ފަނޑިޔާރު އަބްދުﷲ ދީދީ ޖޭއެސްސީއަށް ހާޒިރު ވެއްޖެއެވެ. އޭނާ ހާޒިރު ކުރީ ބަލަމުންދާ ސުލޫކީ 2 މައްސަލައަކާ ގުޅިގެންނެވެ.

ޖޭއެސްސީއަށް ހާޒިރުވެވަޑައިގަތުމަށް ފަހު ދީދީގެ ލޯޔަރުން ވިދާޅުވީ ދީދީ ބޭނުންފުޅުވީ މައްސަލަ ހުޅުވާލައިގެން ބަލަން ކަމަށެވެ.

"ޖޭއެސްސީގެ ތަހުގީގު ޓީމްގައި ހިމެނިވަޑައިގަންނަވާ ޖޭއެސްސީގެ ފަސް މެމްބަރުން ތަހުގީގު މަޑުޖައްސާލުމަށް ފަހު އެންގީ މެމްބަރުންގެ ނިންމެވުމަކަށް ފަހުއޭ ދީދީ އެދިވަޑައިގަތުމަށް ގޮތެއް ކަނޑައެޅޭނީ. މެމްބަރުންގެ ނިންމެވުމަކަށް ފަހު ތަހުގީގު ފަހުން ކުރިއަށް ގެންދިޔުމަށް މިރޭ ތަހުގީގު މެދުކަނޑާލީ،" ލޯޔަރު އާސިފް ވިދާޅުވިއެވެ.

ޖޭއެސްސީން މިރޭ އެކަމަށް ގޮތެއް ނުނިންމާ ބުނީ ކޮމިޝަނުން އެކަމާ ގޮތެއް ނިންމާނެ ކަމަށެވެ.

ފަނޑިޔާރު އަބްދުﷲ ދީދީ ޖެއެސްސީއަށް ހާޒިރު ކުރަނީ އޭނާއާއި ގުޅޭ ޖިނާއީ ތަހުގީގެއް ފުލުހުން ކުރާތީ އޭނާ ޖޭއެސްސީން ސަސްޕެންޑު ކުރި ކުރުން، ސްޕްރީމް ކޯޓުން ބާތިލު ކުރުމާ ގުޅިގެންނެވެ. ޖޭއެސްސީން ދީދީ ސަސްޕެންޑް ކުރި މައްސަލައިގައި ސްޕްރީމް ކޯޓުން ފުރަތަމަ ނެރުނު އަމުރުގައި ބުނީ އޭނާއާ މެދު އެއްވެސް ފަރާތަކުން އެއްވެސް ފިޔަވަޅެއް އަޅައިގެން ނުވާނެ ކަމަށެވެ. އެ އަމުރު ގަބޫލު ނުކޮށް ޖޭއެސްސީން ބުނެފައި ވަނީ އެ ކޮމިޝަނުން ނިންމި ނިންމުން ދެމި އޮތް ކަމަށެވެ. އެއާ އެކު ރައްޔިތުންގެ މަޖިލީހުގެ ކަމާ ބެހޭ ކޮމެޓީން ވަނީ ޖޭއެސްސީގެ ނިންމުމަށް ތާއީދު ކޮށްފައެވެ.