8 އަހަރުވީ "ދާހިލީ" ހަނގުރާމައިގެ އަސަރު މިއަދު އެންމެ ބޮޑަށް ފެންނަމުންދަނީ ސޫރިޔާގެ މަތީ ތައުލީމުގެ ދާއިރާއިންނޭ ދެންނެވުމަކުން ގޯހެއް ނެތެވެ. ދާދިފަހުން ކުރި ދިރާސާތަކުން ދައްކާ ގޮތުގައި، ސޫރިޔާގެ ޔުނިވާސިޓީތައް ވަނީ، ކޮރަޕްޝަނާ، މާލީ ހީނަރުކަމުގެ އިތުރުން "އިލްމީ ސިކުނޑި"ތައް ހުސްވުމުގެ އޮއެވަރެއްގައިޖެހި، ޣަރަގުވެފައެވެ.

އިނގިރޭސިވިލާތުގެ ކޭމްބްރިޖް ޔުނިވާސިޓީގެ ދިރާސާ ޓީމުގެ މެމްބަރުންނާ، ސޫރިޔާ ދޫކޮށް އެހެން ހިސާބުތަކަށް ހިޖުރަކޮށްފައިވާ ސޫރިޔާގެ އިލްމީ ދަރިން ސިފަކުރާ ގޮތުގައި އެގައުމުގެ މަތީ ތައުލީމުގެ ނިޒާމު އޮތީ "ފުނޑިފަ"އެވެ. ނުވަތަ، ސުންނާފަތިވެފައެވެ.

ދިރާސާގެ ހޯދުންތައް ދައްކާ ގޮތުން، ސޫރިޔާގެ ހަނގުރާމައިން ސަލާމަތްވުމަށް ރެފިއުޖީންގެ ގޮތުގައި އެހެން ގައުމުތަކަށް ހިޖުރަކުރި މީހުންގެ ތެރޭގައި، ޔުނިވާސިޓީތަކުގައި މަސައްކަތްކުރަމުންދިޔަ 2000އަށްވުރެ ގިނަ އިލްމުވެރިން ހިމެނެއެވެ.

ކައުންސިލް ފޮރ އެޓް-ރިސްކް އެކެޑަމިކްސް (ކާރާ)ގެ އޯޑަރަކަށް ހިންގި ދިރާސާގެ ރިޕޯޓުގައި ސިފަކޮށްފައިވާ ގޮތުގައި ސޫރިޔާގެ ޔުނިވާސިޓީތައް ބަލާބެލުމަށް އޮތީ ސުންނާފަތިވެފައެވެ. އިންސާނީ ހައްގުތައް ނިގުޅައިގަތުން އިންތިހާއެވެ. މަންހަޖު އޮތީ ހުއްޓިފައެވެ. ކެމްޕަސްތައް އޮތީ އަސްކަރީ ވެފައެވެ.

މި ދިރާސާ ކުރިއަށް ގެންގޮސްފައިވަނީ 2017 ވަނަ އަހަރާ 2018 ވަނަ އަހަރާއި ދެމެދު ފާއިތުވީ 12 މަސްދުވަހުގެ މުއްދަތުގެ ތެރޭގައެވެ.

ދިރާސާ ޓީމުންވަނީ ރެފިއުޖީންގެ ގޮތުގައި ސޫރިޔާ ދޫކޮށް، ތުރުކީވިލާތުގައި ދިރިއުޅެމުންދިޔަ ބައެއް އިލްމުވެރިންނާވެސް ސުވާލުކޮށްފައެވެ. ހައްދުފަހަނައަޅާފައިވާ ހަނގުރާމަވެރިންގެ އަތްދަށުވުމަށްފަހު ކޮންމެވެސް ގޮތަކުން ސަލާމަތްވި ބައެއް އިލްމުވެރިން ވަނީ އެމީހުންގެ ވާހަކަތަކެއްވެސް ދިރާސާ ޓީމާ ހިއްސާކޮށްފައެވެ. އެގޮތުން، ބޮން ހަދަން ދަސްކޮށްނުދީގެން މަރުގެ އިންޒާރު ލިބުނު ކިތަންމެ އެދުރުންނެއް ތިބިކަމަށްވެއެވެ.

އަނެއްބައި އިލްމުވެރިންނަށް ފުރައްސާރައާއި ބިރުވެރިކަން ކުރިމަތިވީ ސަރުކާރަށް އެއްބާރުލުންދޭ އަސްކަރިއްޔާގެ ފަރާތުންނެވެ. އޭނާގެ ފިކުރަކީ ސަރުކާރާ ދެކޮޅު ފިކުރެއްކަން އަސްކަރިއްޔާއަށް އެނގުނު ހިސާބުން އޭނާގެ ދިރިއުޅުން ނާމާންވެގެން ދިޔަކަމަށް ސިފަކުރެއެވެ.

ދިރާސާ ޓީމުންވަނީ ސޫރިޔާގެ ޔުނިވާސިޓީތަކުގައި މިވަގުތު ތިބި މަދު ދަރިވަރުންނާ އިލްމުވެރިންނާވެސް ވާހަކަ ދައްކާފައެވެ. މިކަންކޮށްފައިވަނީ، ހާއްސަ އެޕްލިކޭޝަންތަކެއްގެ އިތުރުން އީމެއިލް މެދުވެރިކޮށެވެ.

ދިރާސާ ޓީމާ ސޫރިޔާއިން ވާހަކަ ދެއްކި ބައެއް ފަރާތްތަކުން ކިޔާދީފައިވާ ގޮތުގައި، ކުލާސްތަކުގައި ކުދިން ތޮއްޖެހުމުގެ ސަބަބުން ދެގަޑިއިރުގެ ކުލާސްތައްވެސް ހޭދަކުރަންޖެހެނީ ފައިމައްޗަށް ކޮޅަށް ހުރެގެންނެވެ. އަނެއްބައި ދަރިވަރުންގެ ޝަކުވާއަކަށްވީ ޒަމާނީ އެއްވެސް ވަސީލަތެއް ނެތި، "ބްލެކްބޯޑާ" ގަލަން ފިޔަވާ އިތުރު އެއްވެސް ވަސީލަތެއް ޔުނިވާސިޓީގައި ނެތުމުގެ ޝަކުވާއެވެ.

ސޫރިޔާގެ ތައުލީމީ މަންހަޖު އޮތީ "އައުޓްޑޭޓް"ވެފައެވެ.

ސޫރިޔާގެ ކުރިމަގަށްޓަކައި ކޮންމެހެން އިސްލާހު ކުރަންޖެހޭ ކަންތައްތަކެއްވެސް މި ރިޕޯޓްގައިވަނީ ފާހަގަކޮށްފައެވެ. އެގޮތުން، އަރަބި އެހެން ގައުމުތަކަށް ގޮސް ތައުލީމާ ތަޖުރިބާ ހޯދުމުގެ ފުރުސަތު، ސޫރިޔާގެ ދަރިވަރުންނަށް ފަހިކޮށްދިނުމުން ފެށިގެން ގޮސް، ޔުނިވާސިޓީގައި ފޯރިމަރަން ތިބޭ މީހުންނަކީ އަސްކަރިއްޔާގެ މެމްބަރުންނަށްވުމުގެ ބަދަލުގައި މަދަނީ ސަލާމަތާ ބެހޭ މީހުން ކަމުގައި ހެދުން ފަދަ ކަންކަން ވަނީ ފާހަގަކޮށްފައެވެ.