މި ސަރުކާރުގައި އިހްލާސްތެރިކަމެއް ހުރި ނަމަ ޖަލުގޮޅިތައް އޭސީ ކުރާނެ ކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ޖަލުތަކުގެ އޯޑިޓް ރިޕޯޓު 2019 އާ ގުޅޭ މައްސަލައިގެ ބަހުސް ކުރިއަށް ގެންދަވަމުން ސަލީމް ވިދާޅުވީ މެންބަރުން އިހްލާސްތެރި ކަމާއެކު މަސައްކަތް ކޮށްފިނަމަ ޖަލުތަކުގެ ހާލަތު ރަނގަޅު ކުރެވޭނެ ކަމަށެވެ. އަދި ދައުލަތުގައި އެ ފައިސާ އެބަހުރި ކަމަށާއި، ދައުލަތަށް އާމްދަނީ ލިބޭނެގޮތް ވެސް އެބަހުރި ކަމަށެވެ.

މިއަހަރުގެ ބަޖެޓަކީ 30 ބިލިއަން ރުފިޔާކަން ފާހަގަ ކުރައްވަމުން ސަލީމް ވިދާޅުވީ މިއީ ހަތަރުލައްކައެއްހާ މީހުން ވަރަށް ތަނަވަސްކަމާ އެކީގައި އުޅެވޭ ފެންވަރަށް އާމްދަނީ ލިބޭ ބަޖެޓެއް ކަމަށެވެ. އެހެންކަމުން ޖަލުތަކުގެ މައްސަލަ ހައްލުކުރުމަކީ ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކަމަށެވެ.

"އަޅުގަނޑުމެންނަށް އިނގޭ، އަދި ޖަލު ގޮޅިތަކަށް ދިޔަ މީހުންގެ ވާހަކައިން އެތަނުގެ ހާލު. އެތާގައި ހުންނަ ކުދިކުދި ގޮޅިތަކެއްގެ ވާހަކައާއި އެތާގައި ހުންނަ ސިމެންތި އަށީގެ ވާހަކަވެސް ދައްކާ. އެ ސިމެންޓި އަށިތަކުގައި ހެނދުނު އެ އަރާ ހޫނު ރޭގަނޑު 12 ޖަހާއިރު ވެސް ނުފިލާ ވާހަކަ އެބަދައްކާ. އަދި ގޮޅިތައް ހެދިފައި ހުންނަނީ އަރާ އިރާއެކު މީހާގެ ގަޔަށް އެޅޭގޮތަށް. އެމީހާއަށް އަނިޔާއެއް ލިބޭގޮތްތަކަކަށް ގޮޅިތައް ހެދިފައި މި ހުންނަނީ،"
މެންބަރު ސަލީމް

ސަލީމް ވިދާޅުވީ އެ ގޮޅިތައް ތަޅާލާފައި އެތަނަށް އަވި ނުދޭގޮތަށް ގޮޅިތަކުގައި އެއާކޮންޑިޝަން ހަރުކޮށް ތަންކޮޅެއް ރަނގަޅަށް ހެދެންޖެހޭ ކަމަށެވެ. އަދި އިހްލާސްތެރިކަމެއް ހުރިއްޔާ މި ސަރުކާރުން މިކަން ކުރެވޭނެ ކަމަށެވެ.

ސަލީމް ވިދާޅުވީ ޖަލުގެ ވާހަކަ ދައްކާއިރު އިހްލާސްތެރިކަމެއް ހުންނަން ޖެހޭ ކަމަށެވެ. އަދި އިހްލާސްތެރިކަމާއެކު މި ވާހަކަ ދައްކާއިރު، މާދަމާވެސް ޖަލުތަކުގެ ހާލަތު ހުރީ ހަމަ އެގޮތުގައިކަމުގައި ވާނަމަ މެންބަރުންނަށް މިކުރެވެނީ އިހްލާސްތެރި މަސައްކަތެއް ނޫންކަމަށް އޭނާ ވިދާޅިވިއެވެ. އަދި މިއީ ރައްޔިތުންނަށް ދަޅަދައްކާލުމަށް ދެކެވޭ ވާހަކަތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.