ފަނޑިޔާރުންނަށް ފަނޑިޔާރުގެ އަމިއްލައަށް އިސްލާހު ކުރުމަށް ލިބުނު ފުރުސަތާއި، ވަގުތު ފާއިތުވެއްޖެ ކަމަށާއި، ފަނޑިޔާރުގެ އިސްލާހުކުރުމަށް ފަނޑިޔާރުންނަށް ދެން ކުރެއްވޭނެ ކަމަކީ މަޑުން ތިއްބެވުން ކަމަށް ސިވިލް ކޯޓުގެ ފަނޑިޔާރު ހާތިފް ހިލްމީ ވިދާޅުވެއްޖެއެވެ.
ހާތިފް އޭނާގެ އަމިއްލަ ފޭސްބުކް އެކައުންޓުގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ފަނޑިޔާރުންނަށް ފަނޑިޔާރުގެ އަމިއްލައަށް އިސްލާހު ކުރުމަށް ލިބުނު ފުރުސަތާއި، ވަގުތު މިހާރު ފާއިތުވެ ގޮސްފައިވާ ކަމަށެވެ. އަދި ދިވެހި ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ރާއްޖޭގެ އަދުލު އިންސާފުގެ ނިޒާމުގެ ތެރެއިން އަދުލުވެރުކަން ފެނި ނުދިޔުންކަމަށް އޭނާ ވިދާޅުވިއެވެ.
ހާތިފް ވިދާޅުވީ އަދުލު އިންސާފުގެ ނިޒާމުގެ ތެރެއިން އަދުލުވެރުކަން ނުފެންނަ މައްސަލަ ހައްލުކޮށްދިނުމަށް، އެ މަސައްކަތް ރައްޔިތުން ތަމްސީލު ކުރާ ރައްޔިތުންގެ މަޖިލީހާ މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ.
އަދި އެކަން ހަވާލުކޮށްފައިވަނިކޮށް، ޝަރުއީ ދާއިރާ ރިފޯމް ކުރުމުގެ ނަމުގައި ފޯރަމެއް ބާއްވާ އަމިއްލައަށް މަގު ޗާޓެއް އެކުލަވާލުމާއި، ކުރިން ކަމުނުގޮސްގެން އުވާލި ޖުޑީޝަލް ކައުންސިލްގެ ނަމުގައި އާ ޖުޑީޝަލް ކައުންސިލެއް އުފައްދާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ހާތިފް ވިދާޅުވީ އެ ކައުންސިލުން ފަނޑިޔާރުންގެ ޖަމިއްޔާއެއް އުފައްދަން މަސައްކަތް ފަށައި، އެތައް އަހަރެއް ވަންދެން ނިދާފައި އޮތް ފަނޑިޔާރުންގެ ޖަމިއްޔާއެއް ސުވާލު އުފެދޭ، ހާމަކަމެއް ނެތް އިޖުރާއަތުތަކެއްގެ ތެރެއިން ކުއްލިއަކަށް ހޭލާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ ފަނޑިޔާރުގެ އިސްލާހު ކުރުމުގެ މުހިންމު މަސްއޫލިއްޔަތު ރައްޔިތުން ހަވާލުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހަށް ކަމަށެވެ. އަދި އެމަޖިލީހުގެ އިތުބާރު އޮތް މުއައްސަސާތަކަށް ކަމަށްވާތީ، އެ މަސައްކަތް އެއްބަރުލުމާއި، މަދަދުވެރިކަން ދީގެން "މަޑުން ތިބުމަށް" ވުރެން، ފަނޑިޔާރުގެ އިސްލާހު ކުރުމުގެ ނަމުގައި ފަނޑިޔާރުންނަށް މިވަގުތު ކުރެވިދާނެ އިތުރު ކަމެއް އޮތް ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ.
މިއީ ފަނޑިޔާރުގެ އިސްލާހު ކުރުމާއި ގުޅޭ ގޮތުން، ކޯޓެއްގެ ފަނޑިޔާރަކު މިފަދަ ގޮތަކަށް ވާހަކަ ދެއްކެވި ފުރަޔަމަ ފަހަރެވެ. ހާތިފް ސިވިލް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރައްވާފައިވަނީ 2009 ވަނަ އަހަރުއެވެ.
ފަހަކަށް އައިސް ޝަރުއީ ދާއިރާގައި ހިނގާ ކަންކަމާއި ގުޅޭގޮތުން ހާތިފް ތަފްސީލީ ގޮތެެއްގައި ވާހަކަ ދައްކާފައިވާ އިރު، ސުޕްރީމް ކޯޓުން ވަނީ ގެއްލިފައިވާ ރައްޔިތުންގެ އިތުބާރު އަލުން ހޯދުމަށް ކަމަށް ބުނެ ޝަރުއީ ދާއިރާ އިސްލާހުކުރުމަށް މަގުޗާޓެއް އެކުލަވާލާފައެވެ.
އިސްލާހު ވާންވީ ކެނެރީގޭ ނަޝީދު.މިކަލޭގެ މިހާރު އަމާޒު ހިފާފާ އެހުރީ ޖުޑިޝަރީ އޭނާގެ އަތްދަށަށް ގެނެސް ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ގެއްލުވާލާ ދީނީ ވަހުދަތު ގެއްލުވާލަން.