ދުނިޔޭގެ ބޮޑެތި ބާރުތަކާއެކު 2015 ވަނަ އަހަރު އެކުލަވާލި ސުލްހައިގެ އެއްބަސްވުމުގެ ދަށުން، އީރާނަށް ޔުރޭނިއަމް މުއްސަނދި ކުރެވޭނެކަމަށް ކަނޑައެޅި ލިމިޓް، މިމަހުގެ 27 ވަނަ ދުވަހު ހަމަވާނެ ކަމުގެ އިންޒާރު، އީރާނުން ދީފިއެވެ.

އީރާނުގެ އެޓޮމިކް ހަކަތައާއި ބެހޭ އިދާރާއިން ބުނީ، އެގައުމުން ޔުރޭނިއަމް ފައްކާކޮށް މުއްސަނދިކުރާ މިންވަރު 4 ގުނަ އިތުރުކޮށްފައިވާކަމަށެވެ.

ފައްކާކޮށް، މުއްސަނދިކޮށްފައިވާ ޔުރޭނިއަމްއަކީ ރިއެކްޓަރުތަކަށް ބޭނުންވާ ހަކަތައިގެ އިތުރުން ނިއުކްލިއާ ހަތިޔާރު އުފެއްދުމަށްވެސް ބޭނުންވާ މާއްދައެކެވެ.

ޔުރޭނިއަމް ފައްކާކުރެވޭނެ މިންވަރު ކަމަށް ކަނޑައެޅި ލިމިޓް ހަމަވާން މަދު ދުވަސްކޮޅަކަށްވެފައިވީ ނަމަވެސް، ވިލާތުގެ ގައުމުތަމަކަށް އަދިވެސް ވަގުތު އެބައޮތް ކަމަށް އީރާނުން ބުނެއެވެ. އެކަން ކުރެވެން އޮތީ އީރާނާ ދެކޮޅަށް އެމެރިކާއިން އަޅަމުންދާ ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކުން އީރާނު ހިމާޔަތްކޮށްދީގެން ކަމަށްވެސް އީރާނުން ބުނެއެވެ.

2015 ވަނަ އަހަރުގެ އެއްބަސްވުމުން އެމެރިކާ ކުށްލި ގޮތަކަށް ވަކިވީ މިދިޔަ އަހަރުގެ މެދެއްހާ ހިސާބުގައެވެ. އަދި ނިއުކްލިއާ މަޝްރޫއުގައި އީރާނުން ހައްދުފަހަނައަޅާ ގޮސްފައިވާކަމަށް ތުހުމަތުކޮށް، އެމެރިކާއިން ދަނީ އީރާނާ ދެކޮޅަށް މާލީ ގޮތުންނާ އިގުތިސޯދީ ގޮތުން ބައިނަލްއަގުވާމީ ފެންވަރުގައި ފިއްތުންތައް ކުރިމަތިކުރަމުންނެވެ. މީގެ އިތުރުން، އެމެރިކާއިންވަނީ މެދުއިރުމަތީ ގަލްފް ކަނޑުގެ ސަރަހައްދުގައި އެގައުމުގެ އަސްކަރީ ފިޔަވަޅުތިލަ ވަރުގަދަކޮށްފައެވެ.