ތާނައިން ލިޔެފައި ހުރި އެއްޗެއް ކިޔަން އެނގިވަޑައި ނުގަންނަވާކަމަށް ވިދާޅުވެ ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމަށް ބަހުގެ ހަމަލާތަކެއް، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ދެއްވައިފިއެވެ.
ކާށިދޫ ދާއިރާގެ މެންބަރު މަޖިލީހަށް ހުށަހެޅުއްވި، ގެސްޓްހައުސް ވިޔަފާރިވެރިންނަށް ސޮވެރިން ގެރެންޓީއެއް ދޭން ގޮވާލާ ގަރާރަށް ބަހުސް ކުރައްވަމުން ސަލީމް ވިދާޅުވީ، މި ގަރާރު ހުށަހެޅުއްވި މެންބަރު ހާސިލު ކުރައްވަން ބޭނުންވެ ވަޑައިގެންނެވި ނަތީޖާއަކީ ކޮބައިކަން ދޭހަ ނުވާ ކަމަށެވެ.
ސަލީމްގެ މިވާހަކަތަކާ ގުޅިގެން ނުރުހުންވެ ވަޑައިގެން ޖާބިރު ވަނީ ސަލީމަށް ބަހުގެ ހަމަލާތަކެއް ދެއްވާފައެވެ. ޖާބިރު ވިދާޅުވީ، މި ގަރާރުގައި ލިޔެފައި ހުރީ އިނގިރޭސި ނުވަތަ ލެޓިން ބަހުން ނޫން ކަމަށާއި، އެ ލިޔެފައި ވަނީ ދިވެހި ބަހުން ކަމަށެވެ. މަޖިލީހުގައި ތިއްބެވި ހުރިހާ މެންބަރުންނަށް ވެސް ތާނަ ކިޔަން އެނގިވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ސަލީމް ބަހުސްގައި ވިދާޅުވީ، މަޖިލީހުގެ އެޖެންޑާ ކަނޑައެޅިގެންދާ އެޖެންޑާ 19 ގައި ވަރަށް ސާފުކޮށް ގެސްޓް ހައުސް ވިޔަފާރި ކުރިއެރުވުމަށް ކަނޑައަޅާ ސިޔާސަތުތަކާއި، ކުރަން ބޭނުންވާ މަސައްކަތްތަކާއި، އޭގައި ކުރިއަށް ދާންވީ މަގު ވަރަށް ރަނގަޅަށް ބަޔާންވެފައި އެބަ އޮތް ކަމަށެވެ. ހަމައެއާއެކު މީގެ ކުރީގެ އެއްވެސް ސަރުކާރަކުން އަހައްމިއްޔަތުކަން ނުދޭ މިންވަރަށް މި ސަރުކާރުން ވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މަސައްކަތްތަކެއް ކޮށްފައި ކަމަށާއި އަދި އިތުރަށް ވެސް ކުރަމުން ގެންދާ ކަމަށް ސަލީމް ވިދާޅުވިއެވެ. ކުދި ވިޔަފާރިތަަކަށް ލޯނު ލިބޭނެ ރަނގަޅު މަގެއް މިހާރު ސަރުކާރުން އެ ވަނީ އިއުލާން ކޮށްފައި ކަން ވެސް ސަލީމް ފާހަގަކުރެއްވެވިއެވެ.
ރައްދުގައި ޖާބިރު ވިދާޅުވީ، މި ރާއްޖޭގެ ރައްޔިތުން ބޭނުންވަނީ ސީދާ ތަނަވަސްކަން ކަމަށާއި، ރައްޔިތުންގެ ތަނަވަސްކަމަށް އެމްޑީޕީން ހުރަސް އަޅާ ކަމަށެވެ. ރަނގަޅުކަމެއް ވެއްޖެ ނަމަ އެއީ އެމްޑީޕީގެ ސިޔާސަތުގައި އޮތް ކަމެއް ކަމަށް ބުނާ ކަމަށާއި ގެސްޓް ހައުސްއަކީ ވެސް އެމްޑީޕީގެ ބްރޭންޑެއް ކަމަށް އެ ޕާޓީން ބުނާ ކަމަށް ޖާބިރު ވިދާޅުވިއެވެ. އަދި އެމްޑީޕީން މި ގަރާރަށް ހުރަސްއަޅާ ކަމަށާއި އެ ގަރާރު ބަލައިނުގަންނަ ވާހަކަ ދައްކަނީ ކީއްވެގެންތޯ ވިދާޅުވެ ޖާބިރު ސުވާލު އުފައްދަވާފައި ވެއެެވެ.
ގެސްޓްހައުސް ވިޔަފާރިވެރިންނަށް ސޮވެރިން ގެރެންޓީއެއް ދޭން ގޮވާލައި ގަރާރެއް މަޖިލީހަށް ހުށަހެޅުއްވީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އެވެ. އެ ގަރާރުގައިވާ ގޮތުން ފަތުރުވެރިކަމުގެ ސިނާއަތް ވަނީ ބިދޭސީ އިންވެސްޓަރުންގެ އަތް ދަށަށް ގޮސްފަ އެވެ. ހަމަ އެގޮތަށް ގެސްޓްހައުސް ވިޔަފާރިތައް ވެސް އެ ފަރާތްތަކުގެ ކޮންޓްރޯލުގެ ދަށަށް ދިޔުމުގެ ބިރު އެބައޮތެވެ. އެހެންކަމުން ސޮވަރިން ގެރެންޓީއެއް ދީގެން ނަމަވެސް ގެސްޓްހައުސް އިންވެސްޓަރުންނަށް ފައިސާ ލިބޭނެ އިންތިޒާމް މިހާރުން މިހާރަށް ހަމަޖައްސަން ޖެއްސުމަށް ގަރާރުގައި ޖާބިރު ގޮވާލައްވާފައި ވެއެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާގައި މި ގަރާރު ބަލައިގަތުމާ މެދު ވޯޓަށް އެހިއެވެ. 80 މެންބަރުން މަޖިލީހުގައި ތިއްބެވި އިރު 77 މެންބަރުން އެ ވޯޓުގައި ބައިވެރިވެވަޑައިގަތެވެ. އޭގެތެރއިން 15 މެންބަރުން މި ގަރާރަށް ތާއިދު ކުރެއްވެވި އިރު 62 މެންބަރުން ވަނީ މި ގަރާރާ ދެކޮޅަށް ވޯޓު ދެއްވާފައެވެ. އަދި މިއާއެކި މި ގަރާރު ވަނީ މަޖިލީހުން ބޭރުވެފައެވެ.
އެމްޑީޕީ އިން ރައްޔިތުމީހާއަށް ހެޔޮއެދޭވަރު މި އޮތީ ފެންނަން ދެއްތޯ..ތިބުނާ އެޖެންޑާ 19 އަކީ ބާވާލެއްވި އެއްޗެއްތަ..ހަމަ މީހަކު އެއްޗެކޭ ބުނާއިރަށް އޭގެވާހަކަ އަނގަފުޅާކޮއްފަ މިބުނަނީ..