މި ދިޔަ ހުކުރު ދުވަހު އައިޖީއެމްއެޗްގައި ހިނގި އަލިފާނުގެ ހާދިސާގައި އެ ހޮސްޕިތަލުގެ ސީޓީ ސްކޭނަށް ދިމާވި މައްސަލަ ހައްލު ކުރެވިއްޖެ ކަމަށް ބުނެފިއެވެ.
އައިޖީއެމްއެޗް އިން ބުނީ، އަލިފާނުގެ ހާދިސާއަށް ފަހު އެ މެޝިނަށް ކަރަންޓު ދިނުމަށް ދިމާވި މައްސަލަ މިހާރު ހައްލު ކުރެވިފައިވާ ކަމަށެވެ. އެހެންކަމުން މެދުކެނޑިފައިާ ސީޓީ ސްކޭންގެ ހިދުމަތް މިއަދު ހަވީރު 6:00 އިން ފެށިގެން ދެމުން ގެންދާނެ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.
މީގެ އިތުރުން އެ ހޮސްޕިޓަލުން ވަނީ އެ މައްސަލަ ހައްލުކޮށް ދިނުމަށް އެހީތެރިކަން ފޯރުކޮށްދިން އެންމެހާ ފަރާތްތަކަށް ޝުކުރުއަދާކޮށްފައެވެ.
މިދިޔަ ހުކުރު ދުވަހު އައިޖީއެމްއެޗްގެ ބާ އިމާރާތުގެ އިންޖީނު ރޫމުގައި ހުރި ބެޓެރިއެއްގައި ރޯވެ ހިނގާފައިވާ އަލިފާނުގެ ހާދިސާގައި އެ ހޮސްޕިޓަލުގެ ގިނަ އަދަދެއްގެ އާންމުން ތިބި އެމަޖެންސީ ސަރަހައްދަށް ވަނީ އަލިފާނުގެ ދުން ފެތުރިފައެވެ. މި ހާދިސާގައި އަލިފާން ނިއްވުމަށާއި އެ އިމާރާތުގެ ރައްކާތެރިކަމުގެ ކަންކަން ފުލުހުން ވަނީ ބަލަހައްޓާފައެވެ. އެވަގުތު ހޮސްޕިޓަލުގައި ތިބި ބައެއް ބަލިމީހުން ރައްކާތެރި ސަރަހައްދުތަކަށް ގެންދިއުމުގެ މަސައްކަތް ކޮށްފައިވަނީ އެ ހޮސްޕިތާލުގެ މުވައްޒަފުންނެވެ.