ރާއްޖޭގައި މިހާތަނަށް ބޭއްވޭ އެެންމެ ބޮޑު މަސައްކަތެރިންގެ މައުރަޒު އަންނަ ނޮވެންބަރު މަހުގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައި ވާކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

އިކޮނޮމިކް މިނިސްޓްރީން އިންތިޒާމު ކޮށްގެން "ދިވެހި ރާއްޖޭގެ އުފެއްދުންތެރިކަމުގެ ގައުމީ މައުރަޒު" ގެ ނަމުގައި ބާއްވާ މި މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލައިފއެވެ. އިކޮނޮމިކް މިނިސްޓްރީން ބުނީ މިހާތަނަށް މި މައުރަޒުގައި ބައިވެރިވުމަށް ގިނަ ބަޔަކު ފޯމު ހުށަހަޅާފައި ވާކަަމަށެވެ. އަދި މައުރަޒާ ގުޅޭ މައުލޫމާތު ސާފުކުރުމަށް ވެސް ގިނަ ބަޔަކު އެ މިނިސްޓްރީ އަށް ގުޅަމުން ދާކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ. އެހެން ކަމުން މައުރަޒަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިގެން ދާނެ ކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ "މަސައްކަތްތެރިންގެ މައުރަޒު 2019" އާންމުކޮށް ހުޅުވާލައިގެން ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ދިވެހިރާއްޖޭގެ އިގްތިސާދު ހިއްސާކުރާ ސިނާއަތްތަކަށް ބޭނުންވާ ދިވެހި އުފެއްދުންތައް މާކެޓަށް ނެރެ، އެފަދަ އުފެއްދުންތަކަށް އެކަށީގެންވާ މާކެޓެއް ހޯދައިދީ، ދިވެހި އުފެއްދުންތައް ކުރިއެރުވުމާއި، އަދި ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންނާއި އާންމުންނަށް އެއްތަނަކުން ދިވެހި އުފެއްދުންތައް ފެނިގެންދާނެ އިންތިޒާމު ގާއިމް ކުރުން ކަމަށެވެ.

މި މައުރަޒުގައި ޖުމްލަ 6 ދާއިރާއަކުން ބައިވެރި ވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. އެ ހަ ދާއިރާއަކީ، ވަކިވަކި ފަރުދުންގެ ދާއިރާ، ރަށު ފެންވަރުގައި ތަކެތި ބައިވެރި ކުރުމުގެ ދާއިރާ، ވިޔަފާރި ތަކުގެ ދާއިރާ، ތައުލީމީ މަރުކަޒު ތަކުގެ ދާއިރާ، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ދާއިރާގެ އިތުރުން ކުލަބު ޖަމިއްޔާތަކުގެ ދާއިރާއެވެ.

މިއިން ކޮންމެ ދާއިރާއަކުން ބައިވެރި ވުމަށް އެދޭ ފޯމުވެސް އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އިކޮނޮމިކް މިނިސްތްރީން ބުނީ މި މައުރަޒުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ކޮންމެ ދާއިރާއަކުންވެސް ވަނަވަނަ އަށް ހޮވޭ ފަރާތްތަކަށް އިނާމާއި ހަނދާނީ ލިޔުން ދެވޭނެ ކަމަށެވެ. އަދި ވަނަވަނަ އަށް ވާދަ ކުރުމަށް ބޭނުންވާ ފަރާތްތަކުން މައުރަޒުގައި ބައިވެރިވުމަށް ހުށަހަޅާ ފޯމުގެ 4 ވަނަ ސެކްޝަން ގައިވާ މައުލޫމާތު ފުރިހަމަ ކުރުމުން ވަނަވަނަ އަށް ވާދަކުރެވޭނެ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

މި މައުރަޒުގެ އުސޫލު އިއުލާނެއްގެ ގޮތުގާ ފަހުން އާންމުކުރާނެ ކަމަށް އެ މިނިސްޓްރީން މައުލުމާތު ދެއެވެ. މި މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައި ވަނީ މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.