ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ދެ މައްސަލައެއް ބެލުން އާންމުކޮށް ހުޅުވާލައިގެން ބާއްވަން ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސ)ީ އިން ނިންމައިފިއެވެ.

ޖޭއެސްސީއިން ބުނީ، އާންމުކޮށް ހުޅުވާލައިގެން ބާއްވަނީ ފަނޑިޔާރު ދީދީގެ މައްޗަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވާފައިވާ ރިޝްވަތުގެ ތުހުމަތުގެ މައްސަލަ އާއި ޖޭއެސްސީގެ ނިންމުމަށް ތަބާވެވަޑައި ނުގެން މަސައްކަތަށް ނިކުންނެވި މައްސަލައެވެ.

ފަނޑިޔާރު ދީދީގެ މައްޗަށް ޖުމްލަ ފަސް ސްލޫކީ މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ޖޭއެސްސީއިން ބުނެއެވެ.

ފަނޑިޔާރު އަބްދުﷲ ދީދީ ޖޭއެސްސީއަށް ރޭ 11:30 ގައި ވަނީ ހާޒިރުކޮށްފައެވެ. އެއީ އޭނާއާއި ގުޅޭ ޖިނާއީ ތަހުގީގެއް ފުލުހުން ކުރާތީ އޭނާ ޖޭއެސްސީން ސަސްޕެންޑު ކުރި ކުރުން، ސްޕްރީމް ކޯޓުން ބާތިލު ކުރުމާ ގުޅިގެންނެވެ. ޖޭއެސްސީން ދީދީ ސަސްޕެންޑް ކުރި މައްސަލައިގައި ސްޕްރީމް ކޯޓުން ފުރަތަމަ ނެރުނު އަމުރުގައި ބުނީ އޭނާއާ މެދު އެއްވެސް ފަރާތަކުން އެއްވެސް ފިޔަވަޅެއް އަޅައިގެން ނުވާނެ ކަމަށެވެ. އެ އަމުރު ގަބޫލު ނުކޮށް ޖޭއެސްސީން ބުނެފައި ވަނީ އެ ކޮމިޝަނުން ނިންމި ނިންމުން ދެމި އޮތް ކަމަށެވެ. އެއާ އެކު ރައްޔިތުންގެ މަޖިލީހުގެ ކަމާ ބެހޭ ކޮމެޓީން ވަނީ ޖޭއެސްސީގެ ނިންމުމަށް ތާއީދު ކޮށްފައެވެ.