މާލެއިން ހުޅުމާލެއަށް ދިއުމަށް ދުއްވަމުން ދިޔަ އެމްޕީއެލްގެ ދެބުރި ބަހެއްގެ ސީޓުގައި ބިދޭސީއަކު އިށީނަ ނުދިން މައްސަލައެއް ފެންމަތިވެއްޖެއެވެ.
ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި މާލެއިން ހުޅުމާލެއަށް ދިއުމަށް ދަތުރުކުރި ދިވެހި އަންހެނަކު އޭނާއަށް ފެނުނު މަންޒަރު ސިފަކޮށްދީފައި ވެއެވެ. އެގޮތުން އޭނާ ބުނެފައި ވަނީ، އާންމު އެހެން ދިވެހިންނެކޭ އެއްގޮތަށް ޓިކެޓް ކަނޑައިގެން، ތިން ބިދޭސީން ބަހަށް އެރުމަށްފަހު އޭގައި އެމީހުން ތިބެން ޖެހުނީ ކޮޅަށް ކަމަށެވެ. ހުޅުމާލެއަށް ދިއުމަށް ދަތުރު ފެއްޓި އިރުވެސް އެ ބަހުގައި ހުސް ސީޓުތައް ހުރި ކަމަށް އޭނާ ބުނެއެވެ. ނަމަވެސް އެ ބަހަށް އެރި ތިން ބިދޭސީން މަންޒިލާ ހަމަައަށް ދެވެން ދެން ތިބެން ޖެހުނީ ކޮޅަށެވެ.
އެ ތިން މީހުންގެ ތެރެއިން އެކަކު އެތަނުން ހުސް ގޮނޑިއެއްގައި އިށީނުމުން ބަހުގެ ކޮންޑަކްޓަރަކަށް ހުރި މީހާ އައިސް އެމީހާއާ ދިމާއަށް ހަރުކަށިކޮށް ބުނެފައި ވަނީ "އޭ ކޮޅަށް ހުރޭ" މިހެން ކަމަށް އެ އަންހެން ބުނެއެވެ. ބަލާ ބެލުމަށް އެ ބިދޭސީން ތިބީ ހަޑިވެ ކިލާވެފައި ހުރި އެއްޗެހީގައެއް ވެސް ނޫން ކަމަށާއި އެ އެންމެން ވެސް ތިބީ ތާހިރުކޮށް ކަމަށް އޭނާ ބުނެއެވެ.
އެ ބަހުގައި ދަތުރުކުރި މީހާއަށް ފެނުނު މަންޒަރު ސޯޝަލް މީޑިއާގައި ހާމަކުރަމުން އޭނާ ބުނެފައި ވަނީ އެ ބިދޭސީންނަކީ ވެސް ދިރި ތިބި އިންސާނުން ކަމަށާއި އެމީހުންގެ ވެސް އިހްސާސްތަކެއް ހުންނާނެ ކަމަށެވެ. މީގެ އިތުރުން އަދި އެމީހާ ބުނެފައި ވަނީ މި އަމަލު އޭނާ ކުށްވެރި ކުރާ ކަމަށެވެ. އަދި މީގެ ފަހުން އޭނާ ހުޅުމާލެއަށް ދަތުރުކުރަން ބަހުގެ ހިދުމަތް ބޭނުން ނުކުރާނެ ކަމަށެވެ.
މި ކަންކަން ހިއްސާކުރަމުން އޭނާ ބުނެފައި ވަނީ އެ ދަތުރުގައި ފެނުނު މަންޒަރުން އޭނާގެ މުޅި ހަޔާތުގައި ވެސް އެހާ ގަދައަށް އަދި ރުޅި ނާންނަ ކަމަށެވެ.
މި ޕޯސްޓްގެ ސްކްރީން ޝޮޓެއް ޓްވިޓާގައި އާންމުކޮށްފައިވާ އިރު މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ވަނީ އެ ޓްވީޓަށް ޖަވާބު ދީފައެވެ. އެމްޕީއެލްގެ ރަސްމީ ޓްވިޓާ އެކައުންޓުން ބުނެފައި ވަނީ، ގާނޫނާއި ހިލާފް ތަފާތު ކުރުންތަކަށް އެ ކުންފުނިން ފުރުސަތު ނުދޭނެ ކަމަށެވެ. އަދި ކުންފުނީގެ ގަވާއިދުތަކުގައިވާ ފަދައިން ހަމަހަމަކަމާ އެކު ދޭންޖެހޭ ފުރުސަތުތައް ފޯރުކޮށް ދިނުމަށް ނުކުޅެދިނުމަކީ އެ ކުންފުނިން ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައި ވެއެވެ.
އެ ކުންފުނީގެ ހުރިހާ މުވައްޒަފުން އެކުއެކީގައި ކުންފުނީގެ ގަވާއިދުތަކާއި، އަމަލުކުރަން ޖެހޭ އުސޫލުތަކަށް ބޯލެނބުމަށް އެމްޕީއެލުން ގޮވާލާފައި ވެއެވެ. އަދި މިއްސަލަ އެ ކުންފުނިން ބަލާނެ ކަމަށާއި އެކަމަށް އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށްވެސް އެމްޕީއެލުން ބުނެފައި ވެއެވެ.