ޒަމާންވީ ހަތުރުންގެ ގޮތުގައި އޮތް އިސްރާއީލާ ފަލަސްޠީނު ސުލްހަ ކުރުމަށް އެމެރިކާއިން އެކުލަވާލާ ސުލްހައިގެ ޕްލޭން އާންމު ކުރުން، މިއަހަރުގެ ނޮވެމްބަރު މަހަށް ފަސްކުރެވިފައިވާކަމުގެ އިޝާރާތެއް، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ފަރާތްޕުޅުން މެދުއިރުމައްޗަށް ކަނޑައަޅާފައި ހުންނަވާ މުޝީރު ޖޭސަން ގްރީންބްލެޓް ކުރައްވައިފިއެވެ.

ގްރީންބްލެޓް ވިދާޅުވީ، މިހާރު ކަން ހިނގަމުންދާ ގޮތަށް ބަލާއިރު އިސްރާއީލުގެ އާ ސަރުކާރު އެކުލަވާލެވި ނިމެންދެކަށް މަޑުކުރަންޖެހުން އެކަށީގެންވެއެވެ. އެއީ ނޮވެމްބަރު 6 ވަނަ ދުވަހަށްވުރެވެސް ފަހުގެ ތާރީހަކަށްވުން އެކަށީގެންވާކަމަށްވެސް ގްރީންބްލެޓް ވަނީ އިޝާރާތްކުރައްވާފައެވެ.

އިސްރާއީލުގެ އާންމު އިންތިހާބުގެ ވޯޓުލުން މިދިޔަ އޭޕްރިލް މަހު ކުރިއަށް ގެންދިޔަ އިރު، ކުރިންވަނީ އެ އިންތިހާބަށްފަހު ސުލްހައިގެ ޕްލޭން އިއުލާންކުރާނެ ކަމަށް ބުނެ، ފަސްކޮށްފައެވެ. ނަމަވެސް އެ ފަހަރުގެ އިންތިހާބުގެ ނަތީޖާ ނިކުތް ގޮތުން، އިސްރާއީލުގައި ސަރުކާރެއް އެކުލަވާ ގޮތް ނުވެ، ސިޔާސީ މަސްރަހު ނުތަނަވަސްވެގެންދިޔައެވެ.

އެމެރިކާ ސަރުކާރުން މިހާރު ދަނީ މި ޕްލޭންގެ އިގުތިސޯދީ ހަމަތައް ބަލާ ދިރާސާކުރުމުގެ މަޝްވަރާތަކެއް، މިމަހުގެ ފަހުކޮޅު، ބަހްރައިންގައި ކުރިއަށް ގެންދިއުމަށް މަސައްކަތްކުރަމުންނެވެ. ނަމަވެސް ފަލަސްޠީނުންވަނީ މިމަޝްވަރާތައް ބޮއިކޮޓްކުރާނެ ކަމުގެ އިންޒާރު ދީފައެވެ. އެމެރިކާގެ ރައީސް، ޑޮނާލްޑް ޓްރަމްޕްގެ ސަރުކާރަކީ އިސްރާއީލާ ވީ ކޮޅަށް ބުރަވެފައިވާ ސަރުކާރެއް ކަމަށް ބުނެ، އިސްރާއީލުން ވަނީ އެމެރިކާގެ އަދުގެ ސަރުކާރު ބޮއިކޮޓްކޮށްފައެވެ.