ލ. ގަމުގައި މީހަކު ރަހީނުކޮށް އޭނާ އަތުން ފައިސާ ހޯދަން އުޅެނިކޮށް ފުލުހުން އަތުލައިގަނެފައި ވާ އިބްރާހިމް ފަޒީލްގެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް އަށް ފޮނުވައިފިއެވެ.
ފަޒީލް ގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތަކުގެ ތެރެއިން މޭ މަހުގެ 2 ވަނަ ދުވަހު ގެ ރޭ ލ. ގަމުގައި 44 އަހަރުގެ ފިރިހެނަކު ރަހީނުކޮށް ތޫނު އެއްޗަކުން ބިރުދައްކައި އޭނާގެ އަތުން ގިނަ އަދަދެއްގެ ފައިސާ ފޭރިގަންނަން އުޅުނު މައްސަލަ ޕީޖީއަށް ހުށަހަޅާފައި ވަނީ މިއަދު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ފަޒީލަކީ ގިނަ މައްސަލަ ތަކެއްގެ ތުހުމަތު ކުރެވޭ މީހެކެވެ. އެގޮތުން ލ. ފޮނަދޫއިން އެއަތޮޅު މާމެންދޫއަށް ދަތުރުކުރި ޑިންގީއެއް ބަންޑުން ޖަހާލައި އޭގައި އިން ޒުވާން އަންހެން މީހާ، ލ. މާމެންދޫ ޝިމާ ގެއްލުނު މައްސަލާގައި އެނާގެ މައްޗަށް ތުހުމަތު ވަނީ ކުރެވިފައެވެ. ޝިމާ ހޯދުމަށް އެމްއެންޑީއެފް އާއި ފުލުުހުން ގިނަ މަސައްކަތް ތަކެއް ކޮށްފައި ވީނަމަވެސް އޭނާ އަދި މިހާތަަނަށް ފެނިފައެއް ނުވެއެވެ.
އަދި ޝިމާ ހޯދުމުގެ މަސައްކަތް ކުރެވެމުން ދަނިކޮށް ޝިމާގެ ކޮއްކޮ ޑިންގީއަކަށް އަރުވައިގެން ފިލަން އުޅެނިކޮށްވެސް އޭނާ ވަނީ އަތުލައިގަނެފައެވެ.