން ދިރިއުޅޭ 8 ގެއަކަށް ފެން ވަދެއްޖެއެވެ.

"ދަ ޕަރެސް" އަށް މައުލޫމާތު ދެއްވަމުން، މާއެނބޫދޫ ކައުންސިލުގެ ރައީސް އަހްމަދު ފިކްރީ ވިދާޅުވީ، އުދަ އެރުމުގެ ސަބަބުން ރަށުގެ ބޮޑު ސަރަހައްދަކަށް ފެނުގެ އަސަރުކޮށްފައިވާ ކަމަށެވެ. މިހާރުވެސް ރަށުގެ އަށް ގެއަކަށް ފެންވަދެފައިވާ ކަމަށާއި އެކަން އެމްއެންޑީއެފަށްވެސް އަންގާފައިވާނެ ކަމަށް އަހްމަދު ވިދާޅުވިއެވެ.

"މިހާރު ރަށުގެ އަށް ގެއަކަށް ވަނީ ފެންވަދެފައި ރަށުގެ ރައްޔިތުންނާއި ކައުނސިލުން ގުޅީގެން މީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުން މިދަނީ."
މާއެނބޫދޫ ކައުނސިލްގެ ރައީސް އަހުމަދު ފިކުރީ

ރަށުތެރެ ފެންބޮޑުވަމުންދާތީ ކައުންސިލާއި ރަށުގެ ރައްޔިތުން ގުޅިގެން ފެން ހިންދުމަށާއި ފެން ވަނަންމުންދާ ގެތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް އަހުމަދު ވިދާޅުވިއެވެ.

އުދަ އެރުމުގެ ސަބަބުން ދ. މާއެނބޫދޫ ފެންބޮޑު ރަށު ރައްޔިތުން ނުކުމެ ފެން ހިއްކުމުގެ މަސައްކަތުގައި

ރަށުތެރެ ފެން ބޮޑުވެގެން މި އުޅެނީ ރަށުތެރެއަށް އުދަ އަރައިގެން އައި އިރު އެ ފެންތައް ބޭރުކުރެވޭނެ ގޮތެއް ނެތުމުން ކަމަށާއި، އަދިވެސް މެދުކެނޑުމެއް ނެތި އުދަ އަރަމުންދާތީ ފެންގަނޑު ބޮޑު ވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މޫސުމާ ބެހޭ އިދާރާ މެޓް އޮފީހުން ބުނެފައި ވަނީ މިއަދު މެންދުރު 1:00 އިން ހަވީރު 4:00 އާ ދެމެދު މެދުރާއްޖެތޜޭގެ ރަށްތަކަށް އުދައަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މީގެ އިތުރުން، މެޓް އޮފީހުން ވަނީ، މިއަދު މ އަތޮޅާއި އައްޑޫ އަތޮޅާ ދެމެދަށް ވައިތް އެލާޓޭއް ނެރެފައެވެ. އެގޮތުން މިއަދު ހެނދުނު 11:00 އިން ފެށިގެން ހަވީރު 5:00 އަ ދެމެދަށް، މ އަތޮޅުން ފެށިގެން އައްޑޫ އަތޮޅާ ދެމެދަށް ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް އެ އިދާރާއިން ބުނެއެވެ. އަދި ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި ދެކުނާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުންވެސް އެކަށީގެންވާ ކަމަށް ބުނެއެވެ.

އުދަ އެރުމުގެ ސަބަބުން ދ. މާއެނބޫދޫ ފެންބޮޑުވެފައި

މިދިޔަ ހޮނިހިރު ދުވަހު މާލޭގެ ކާނިވާ ސަރަހައްދާއި އަދި ރާޅުގަނޑު ސަރަހައްދަށް އުދަ އަރުމުގެ ސަބަބުން އެ ސަރަހައްދަށް ވަނީ ވެއްޔާއި ގަލާއި ލޮނުގަނޑު ފެތުރިފައެވެ. ގަދައަށް އުދަ އަރަމުންދާތީ ފުލުހުން ވަނީ އެ ސަރަހައްދުގައި ޕާކްކޮށްފައިވާ ވެހިކަލްތައް ނެގުމަށްވެސް އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން މި ދިޔަ ހޮނިހިރު ދުވަހު ނ. މަނަދޫއާއު، ގދ. ފިޔޯރީ، ބ. އޭދަފިށީގެ އިތުރު ރ. އުނގޫފާރަށް ވެސް ވަރަށް ބޮޑަށް އުދަ އަރާފައިވާ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.