ބާ ކައުންސިލް އުފެއްދުމަށް އެކުލަވާލާފައިވާ ރާއްޖޭގެ ގާނޫނީ ފަންނުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފިއެވެ.
ސަރުކާރުގެ ފަރާތުން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ހުށަހެޅުއްވި މި ބިލް މަޖިލީހަށް ބަލައިގަތީ 78 މެމްބަރުންގެ ވޯޓާއެކުއެވެ. މިއަދު މަޖިލީހަށް ހާޒިރުވެވަޑައިގެންނެވީ މަޖިލީހުގެ 87 މެންބަރުގެ ތެރެއިން، 80 މެންބަރުންނެވެ. މި ބިލް ބަލައިގަތުމާ ގުޅޭގޮތުން އިތުރަށް ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް ފޮނުވުމަށް ރިޔާސަތުން ވަނީ ނިންމާފައެވެ.
މި ބިލަކީ ގާނޫނީ ވަކީލުންނަށް ވަކީލު ކަމުގެ ހުއްދަ ދިނުމާއި ވަކީލުންނާއި ގުޅޭ ކަންތައް ބަލަހައްޓަން އުފައްދާ ބާ ކައުންސިލް އުފެއްދުމަށް ބާރުދޭ ބިލެކެވެ. ބާ ކައުންސިލް އެކުލަވާލަން ނިންމާފައިވަނީ އިންތިހާބު ކުރާ ހިންގާ ކޮމިޓީއަކާއި އެ ހިންގާ ކޮމިޓީން އެކުލަވާލައި ސަބް ކޮމިޓީތަކެއްގެ މައްޗަށެވެ. ހިންގާ ކޮމިޓީ އެކުލެވެނީ ހަތް މެންބަރުންގެ މައްޗަށެވެ. އެހުރިހާ ފަރާތްތަކަކީވެސް ވަކީލުންނަށް ވާންޖެހެއެވެ. ހިންގާ ކޮމިޓީއަށް މެންބަރުން އައްޔަން ކުރަނީ ވަކީލުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުންނެވެ.
ބާ ކައުންސިލަށް އިންތިހާބު ކުރެވޭ އެއްވެސް މެންބަރަކަށް އަދި ބާ ކައުންސިލުގެ ރައީސަކަށް ނުވަތަ ނައިބު ރައީސަކަށްވެސް އެއްވެސް މުސާރައެއް ނުވަތަ އިނާޔަތެއް ނުލިބޭނެއެވެ. ބާ ކައުންސިލަށް ގާނޫނުން ހަވާލުކޮށްފައިވާ ޒިންމާ ތަކުގެ ތެރޭގައި ގާނޫނީ ވަކީލުންނަށް ހުއްދަ ދިނުމާއި ހުއްދަ ބާތިލް ކުރަން ޖެހޭ ހާލަތްތަކުގައި ހުއްދަ ބާތިލް ކުރުމާއި ގާނޫނީ ވަކީލުން، ގާނޫނާ ހިލާފުވެއްޖެ ނަމަ ފިޔަވަޅު އެޅުންވެސް ހިމެނެއެވެ. މިކަންކަން ކުރަމުން އަންނަނީ މިހާރު ސުޕްރީމް ކޯޓުންނެވެ.
ގަނޫނީ ފަންނުގެ ބިލުގައި ގަނޫނީ ވަކީލުން އަމަލު ކުރަން ޖެހޭ ގޮތާއި އުސޫލުތައް ވަނީ ބަޔާންކޮށްފައެވެ. އަދި ގާނޫނާ ހިލާފަށް އަމަލުކުރާ ވަކީލުން ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވޭ ގޮތްތަށްވެސް އަލުން ދިރާސާކުރަން ފޮނުވި ބިލުގައި ވެއެވެ. މީގެ އިތުރުން ވަކީލުންގެ ހުއްދަ ހިފެހެއްޓުމުގެ ބާރު ބާ ކައުންސިލަށް ދިނުމަށް ވެސް މި ބިލުގައި ވެއެވެ.